ޚަބަރު

ފިރިމީހާ މަރުވިތާ ފަސް މަސް، ހަގުދަރިފުޅުގެ މަރާއެކު ހިތް ކުދިކުދި!

ރިފާ ހަލީލު

5

"އެއީ މީހަކަށް ލިބޭނެ އެންމެ ރަނގަޅު ދަރި. އެ ކުއްޖާގެ ބައްޕަ މަރުވުމާއެކު އާމްދަނީ ހޯދޭނެ ގޮތެއް ބެލި. ހުރިހާ ޒިންމާއެއް ނަގަން ތައްޔާރުވި. ދަމު ނަމާދު ކުރާނެ، ހުރިހާ ނަމާދެއް ވަގުތަަށް ކުރާނެ. ދެން އެ ކުއްޖާގެ އަޖަލު ހަމަވީ ދޯ ދެން."

މިއީ މިމަހުގެ 13 ވަނަ ދުވަހު ކުއްލި ގޮތަކަށް މަރުވި އަހުމަދު ނަވީދުގެ މަންމަ އާސިޔަތު އަލީ "ވަން" އަށް އޭނާގެ ވާހަކަ ކިޔައިދޭން ފަށަމުން ދެއްކި ވާހަކަ އެވެ. ނަވީދު މަރުވީ ސިކުނޑި މަރުވެގެން ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.

އާސިޔަތު ބުނީ ނަވީދަކީ ސްކޫލް ނިމުމަށްފަހު އާއިލީ މީހަކާއެކު ޓެކްސީ ކުރަމުން އައި ކުއްޖެއް ކަމަށާއި އޭނާ އަމިއްލަ ކާރެއް ގަތުމުގެ ހުވަފެން ހަގީގަތަކަށް ހެދުމަށް ހިތްވަރާއެކު މަސައްކަތް ކުރި ކަމަށެވެ. އުމުރުން 18 އަހަރު ނުވިޔަސް އަމިއްލަ މަސައްކަތްކޮށްގެން އާމްދަނީ ހޯދައި އާއިލާގެ ކަންކަން ބެލެހެއްޓި ކަމަށެވެ.

މަރުވި ދުވަހު ނޫން އެހެން ދުވަހެއްގައި ބޮޑު ބައްޔެއްވެސް ނުވާ ކަމަށް އާސިޔަތު ބުންޏެވެ. އަދި ބޮޑު އަނިޔާއެއްވެސް ބޮލަށްވެސް އަދި އެހެން ތަނަކަށްވެސް ލިބިފައިނުވާ ކަމަށް އޭނާ ބުންޏެވެ.

"ފުރަތަމަ ބޮލުގަ މި ރިއްސަން ފެށީ މި މަހުގެ 11 ވަނަ ދުވަހު. ދެން ބޭސްގުޅައެއް ދިނީމަ ރަނގަޅުވެލާފަ ހުރީ. ދެން އަނެއްކާ އެ ރޭ ދަންވަރު ވަރަށް ގަދައަށް ބޮލުގަ ރިއްސާތީ އުޅުނީ. ހޮސްޕިޓަލަށް ގޮސްފަ އެކްސްރޭއެއް ނަގާފަ އެ މީހުން ބުނީ ނެތޭ އެއްވެސް މައްސަލައެއް. ދެން އަނެއްކާ ހެނދުނު ހޮޑުލައި މާ ބޮޑުވަރުވީމަ އެމްބިއުލާންސްގަ ގެންދިޔައީ ހޮސްޕިޓަލަށް." އޭނާ ކިޔައިދިނެވެ.

އައްޑޫސިޓީ ހިތަދޫގައި ދިރިއުޅޭ އާސިޔަތު ބުނީ އޭނާގެ ދަރިފުޅު އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސް ސީޓީ ސްކޭނެއް ހަދައި އެމްއާރްއައިއެއް ހެދުމުން ސިކުނޑީގައި ބްލޮކެއް އުޅޭ ކަމަށްބުނެ ވަގުތުން މާލެ ފޮނުވާލި ކަމަށެވެ. ނަމަވެސް އޭރު މާބޮޑަށް ލަސްވެފައިވާ ކަމަށާއި މާލެ އަށް ގެނައި އިރު ދަރިފުޅުގެ ކަމެއް ނެތް ކަމަށެވެ.

"ފުރަތަމަ އައިޖީއެމްއެޗަށް ގެންދިޔައީ. އެކޮޅުން އޭޑީކޭއަށް ފޮނުވައިލީ. އޭޑީކޭއަށް ގެންދިޔައިމަ ޑޮކްޓަރުން ބަލާފަ ބުނީ ސިކުނޑި ކައިރީގަ މަސްކޮޅެއް އުފެދި ބޮޑުވުމުގެ ސަބަބުން ސިކުނޑިން ފެން ބޭރުކުރަން އިންނަ ހޮޅި ބްލޮކްވެފައިވާ ކަމަށް. އެހެންވެ ސިކުނޑި މަރުވެފައިވާ ކަމަށް ޑޮކްޓަރުން ބުނީ. އުއްމީދު ކަނޑާލީ ވަގުތުން. ކުއްޖާ މަރުވީ މި މަހުގެ 13 ވަނަ ދުވަހު." އަސަރާއެކު އޭނާ ކިޔައިދިނެވެ.

ނަވީދަށް 18 އަހަރު ފުރުނީ މިމަހުގެ ހަތަރު ވަނަ ދުވަހު އެވެ. އޭރު އޭނާ ކާރެއް ގަންނަން ހުރިހާ މަސައްކަތެއް ނިންމާފައިވާ ކަމަށް އާސިޔަތު ބުންޏެވެ. އަދި ނަވީދުގެ ހާލު އެންމެ ބޮޑަށް ސީރިއަސްވީ އެ ކާރު އޭނާއަށް ލިބޭނެ ކަމުގެ އުފާވެރި ހަބަރު ލިބުނު ރޭ ކަމަށްވެސް ބުންޏެވެ. ކާރު ގަންނަން ފައިސާ ދައްކައި ނިންމައި މިމަހު 25ގައި ކާރު ލިބޭނެ ކަމަށްވެސް އޭނާ ބުންޏެވެ.

"ތިން ކުދިން ތިބެނީ. އަހަރެންގެ އެންމެ ހަގު ކުއްޖާ އެއީ. ކުދިންގެ ބައްޕަ މަރުވީ ސައިކަލް އެކްސިޑެންޓެއްގައި ބޮލަށް ލިބުނު އަނިޔާއަށް ފަރުވާ ދެމުންދަނިކޮށް މިދިޔަ ޑިސެމްބަރު މަހުގަ. ކުދިންގެ ބައްޕަ މަރުވިތާ ފަސް މަސް މި ވީ. ދަރިފުޅު ވަކިވެގެން އެ ދިޔައީ. އެއީ ﷲގެ ނިޔާ. އެކަލާނގެ ގެންދަވަންވީމަ ގެންދެވީ. އަޖަލު ހަމަވީ އެ. ހިތްދަތިވޭ. ދެރަވޭ. އެކަމަކުވެސް ކުރާނެ ކަމެއް ނޯންނާނެ ދެއްތޯ." އޭނާ ބުންޏެވެ.

ނަވީދަކީ އަހުލާގު ރަނގަޅު ބަސްއަހާ ކިޔަމަންތެރި ކުއްޖެއް ކަމަށް އެ އާއިލާގެ ގާތް މީހުންވެސް ވަނީ ބުނެފަ އެވެ. އަދި ޒުވާން ކުދިން އުޅޭހެން ގުރޫޕް ހަދާލާފައި ރަށުތެރޭގައި އުޅޭ ކުއްޖެއް ނޫން ކަމަށާއި އެއީ ހަރުދަނާ ވިސްނުމެއް ހުރި ހިތްހެޔޮ ކުއްޖެއް ކަމަށް އޭނާ ބުންޏެވެ. އެއީ އަމިއްލަ މަސައްކަތުން ހޯދި ފައިސާއިން އެހާ ޒުވާން އުމުރުގައި ކާރެއް ގަނެގެން މަންމަ އާއި އެއްބަނޑު ކުދިންގެ ޒިންމާ ނަގަން ތައްޔާރުވެގެން ހުރި ނަމޫނާ ކުއްޖެކެވެ.