މާލޭގެ މަގުތަކުގައި ހުރި ކާނުތަކުގެ ތެރެއިން ހަލާކުވެފައިވާ ކާނުތައް ރަނގަޅު ކުރުމުގެ މަސައްކަތް ހުއްޓިފައި އޮތީ ކާނުތަކުގެ މަތިގަނޑު ނުލިބޭތީ ކަމަށް މާލެސިޓީ ކައުންސިލުން ބުނެފި އެވެ.
މާލޭގެ މަގުތަކުގެ ކާނުގަނޑުތައް ހަލާކުވެ ބައެއް މީހުންނަށް އޭގެ ސަބަބުން އަނިޔާ ވަމުންދާ ކަމަށްބުނެ ސޯޝަލް މީޑިއާގައި ބަޔަކު އަޑު އުފުލި އެވެ. އަދި މިކަން ހައްލު ކުރަން ސިޓީ ކައުންސިލުން މަސައްކަތް ނުކުރާ ކަމަށްވެސް ބުނެފައިވެ އެވެ.
މިކަމާ ގުޅިގެން މާލެސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް "ވަން" އަށް މިއަދު ވިދާޅުވީ ހަލާކުވެފައި ހުރި ކާނުގަނޑުތައް މަރާމާތު ކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރާ ކަމަށެވެ. ނަމަވެސް މިހާރު އެ މަސައްކަތް ހުއްޓިފައި ހުރީ ކާނުތަކުގެ މަތި ހުސްވެފައިވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަރީޝް ވިދާޅުވީ ކާނުތަކުގެ މަތި ހެދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި ގާތްގަނޑަކަށް މަހެއްހާ ދުވަސް އެކަމަށް ނަގާނެ ކަމަށެވެ. އަދި ކާނުތައް މީހުންނަށް އަނިޔާ ނުވާގޮތަށް ރަނގަޅު ކުރެވެން އޮތް ގޮތަކަށް މިވަގުތަށް ރަނގަޅު ކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލޭގެ އެކި ހިސާބުތަކުގައި ފެން ބޮޑުވާ މައްސަލައަކީ އަބަދުވެސް ދިމާވާ މައްސަލައެކެވެ. ކާނުތައް ސާފު ނުކުރާ ކަމަށްބުނެ ސޯޝަލް މީޑިއާގައި ބަޔަކު ކަންބޮޑުވުންފާޅުކޮށްފައިވާތީ މިކަމާ ގުޅިގެން ނަރީޝް ވިދާޅުވީ ކާނު ސާފުކުރުމުގެ މަސައްކަތަކީ އަބަދުވެސް ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ. އަދި މިހާރުވެސް އެ މަސައްކަތްތައް މާލޭގެ އެކި ސަރަހައްދުތަކުގައި ކުރަމުން އަންނަ ކަމަށެވެ.
"ކާނުތައް ސާފުކުރުމަކީ އެއް ދުވަހަކުން ކުރެވޭނެ ކަމެއް ނޫން. އަޅުގަނޑުމެންގެ ޓީމުން ހަރަކާތްތެރިވަމުން ދަނީ ކާނުތައް ސާފުކުރުމުގަ. މާލޭގެ އެކި ސަރަހައްދުގެ ކާނުތައް ސާފުކުރޭ އެބަ މިހާރުވެސް. އެއީ ބުރަ މަސައްކަތެއް. ޓައިމް ނަގާނެ ދެއްތޯ. އެކަމަކު ވީހާވެސް ބޮޑަށް ފެން ހެދޭ މަގުތަކަށް އިސްކަންދެމުން އެ މަސައްކަތް ކުރިއަށްދޭ." އޭނާ ވިދާޅުވި އެވެ.
ފެންބޮޑުވުމަށް ހައްލު ހޯދުމަށް މާލޭގެ މަގުތައް އެކި ފަހަރުމަތިން މަރާމާތުކޮށްފައިވީނަމަވެސް އެކަމަށް މިހާތަނަށް އެދެވޭ އެއްވެސް ހައްލެއް ލިބިފައެއް ނެތެވެ. ހާއްސަކޮށް އަމީނީ މަގަކީ އާންމުކޮށް ފެންބޮޑުވާ މަގަކަށްވުމުން އެކަން ހައްލުކުރުމަށް އެ މަގުގައި ތާރު އެޅުމަށް މިހާރު ސިޓީ ކައުންސިލުން ވަނީ ނިންމާފަ އެވެ.