ޚަބަރު

ކާޑެއްދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ފަށައިފި

ސަރަހައްދީ އެއާޕޯޓުތަކުގެ ތެރޭގައި ހިމެނޭ ގދ. ކާޑެއްދޫ ބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތްތައް ފަށައިފިއެވެ.

މި މަޝްރޫއުގެ ކޮންޓްރެކްޓަރަކީ އެމްޓީސީސީ އެވެ. އެކުންފުނިން ވަނީ މި މަޝްރޫއުގެ އަމަލީ މަސައްކަތް މިދިޔަ ހޯމަ ދުވަހު ފަށައިފައެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ 9.52 މިލިޔަން ރުފިޔާއަށެވެ. މިމަޝްރޫއުގެ ދަށުން، 170 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 890 އަކަ މީޓަރުގެ ސަރަހަދެއްގައި ހާބަރ ޕޭވްމެންޓް ހެދުން ހިމެނެއެވެ.

އެމްޓީސީސީން މި މަޝްރޫއު ފަށާފައިވާއިރު އެރަށުގެ ބަނދަރުގެ ބޭނުންކުރަމުން އައި ޖެޓީގެ ބޮޑު ބައެއް މި އަހަރު ކުރީ ކޮޅު ވަނީ ވެއްޓިފައެވެ. އަދި ޖެޓީގެ ބޮޑުބައެއް ވެއްޓިފައިވުމުން އެރަށަށް އަންނަ މީހުން ބޭނުންކުރަމުން އައީ ޖެޓީން ނުވެއްޓި ހުރި ކުޑަ ތަންކޮޅެކެވެ.