އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރާ އެންޓި-ޓިއުބަކިއުލޮސިސް (ޓީބީ) ބޭސް ހަވާލުކޮށްފިއެވެ.
ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އިންޑިއާ އިން ހަދިޔާކުރާ ޓީބީއަށް ފަރުވާދިނުމަށް ބޭނުންކުރާ ބޭސްތައް އިންޑިއާ ހައި ކޮމިޝަނުގެ ފަރާތުން ހަވާލުކޮށްދެއްވީ ޗާޖް ޑެ އެފެއާޒް ރޯހިތު ރަތިޝްއެވެ. އަދި ރާއްޖޭގެ ފަރާތުން އެތަކެއްޗާ ހަވާލުވެވަޑައިގެންނެވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝާހު އަބްދުﷲ މާހިރެވެ.
ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ބުނީ މި އެންޓި-ޓީބީ ބޭސް ވެގެންދާނީ ރާއްޖެއިން 2025 ވަނަ އަހަރަށް ޓީބީގެ ބަލި ނައްތާލުމަށް ކުރަމުން އަންނަ މަސައްކަތަށް އިތުރު އެހީއެއްގެ ގޮތުގައި ކަމަށެވެ.
އިންޑިއާ އިން މިއަދު ހަދިޔާކުރި ބޭސްތަކުގެ ތެރޭގައި އެންޓި-ޓީބީގެ އެކި ބާވަތުގެ 27،000 އަށްވުރެ ގިނަ ޓެބްލެޓް ހިމެނޭ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ. މީގެ ތެރޭގައި މަލްޓި ޑްރަގް ރެސިސްޓަންޓް ޓިއުބަކިއުލޮސިސް (އެމްޑީއާރު-ޓީބީ) ވެސް ހިމެނޭ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އިންޑިއާ ހައި ކޮމިޝަނުން ބުނީ މި އެންޓި-ޓީބީ ބޭސްތައް ހަދިޔާކޮށްފައިވަނީ އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ނެޝަނަލް ޓިއުބަކިއުލޮސިސް އެލިމިނޭޝަން ޕްރޮގްރާމް (އެންޓީއީޕީ)ގެ ސްޓޮކްއިން ކަމަށެވެ.
ޓީބީ އަކީ ސަލާމަތްތެރިވެ އެއިން ފަރުވާ ހޯދޭ ފަދަ ބައްޔަކަށް ވިޔަސް، އެއީ ދުނިޔޭގައި އެންމެ ގަދައަށް ފެތުރި، އޭގެ ސަބަބުން އެންމެ ގިނަ މީހުން މަރުވަމުންދާ އެއް ބަލި ކަމަށް ދުނިޔޭގެ ސިއްހީ އިދާރާތަކުން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު