އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން އަލަށް ގެންނަ ކޮންޓެއިނަރު ބޯޓަށް މުވައްޒަފުން ހޯދަން އިއުލާނުކޮށްފިއެވެ.
މިއީ އެމްއެސްއެސް އިން ގަނެގެން ގެންނަ އެ ކުންފުނީގެ ދެވަނަ އަމިއްލަ ބޯޓެވެ. "އެމްއެސްއެސް ގްރެފީން"ގެ ނަންދީފައިވާ މި ކޮންޓެއިނަރު ބޯޓަކީ ގާތްގަނޑަކަށް 680 ކޮންޓެއިނަރު އުފުލޭ ވަރުގެ ބޯޓެކެވެ. އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހުސެއިން އަމްރު "ވަން" އަށް ވިދާޅުވިގޮތުގައި އެ ބޯޓު ގަނެ، ރާއްޖެ ގެނައުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އަދި އަންނަ ޖޫން މަހުގެ ފަހުކޮޅު ރާއްޖެ ގެނެވޭނެ ކަމަށް ވިދާޅުވިއެވެ.
މި ބޯޓަށް މުވައްޒަފުން ހޯދަން މިހާރު އެސްޓީއޯ އިން އިއުލާނުކޮށްފައިވާއިރު ބައެއް މަގާމު ތަކުގެ މުސާރަ ލައްކައަކަށް ވުރެ ބޮޑެވެ.
- މާސްޓާ މުސާރަ: 115،650ރ
- ޗީފް އިންޖީނިއަރު މުސާރަ: 107،940ރ
- ސެކަންޑް އިންޖީނިއަރު މުސާރަ: 92،520ރ
- ތާޑް އިންޖިއިނަރު މުސާރަ: 53،970ރ
- އިލެކްޓްރީޝަން މުސާރަ: 53،970ރ
- ތާޑް އޮފިސަރު މުސާރަ: 35،550ރ
މީގެ އިތުރުން ސީމަނުންނާއި، ކައްކާއިންނާއި، މެސްބޯއީން އަދި ވެލްޑަރުންނާއި އޮއިލަރުން ވެސް ވަނީ ހޯދުމަށް އިއުލާނުކޮށްފައެވެ. އެ މަގާމުތަކުގެ މުސާރަ ހުރީ 15،000ރުފިޔާއާއި 19،000ރުފިޔާއާ ދެމެދުގައެވެ.
އެސްޓީއޯ އިން ބުނީ މި މަގާމުތަކަށް އެދި ހުށަހެޅުމުގެ ސުންގަޑި މާދަމާ މެންދުރު 12:30 އަށް ހަމަވާނެ ކަމަށާއި އެ މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން
sto.mv/career މެދުވެރިކޮށް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށެވެ.
އެމްއެސްއެސްގެ ފްލީޓުގައި މިވަގުތު އެމްއެސްއެސް ގެލީނާއާއެކު އިތުރު ކޮންޓެއިނަރު ބޯޓެއް އޮވެއެވެ. އެއީ ޗާޓަރު ކޮށްގެން ގެނެސް، އިންޑިއާގެ ކާގޯ ފެރީގެ ގޮތުގައި އޮޕަރޭޓުކުރާ "އެމްސީޕީ ލިންޒް" އެވެ. އެ ބޯޓަކީ އެއްފަހަރާ 20 ފޫޓުގެ 700 ކޮންޓެއިނަރު އުފުލޭ ވަރުގެ ބޯޓެކެވެ.
އެމްއެސްއެސް އަކީ އެސްޓީއޯގެ 99.99 ހިއްސާ އާއި ފިއުލް ސަޕްލައި މޯލްޑިވްސްގެ 0.01 ޕަސެންޓުގެ ހިއްސާއާ އެކު މިދިޔަ މާޗު މަހު އުފެއްދި ކުންފުންޏެކެވެ. މި ކުންފުންޏަކީ ރާއްޖޭގައި ކުރިން އޮތް ޝިޕިން ލައިން އަލުން ދިރުވައި ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް އުފެއްދި ކުންފުންޏެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު