ޚަބަރު

ހައިކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރަން ފޮނުވީ ގާނޫނީ ހުރިހާ އިޖުރާއަތްތައް ފުރިހަމަވާ ގޮތަށް: ޖޭއެސްސީ

އިބްރާހިމް ޒަކީ

ހައިކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ އަބްދުﷲ ހަމީދާއި އަބްދުއްރައޫފް އިބްރާހިމް ފަނޑިޔާރުކަމުން ވަކިކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވި މައްސަލަ، މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ދިރާސާ ކުރުމަށްފަހު، އިޖުރާއަތްތައް ފުރިހަމަ ނުވާ ކަމަށް ބުނެ އެ މައްސަލަ އަލުން ބެލުމަށް ޖޭއެސްސީއަށް ފޮނުވާލާފައިވާ އިރު، ޖޭއެސްސީން އެ މައްސަލަ މަޖިލީހަށް ފޮނުވީ ގާނޫނުގައި ބަޔާންކޮށްފައިވާ އެންމެހައި އިޖުރާއަތުތައް ފުރިހަމަވާ ގޮތަށް ކަމަށް ޖޭއެސްސީން ބުނެފިއެވެ.

އެ މައްސަލައަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމި ނިންމުމާ ގުޅިގެން ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ޖުޑިޝަރީ ކޮމިޓީން ފާހަގަ ކޮށްފައިވާ އެއް ކަމަކީ މައްސަލައިގެ ސީޣާއާ ނުގުޅޭ ކަންތައްތަކަކަށް ރިއާޔަތްކޮށްފައިވުމެވެ. ނަމަވެސް އެ ދެ ފަނޑީޔާރުންނާ މެދު އެ ކޮމިޝަނުން ބަލަން ނިންމި ސުލޫކީ މައްސަލައިގެ އިބާރާތުގައި އޮންނަނީ، މައްސަލަ ރައްދުވާ ފަނޑިޔާރުން ގާނޫނު އަސާސީ އާއި ގާނޫނާ ހިލާފަށް އިނާޔަތެއް ލިބިގަނެ ބަލައިގެންފައިވާ މައްސަލައެއްގެ ގޮތުގައި ކަމަށްވެސް ބުނެފައިވެއެވެ.

"މައްސަލައިގެ މައިގަނޑު ނިންމުމަކީ 20،000 ރުފިޔާގެ ޑައުން ޕޭމަންޓަކަށް ކުރީގެ ހައުސިން މިނިސްޓްރީ މެދުވެރިވެ މާލެއިން ފްލެޓް މި ދެ ފަނޑިޔާރުން ގާނޫނުއަސާސީއާ ހިލާފަށް ހޯދާފައިވާތީ، އެކަން އެ ގޮތުގެ މަތިން ހިނގާފައިވާކަން ސާބިތުވާ ކަމެއް. މައްސަލައިގެ ސީޣާއިން ނުވަތަ މައުލޫއިން ބޭރުން އެއްވެސް ކަމެއް ތަހުގީގުކުރެވި ގޮތް ނިންމާފައި ނުވޭ،"

ކޮމިޓީން ފާހަގަކޮށްފައިވާ އަނެއް ކަމަކީ، މައްސަލަ ނިމުނުގޮތުގެ ރިޕޯޓަށް ނުވަތަ ފައިނަލް ރިޕޯޓަށް ޖަވާބުދާރީވުމުގެ ފުރުސަތު ދީފައި ނުވާ މައްސަލައެވެ. އެ މައްސަލަ ނިންމަން ފެންނަ ގޮތް ކަނޑައަޅައި ތައްޔާރުކުރާ، މައްސަލަ ނިމުނު ގޮތުގެ ރިޕޯޓަކީ ޖޭއެސްސީގެ ގާނޫނުގައި ބަޔާންކުރާ ފަދައިން ސީދާ ކޮމިޝަނަށް ހުށަހަޅައި ކޮމިޝަނުން ގޮތެއް ނިންމަން ޖެހޭ ރިޕޯޓެއް ކަމަށްވެސް ބުނެފައިވެއެވެ.

"ގާނޫނުގައި ބަޔާންކުރަނީ މައްސަލައާމެދު ގޮތެއް ނިންމުމުގެ ކުރިން ނުވަތަ މައްސަލަ ނިމުނުގޮތުގެ ރިޕޯޓް ތައްޔާރުކުރުމުގެ ކުރިން ތަހުގީގު ރިޕޯޓެއް ތައްޔާރުކޮށް ލިޔުމުން އަދި އަނގަބަހުން ޖަވާބުދާރީވުމަށް ފުރުސަތު ދޭން ޖެހޭނެ. ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް އަދި ފަނޑިޔާރު އަބްދުﷲ ހަމީދުއާމެދު މި ކޮމިޝަނުން ތަހުގީގުކުރި ސުލޫކީ މައްސަލައިގައި، މައްސަލައިގެ ތަހުގީގު ރިޕޯޓް ހިއްސާކޮށް އެރިޕޯޓަށް ލިޔުމުން ޖަވާބުދަރީވުމަށް ފުރުސަތު ދީފައިވޭ. އެ ފުރުސަތުގެ ބޭނުން ފަނޑިޔާރުން ހިފައި ޖަވާބުދާރީވެފައި ވެސްވޭ. އަދި ހަމައެހެންމެ، މައްސަލައާ މެދެ ގޮތެއް ނިންމުމުގެ ކުރިން ބާއްވަން ޖެހޭ ފަހުގެ އަޑުއެހުމަށް ހާޒިރުވެ ޖަވާބުދާރީވުމުގެ ފުރުސަތު ވެސް އެ ދެ ފަނޑިޔާރުންނަށް ދެވިފައިވޭ،" ޖޭއެސްސީން ބުންޏެވެ.

ޖޭއެސްސީގެ ގާނޫނަށް އެންމެފަހުން ގެނައި އިސްލާހުގައި މައްސަލަ ނިމުނުގޮތުގެ ރިޕޯޓު ނުވަތަ ފައިނަލް ރިޕޯޓަށް ޖަވާބަދާރީ ވުމުގެ ފުރުސަތު ދޭންޖެހޭނެ ކަމަށް ބަޔާންކޮށްފައިނުވާ ކަމަށާއި ފަނޑިޔާރުން މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހެޅި މައްސަލަތަކާ ގުޅިގެން، މި ގޮތުގެމަތިން ހިންގާފައިވާ ތަހުގީގުތަކަކީ އިޖުރާއަތާ އެއްގޮތަށް ހިންގާފައިވާ ތަހުގީގުތަކެއް ކަމަށް ޖުޑިޝަރީ ކޮމިޓީން ނިންމައި މީގެ ކުރިން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ޖުޑީޝަރީ ކޮމިޓީން ފާހަގަ ކޮށްފައިވާގޮތަށް، ދެ ފަނޑިޔާރުންގެ މައްސަލަ ތަހުގީގުކުރުމަށް ދެ ކޮމިޓީއެއް ހަދާފައި ނުވާނެ ކަމަށާއި ނަމަވެސް މައްސަލަ ތަހުގީގުކުރި ކޮމިޓީގައި ހިމެނޭ މެމްބަރަކު ކޮމިޓީން ވަކިވުމުން އެ މެމްބަރުގެ ބަދަލުގައި ކޮމިޓީއަށް އެހެން މެމްބަރަކު އައްޔަނުކުރި ކަމަށާއި އެކޮމިޓީއަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށްވެސް ބުނެފައިވެއެވެ.

އެ ދެ ފަނޑިޔާރުން ވަކިކުރަން ނިންމައި ޖޭއެސްސީން އެ މައްސަލަ މަޖިލީހަށް ފޮނުވީ ގާނޫނުއަސާސީގެ 152 ވަނަ މާއްދާއާ ހިލާފަށް، ފަނޑިޔާރުންނަށް ސަރުކާރުން ދޫކުރި ފްލެޓްތަކެއް ހާއްސަ އަގުތަކެއްގައި ބައްލަވައިގަނެފައިވާ ކަމަށާއި އަދި އެކަމުގެ ބަދަލެއްގެ ގޮތުން ހައިކޯޓުގެ ގަޒިއްޔާއެއްގެ ހުކުމް ކުރުމަށް ނިންމިކަމަށް ތުހުމަތުކޮށް ހުށަހެޅި މައްސަލައެއް، އެ ދެ ފަނޑިޔާރުންގެ މައްޗަށް ސާބިތުވެފައިވާ ކަމަށް ބުނެއެވެ.