ލުއި ޚަބަރު

ފާރަވެރިޔަކަށް އެރި އޮޅުމަކުން ރާނީގެ ހަށިކޮޅަށް ބަޑިނުޖެހުނީ ހަމަކިރިޔާ!

1

އުމުރުފުޅުން މިހާރު 96 އަހަރުވީ އިނގިރޭސި ރާނީ އެލިޒަބަތު ދެވަނަޔަކީ އަވަހާރަފުޅު ލެއްޕެވުމުގައި ދަތިކަމެއް މެދުވެރިވާ އާލާސްކަންފުޅެއް ތަހައްމަލް ކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށާއި ރޭގަނޑުގެ ފުރަމެންދަމުވެސް ރާނީ ގިނިކަންޏާ ގަނޑުވަރުގެ ބަގީޗާތެރޭގައި ހިންގަވައި އުޅުއްވާ ކަމަށް ބަކިންހަމް ޕެލަސްގެ ކުރީގެ ފާރަވެރިޔަކު ބުނެފިއެވެ.

ކުރީގެ ފާރަވެރިޔަކު އިނގިރޭސި ނޫހަކަށް ދިން އިންޓަރވިޔުއެއްގައި ބުނެފައިވަނީ އެއްރޭ މެންދަމުން އަލިވެ ގާތްގަނޑަކަށް ތިނެއްޖެހިއިރު އޭނާ ޑިއުޓީގައި އިންދާ ބަކިންހަމް ގަނޑުވަރުގެ ބަގީޗާތެރެއިން ހިނގާފައިދާ ގޮތް ނޭނގޭ މީހެއްގެ ހިޔަންޏެއް ފެނިގެން އޭނާ ބަޑި އަމާޒުކޮށް އިންޒާރުވެސް ދޭން ޖެހުނު ކަމަށެވެ. ބަޑި އަމާޒުކޮށްފައި ތިޔައީ ކާކުހޭ، މިތަނަށް ވަދެގެން ތިޔައުޅެނީ ކީއްކުރަންހޭ އަހައި ސުވާލުކޮށް ކައިރިޔަށް ދިޔައީމާ އެނގުނީ އެމީހަކީ ރާނީ އެލިޒަބަތު ކަމެވެ. ދެން ވަރަށް އަދަބުވެރިވެފައި އަސްތާ ކަމަނާތޯއޭ މާފުކުރައްވާށޭ، ބަޑީގެ ތަންޑަށް ފިތައިނުލެވުނީ ކިރިޔާއޭ ދެންނެވީމާ ރާނީ ވަރަށް ހިނިފުޅުވެޑުވި ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ރާނީއަކީ ވަރަށް ސަމާސާ މިޒާޖުފުޅެއްގެ ބޭފުޅަކަށްވާތީ ޖަވާބުގައި ވިދާޅުވި ކަމަށް ފާރަވެރިޔާ ބުންޏެވެ. ކަލޭ ގޯހެއް ނުހަދައެވެ. ދެންފަހަރަކުން މިތަނަށް އަންނާނީ ކުރީބައިގައި އަންގައިފައެވެ. އޭރުން ބަޑިޖަހާކަށް ނުޖެހޭނެ ނޫންހެއްޔެވެ. މިއީ ރާނީޔާއި އެކަމަނާގެ އާއިލާގެ ބޭފުޅުން އަވަހާރަފުޅު ނުލެއްޕެވިގެން ގަނޑުވަރުގެ ބަގީޗާތެރޭގައި ހިންގަވަނިކޮށް ފާރަވެރިންނަށް ފެނުނު ފުރަތަމަ ފަހަރެއް ނޫނެވެ. މިއީ ވަރަށް ގިނައިން ދިމާވާ ކަމެކެވެ.

ރާނީގެ ދެވަނަ ދަރިކަލުން ޕްރިންސް އެންޑްރޫ އެއްރެއެއްގެ ދަންވަރު ގަނޑުވަރުގެ ބަގީޗާތެރޭގައި މިގޮތަށް ހިންގަވަނިކޮށް ބަޑި ދިއްކޮށްގެން އޭނާ ހުއްޓުވައި ކާކުކަން ދެނެގަންނާންވެސް ފާރަވެރިންނަށް ޖެހުނެވެ. އަވަހާރަފުޅު ނުލެއްޕެވުމުގެ ތުރާތައް ރާނީގެ ބައެއް ބޭފުޅުންނަށްވެސް ހަމައެގޮތަށް ތަހައްމަލް ކުރައްވަން ޖެހިވަޑައިގަންނަވާކަމަށް ބުނެވެއެވެ. އެހެންވެ އެބޭފުޅުން ދަންވަރުވެސް ބަގީޗާތެރެއަށް ނުކުމެވަޑައިގެން ބާރުބާރަށް ހިންގަވައެވެ.