ދިވެހިރާއްޖޭގެ ތާރީޚު

ދިވެހި ތާރީޚު: އަލީރާޖާއަކު އަވަހާރަވެގެން ދުވަހަކުވެސް ދިވެހިން ހިތާމަފާޅެއް ނުކުރެއެވެ.

އިމާދު ލަތީފު

ދިވެހި ތާރީޚުގެ ސަފުހާތައް ބަލައިއުޅޭ އެންމެނަށްވެސް ހޮޅީންނާއި މަލާބާރީންނާއި ކަންނަންނޫރާއި އަލީރާޖާ ފަދަ ނަންނަން އެނގޭނެއެވެ. އަލީރާޖާއިންނަކީ އިންޑިޔާގެ ހުޅަނގުދެކުނުގެ އައްސޭރީން ކާންނޫރޭ ކިޔުނު ރަށާއި ލަކްޝަދީބުގެ ރަށްތަކުގެ މައްޗަށް ވެރިކަން ހިންގި އަރައްކަލް ޚާންދާނުގެ ރަސްރަސްކަލުންނެވެ. ފިރިހެނަކު ވިއްޔާ ނަމުގެ ކުރިއަށް އަލީރާޖާއެވެ. އަންހެނަކު ވިއްޔާ ނަމުގެ ފަހަތަށް އަރައްކަލް ބީވީއެވެ. ކޮންމެއަކަސް މިއީ މަލަބާރު ކަރައިގައި އިސްލާމުންގެ ހަމައެކަނި ރަސްކަމެވެ. ކާންނޫރަކީ ވެރިރަށެވެ. އޮންނަނީ މަލާބާރު ކަރައިގެ އައްސޭރީގައެވެ. ވާހަކަ ދައްކައި އުޅެނީ ހޮޅިބަހުންނެވެ. މަލަޔާޅަމް ބަހުންނެވެ. މިސަބަބަށްޓަކައި ހޮޅީންނޭ، މަލާބާރީންނޭ ކިޔަނީއެވެ. ރަސްކަމުގައި ހުންނަ މީހާޔަށް ކަންނަންނޫރު އަލީރާޖާއޭ ކިޔަނީއެވެ.

މިދެންނެވި އަރައްކަލް ޚާންދާނުގެ ރަސްކަން ކަންނަންނޫރާއި ލަކްޝަދީބުގެ މައްޗަށް ދެމިއޮތީ މީލާދީން 1545 ވަނަ އަހަރުން ފެށިގެން މީލާދީން 1819 ވަނަ އަހަރާ ހަމައަށެވެ. މިރަސްކަމުގެ ފެށުމެއް ކަމަށް ބުނެވެނީ ހިންދީ ރާޖާއެއްގެ ދަރިކަނބަލުންނަށް އަލީއޭ ކިޔުނު ކޮންމެވެސް މުސްލިމަކާ ކައިވެނިކުރަން މަޖްބޫރުވެގެން އެ ކަައިވެންޏަށްފަހު ކާންނޫރާއި ލަކްޝަދީބުގެ ރަށްތައް މި ދެމަފިރިންނަށް ދެއްވީމާ އެތަނުގައި ފެށުނު ވަކި ރަސްކަމެއްގެ ގޮތުގައެވެ. އެހެން ރިވާތައްވެސް ހުރެއެވެ. އަރައްކަލް ޚާންދާނުގެ ވެރިކަން ނިމި ރަމްޒީ ބަޔަކަށް ބަދަލުވީ އިނގިރޭސީން 1819 ގައި ކާންނޫރަށް ގަދަވެގަތުމުންނެވެ. ކޮންމެއަކަސް ކުރިން ދެންނެވި 274 އަހަރުގެ ތެރޭގައި އަލީރާޖާއިންނާއި ބީވީންގެ ދުއްތުރާތައް އެކިގޮތްގޮތުން ކިތަންމެ ފަހަރަކު ދިވެހީންނަށް ވަނީ ކުރިމަތިވެފައެވެ.

އަލީރާޖާ އަލީގެ ނަމުގައި އަރައްކަލް ޚާންދާނުގެ ފުރަތަމަ ރަސްގެފާނުގެ ވެރިކަން ކަންނަންނޫރާއި ލަކްޝަދީބުގެ މައްޗަށް 1545 ގައި ފެށުނު އިރު ދިވެހި ރަސްކަމުގައި އިންނެވީ ހިލާލީ ވަންހައިގެ ސުލްތާން ހަސަން ޝިރާޒީއެވެ. އެދުވަސްވަރަކީ ދިވެހި ރަސްކަންވެސް ނިކަން ގަޑުބަޑު ދުވަސްކޮޅެކެވެ. އެހެންވީމާ ދިވެހިރާއްޖެ ހިފުމަށް އެދުވަސްވަރުން ފެށިގެންވެސް އަލީރާޖާ ގެންދެވީ މަސައްކަތް ކުރައްވަމުންނެވެ. ހިލާލީންގެ ރަސްކަމުގެ ފަހުކޮޅާއި އުތީމު ޚާންދާނުގެ ރަސްކަމުގެ ތެރޭގައިވެސް ހޮޅީންގެ ދުއްޕާން ވަރަށް ބޮޑެވެ. އިސްކަންދަރު އެއްވަނައިގެ ރަސްކަމުގެ ތެރޭގައި މީލާދީން ސޯޅަސަތޭކައިގެ އަހަރުތަކުގެ މެދުތެރޭގައި ހޮޅީންގެ އަތުން މަލިކު ހިފައި ދިވެހި ރަސްކަމުގެ ދަށަށް ގެންނާން ޖެހުނީވެސް ހޮޅީންގެ ތުރާތައް ބޮޑުވެގެން އެމީހުން ބަލިކަށި ކުރުމުގެ ގޮތުންނެވެ.

މަލިކުގެ ހާދިސާޔަށްފަހު ހޮޅީންގެ ދުއްޕާން ދިވެހީންނަށް ނުފޯރައި ދުވަސްތަކެއް ފާއިތުވެގެން ދިޔުމަށްފަހު ދެން އަލުން މިކަން ފެށުނީ އިސްކަންދަރު ރަސްގެފާނު އަވަހާރަވުމަށްފަހު އެވެ. ދިޔަމިގިލީ ޚާންދާނުގެ ރަސްކަމުގެ ދުވަސްވަރު މިކަން ފާލުން ނެއްޓި އެންމެފަހުން ސުލްތާން މުކައްރަމް މުހައްމަދު އިމާދުއްދީނުގެ ރަސްކަމުގެ ދުވަސްވަރު ހޮޅީން މާލެއަށް އަރައި ރާއްޖެ ހިފައި ދެތިން މަހަކަށް މިތާގައި ދެމިތިބެއްޖެއެވެ. މިކަމެއް ހިނގީ މީލާދީން 1752 ގައެވެ. އޭރު ކަންނަންނޫރުގައި ހުންނެވި އަލީރާޖާއަކީ އަލީރާޖާ ކުންހި އަމްސާ ދެވަނައެވެ. މީނާގެ ނަމުގައި ރާއްޖޭގައި ވެރިކަން ހިންގީ މަލިކު މީހެކެވެ. އެދުވަސްވަރަކީ އަލީރާޖާއިންގެވެސް އެންމެ ރަން ޒަމާނެވެ. މި ކުންހި އަމްސާ އަލީރާޖާއަކުވެސް ތިރީސް އަހަރަށް ކަންނަންނޫރުގައި ވެރިކަން ކުރެއްވިއެވެ.

މަލާބާރީން ބަލިކުރައްވައި ދިވެހިރާއްޖެއިން އެމީހުން ފައްސަވައިލެއްވީ ހަމައެއަހަރު ދޮން ބަންޑާރައިންނެވެ. ދެންވެސް އަލީރާޖާއިންގެ ދުއްޕާން މުޅިއަކުން ނުކެނޑެއެވެ. މިހެން މިކަންތައް ހިނގަމުން އައިސް އަލީރާޖާގެ ފަރާތުން މިރާއްޖެ ހިފާން އެންމެ ފަހުން މަސައްކަތެއް ކޮށްފައިވަނީ މީލާދީން 1819 ވަނަ އަހަރު އަލީރާޖާ ބީވީ ޖުނުމާބީގެ އެންގެވުމަކަށެވެ. އޭރު ދިވެހިރާއްޖޭގެ ރަސްކަމުގައި އިންނެވީ ދޮންބަންޑާރައިންގެ ކާފަދަރިކަލުން ސުލްތާން މުހައްމަދު މުއީނުއްދީނު އެއްވަނައެވެ. އަލީރާޖާގެ ފަރާތުން ލަޝްކަރެއް އެބަ އަންނަކަން މާކުރީގައި ދިވެހީންނަށް އެނގިގެން ހަނގުރާމައިގެ ތައްޔާރީތައް ވަމުންދަނިކޮށް 1819 ވަނަ އަހަރު މާލެއަށް އައި މަލިކު އޮޑިޔަކުން ލިބުނު ޚަބަރަކީ އަލީރާޖާ ބީވީ ޖުނުމާބީ އަވަހާރަވި ޚަބަރެވެ. އެހިސާބުން ދެން މަލާބާރީންގެ ތުރާތައްވެސް ނިމުނީއެވެ.

މަލާބާރީންގެ ދުއްތުރާތަކުން ދިވެހީން ސަލާމަތްވީމާ ދިވެހިން އެކަމާ ވަރަށް ބޮޑަށް އުފާފާޅުކޮށް އުޅުނެވެ. ޒަމާންވީ ދުޝްމަނެއްގެ ކިބައިން މިންޖުވުމުން ދެން ކުރާނޭ ހުރިހާ ކަމެއްވެސް ކުރިއެވެ. އެކަމަކު ދާދިފަހުން ކޮންމެވެސް ޓީވީ ޕްރޮގްރާމެއްގައި ކޮންމެވެސް ބޭފުޅަކު ވިދާޅުވި އަޑު އެހީމެވެ. އަލީރާޖާ ބީވީ އަވަހާރަވީމާ ދިވެހިރާއްޖޭގައި ހިތާމަ ފައުޅުކޮށް ތިން ހަތަރު މަސްވަންދެން ފާތިހާ ކިޔަވައި ހެދިއެވެ. މުއީނުއްދީނާއި އެ އަލީރާޖާ ބީވީޔަކާ ދެމެދު އޮތީ މާވަރުގަދަ ހިކުމަތްތެރި ގުޅުމެކެވެ. ސިޓީބިޓީވެސް ބަދަލުކުރެވެއެވެ. މުޅިންވެސް ހޮޅި ވާހަކައެވެ. ހިތާމަފާޅުކުރީއެއް ނޫނެވެ. އުފާފާޅުކުރީއެވެ. ހަނގުރާމައަކަށް ތައްޔާރުވާން ތިއްބައި ދުޝްމަނުންގެ ވެރިޔާ މަރުވިކަން އެނގި ހަނގުރާމައިގެ ބިރުވެރިކަމުން މިންޖުވީމާ އެކަމާ ހިތާމަކުރާނޭ ބަޔަކު ތިބޭނެ ބާވައެވެ.