މެރިޓައިމް ދާއިރާއިން ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އަންހެން ކަނބަލުންގެ ދުވަހުގެ ގޮތުގައި މެއި މަހުގެ 18 ވަނަ ދުވަސް ކަނޑައަޅައިފިއެވެ.

މެރިޓައިމް ދާއިރާގެ އަންހެނުންގެ ދުވަހުގެ ގޮތުގައި، ކޮންމެ މެއި މަހެއްގެ 18 ވަނަ ދުވަސް ފާހަގަކުރަން ކަނޑައަޅާފައި ވަނީ އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ)ގެ 32 ވަނަ ޖަލްސާގައެވެ.

އެއީ އައިއެމްއޯގެ 31 ވަނަ ޖަލްސާގައި ފާސް ކުރެވުނު، "2019 ވަނަ އަހަރަށް ކަނޑައަޅާފައިވާ ވޯލްޑް މެރިޓައިމް ތީމްގެ ލެގަސީ ކުރިއަރުވައި، މެރިޓައިމް ދާއިރާއިން އަންހެން ކަނބަލުންނަށް ހުރަހެއްނެތް މަސައްކަތުގެ މާހައުލެއް ހޯދައިދިނުން" މި ގަރާރާ ގުޅިގެން ކަނޑައެޅުނު ދުވަހެކެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނީ މެރިޓައިމް ދާއިރާގައި އަންހެން ކަނބަލުން ބައިވެރިކުރުމާއެކު، މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށްވެސް އައިއެމްއޯއިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މެރިޓައިމް ދާއިރާގެ އަންހެން ކަނބަލުން ކުރަމުން އަންނަ މަސައްކަތުގެ އަގުވަޒަންކުރުމަށް މިނިސްޓްރީން ވަނީ ގޮވާލައިފައެވެ.

މެރިޓައިމް ދާއިރާއަށް އަންހެނުން ރެކްރޫޓް ކުރުމާއި ދާއިރާގައި މަސައްކަތުގައި ދެމިތިބުމަށް ހިތްވަރުދިނުމާއި ދެމެހެއްޓެނިވި ގޮތެއްގައި ވަޒީފާ އަދާކުރުމާއި މެރިޓައިމް ދާއިރާގައި މިހާރު އޮތް ޖެންޑާ އިމްބެލެންސް ހައްލުކުރުމަށާއި އަންހެނުންގެ ބައިވެރިވުން މި ދާއިރާގައި އިތުރުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ އިރު، ސަރުކާރުން އެކުލަވާލާ މި ދާއިރާއާ ގުޅޭކަންކަމުގައި އަންހެން ކަނބަލުންނަށް އިސްކަންދިނުމަށް މިގެންދަނީ މަސައްކަތް ކުރަމުން،" މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީގެ އަމާޒަކީ މެރިޓައިމް ސިނާއަތުގައި ޖެންޑާ އިމްބެލެންސް ނައްތާލައި މެރިޓައިމް ސިނާއަތަކީ އެންމެންނަށް ހަމަހަމަ ފުރުސަތު ލިބިގެންދާނެ ދާއިރާއަކަށް ހެދުން ކަމަށްވެސް ބަޔާނުގައިވެއެވެ.

މިނިސްޓްރީން ވަނީ މި ދާއިރާއަށް ވަނުމަށް އަންހެނުންނަށް ހުރި ހުރަސްތައް ގިރާކޮށް، މެރިޓައިމް ކޮމިއުނިޓީގައި އެންމެންގެ ބައިވެރިވުން ހިމެނޭގޮތަށް، މި ދާއިރައިން އަންހެނުންނަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމަށް ހުރިހާ ބައިވެރިންނަށް ގޮވާލައިފައެވެ.