ޚަބަރު

"އެކްސްޕްލޯ އިން މޯލްޑިވްސް" ނަމުގައި ހިންގާ ޓްރެވެލް އޭޖެންސީއެއްގެ ބޮޑު ސްކޭމެއް، ހުއްދަ ބާތިލުކޮށްފި

މުހައްމަދު ޖަމްޝަތް ވަހީދު

ރާއްޖޭގެ ރިސޯޓު ތަކާއި ގެސްޓް ހައުސްތަކުން ބުކިން ހައްދައިދޭނެ ކަމަށް ބުނެ ޓޫރިސްޓުންގެ އަތުން ފައިސާ ނެގުމަށް ފަހު ބުކިން ނުހައްދައި އޮޅުވައިލުމުގެ އަމަލުތަކެއް ހިންގި ޓްރެވެލް އޭޖެންސީއެއްގެ ލައިސަންސް ޓޫރިޒަމް މިނިސްޓްރީން ބާތިލުކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އަބްދުﷲ ޝަރީފް 'ވަން' އަށް މިއަދު ވިދާޅުވީ "އެކްސްޕްލޯ އިން މޯލްޑިވްސް" ގެ ނަމުގައި ރަޖިސްޓްރީކޮށް ހިންގަމުން އައި އޭޖެންސީ އަކާއި ދެކޮޅަށް އެތައް މައްސަލައެއް މިނިސްޓްރީއަށް ހުށަހެޅިފައިވާ ކަމަށެވެ.

އޭޖެންސީގެ ފަރާތުން މިހާތަނަށް އޭގެން އެއްވެސް މައްސަލައަކަށް ޖަވާބުދާރީ ވެފައި ނުވާ ކަމަށާއި މިދިޔަ ޖެނުއަރީ މަހުން ފެށިގެން މިނިސްޓްރީގެ ފޯނު ކޯލަކަށްވެސް އަދި އީމެއިލަކަށްވެސް އެ އޭޖެންސީން ޖަވާބު ދީފައިނުވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.

"ގެސްޓުން އަތުން ފައިސާ އަތުލުމަށް ފަހު ރިސޯޓުތަކުގައި ބުކިން ނުހައްދައި އަދި ރިސޯޓުތަކަށް ފައިސާ ނުދައްކާ މައްސަލަތަކެއް މިނިސްޓްރީއަށް ހުށަހެޅުނީ. އެ ޝަކުވާތަކަށް ޖަވާބުދާރީ ވާން ފުރުސަތުވެސް ދެވުނު. ނަމަވެސް މިހާރު އަޅުގަނޑުމެން ގުޅައިގެން ފޯނަށްވެސް ޖަވާބެއް ނުދޭ. މެއިލަކަށް ވެސް ޖަވާބެއް ނުދޭ" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އެ އޭޖެންސީ އޮޕަރޭޓިން ލައިސަންސް ވަގުތީގޮތުން ބާތިލުކޮށްފައިވާ ކަމަށެވެ. އަދި އެ އެޖެންސީއާ ގުޅިގެން ފާހަގަކުރެވުނު މައްސަލަތައް ފުލުހުންނަށްވެސް މިހާރު ހުށަހަޅާފައިވާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

ދާދި އެއް ނަމެއްގައި ދެ ކުންފުންޏެއް!

"ވަން" އިން މިހާތަނަށް ބެލިބެލުމުން އެ އޭޖެންސީ ރަޖިސްޓްރީ ކޮށްފައިވަނީ މުހައްމަދު ހަމްޒާ ނަމަކަށް ކިޔާ މީހެއްގެ ނަމުގައެވެ. އަދި 2018 ވަނަ އަހަރުގައި ރަޖިސްޓްރީކޮށްފައިވާ "އެކްސްޕްލޯ އިން މޯލްޑިވްސް" ރަޖިސްޓްރީކޮށްފައިވަނީވެސް ރާއްޖޭގައި ހިންގަމުން އަންނަ އެހެން އޭޖެންސީ އަކާއި ދާދި އެއް ނަމެއްގައެވެ. އެއީ "އެކްސްޕްލޯ މޯލްޑިވްސް" ކިޔާ އޭޖެންސީއެކެވެ.

އެކްސްޕްލޯ މޯލްޑިވްސް އަކީ 1994 ވަނަ އަހަރުން ފެށިގެން އޮޕަރޭޓް ކުރަމުން އަންނަ އޭޖެންސީ އެކެވެ. އެކްސްޕްލޯ މޯލްޑިވެސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މަމްދޫހު "ވަން" އަށް ވިދާޅުވި ގޮތުގައި އެކްސްޕްލޯ އިން މޯލްޑިވްސް އިން ހިންގާފައިވާ ސްކޭމްތަކުން ހުރިހާ ގެއްލުމެއް ވަނީ އޭނާގެ އޭޖެންސީ އަށެވެ. އެކްސްޕްލޯ އިން މޯލްޑިވްސްގެ ދަލުގައި ޖެހުނު އެތައް ފަތުރުވެރިއެއްގެ ޝަކުވާ އޭނާގެ އޭޖެންސީއަށް ވެސް އަންނަ ކަމަށާއި އެ ސްކޭމްތަކުގެ ސަބަބުން އޭނާގެ އޭޖެންސީ ބަދުނާމުވެފައިވާ ކަމަށް މަމްދޫހު ވިދާޅުވިއެވެ.

މަމްދޫހު ވިދާޅުވި ގޮތުގައި އެކްސްޕްލޯ މޯލްޑިވްސްގެ ނަމާ ދާދި އެއްގޮތަކަށް ކުންފުންޏެއް ރަޖިސްޓްރީ ކޮށްފައި އޮތުމުން އެ މައްސަލަ ޓްރޭޑް މިނިސްޓްރީއަށް ވެސް އޭނާ ހުށަހެޅި ކަމަށެވެ. ނަމަވެސް މިނިސްޓްރީން ނަން ރަޖިސްޓްރީ ކޮށްދީފައި އޮތީ ރަނގަޅަށް ކަމަށް ބުނެ ދޫކޮށްލީ ކަމަށާއި ސްކޭމްތަކުން އޭނާގެ އޭޖެންސީއަށް ލިބެމުން އައި ޝަކުވާތަކުގެ މައްސަލަ ފުލުހަށް ހުށަހަޅައިގެންވެސް ކުރިއެރުމެއް ލިބިފައިނުވާ ކަމަށް މަމްދޫހު ވިދާޅުވިއެވެ.

"ޓްރޭޑް މިނިސްޓްރީއަށް އެތައް ފަހަރު މަތިން މައްސަލަ ހުށަހެޅީމަވެސް ބުނީ ނަން ރަޖިސްޓްރީކޮށްފައި އޮތީ ރަނގަޅަށް ކަމަށް. އެހެންވެ އަޅުގަނޑު ގަސްތުގަ ބެލިން އެގޮތަށް އެއްގޮތް ނަންތަކުގަ ވިޔަފާރި ރަޖިސްޓްރީ ކޮށްދޭތޯ. ވިލާއިން މޯލްޑިވްސް އާ، އެގޮތަށް. އެހެން ހެދުމުން އަޅުގަނޑަށް ދިން ޖަވާބަކީ އެނަންތަކާ އެއްގޮތަށް ރަޖިސްޓްރީ ނުކުރެވޭނެ ކަމަށް. ކުދި ވިޔަފާރިތައް ވީމަ ހަމަ އަޅައިނުލަނީ މިނިސްޓްރީންވެސް" މަމްދޫހު ވިދާޅުވިއެވެ.

އެކްސްޕްލޯ އިން މޯލްޑިވްސް ގެ މަކަރާއި ހީލަތުގައި ޖެހިފައިވަނީ ކިތައް މީހުން ކަމެއް ސާފުވާ ގޮތް ވަނީ ނުވެފައެވެ. ނަމަވެސް މި އޭޖެންސީން މައިގަނޑުކޮށް އަމާޒުކޮށްފައި ހުރީ އަރަބި މާކެޓަށެވެ. އެއީ މަމްދޫހުގެ އެކްސްޕްލޯ މޯލްޑިވްސް އިންވެސް މައިގަނޑުކޮށް ފަތުރުވެރިން ގެންނަ މާކެޓެކެވެ.