ޚަބަރު

ޓެލެކޮމިއުނިކޭޝަން ދުވަހާ ގުޅުވައިގެން ދިރާގުން ދަރިވަރުންނަށް ޕެނެލް ޑިސްކަޝައެއް ބާއްވައިފި

މުހައްމަދު އިޝާން

ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަހުގެ މުނާސަބަތުގައި ދިރާގުން ޔުނިވަސިޓީ/ކޮލެޖް ދަރިވަރުންނަށް މައުލޫމާތުދިނުމަށް ޕެނަލް ޑިސްކަޝަނެއް ބާއްވައިފި އެވެ.

ދިރާގުން އިއްޔެ ބުނީ އެ ޕެނަލް ޑިސްކަޝަންގެ ބޭނުމަކީ ޒުވާނުން ބައިވެރިކޮށް، ޑިޖިޓަލް ކޮމިއުނިޓީއެއް ބާރުވެރިކުރުވައިގެން ރައްޔިތުންގެ ދިރިއުޅުން މުއްސަނދިކުރުމުގައި އެ ކުންފުނިން އަދާކުރާ ދައުރާ ގުޅޭ ގޮތުން މައުލޫމާތު ދިނުން ކަމަށެވެ. ދަރިވަރުންނަކީ މުސްތަގުބަލު ބައްޓަން ކުރުމުގައި ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން އެންމެ ބޮޑަށް ކުރާނެ، މުސްތަގުބަލުގެ ލީޑަރުން ކަމަށް އެ ކުންފުނިން ގަބޫލުކުރާ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ބުނީ އެ ޕަނަލް ޑިސްކަޝަން ބޭއްވީ ދިރާގު ހެޑް އޮފީހުގައި ކަމަށެވެ. ޕެނެލް ޑިސްކަޝަންގައި ވާހަކަދެއްކެވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއީލް ރަޝީދާއި ކުންފުނީގެ އެހެން ބައެއް އިސް ވެރިންނެވެ.

މިއަހަރުގެ ޓެލެކޮމިއުނިކޭޝަންގެ ދުވަހުގެ ޝިއާރަކީ "އުމުރުން ދުވަސްމީ މީހުންނާއި ދުޅަހެޔޮ ސިއްހަތެއްގައި ތިބޭ ދޮށީ އުމުރުގެ މީހުންނަށް ޑިޖިޓަލް ޓެކްނޮލޮޖީ" އެވެ.

އެ ޝިއާރުގެ ދަށުން ވާހަކަ ދައްކަވަމުން އިސްމާއީލް ރަޝީދު ވިދާޅުވީ، ދިރާގުގެ ހުރިހާ ހިދުމަތަކީ ހުރިހާ އުމުރުފުރަޔަކަށް ވެސް ބޭނުންކުރެވޭ ގޮތަށް އަދި ޑިޖިޓަލް ޓެކްނޮލޮޖީ މެދުވެރިކޮށް ދިރިއުޅުން މުއްސަނދިކުރުމަށް މަގުފަހިކޮށްދޭ ހިދުމަތެއްކަން ދިރާގުން ކަށަވަރުކުރާ ކަމަށެވެ.

ޕެނެލް ޑިސްކަޝަންގައި ދިރާގުގެ ޗީފް ޓެކްނޮލޮޖީ އެންޑް އިންފޮމޭޝަން އޮފިސަރު މުހައްމަދު މުސްއަދާއި ޗީފް ފައިނޭންސް އޮފިސަރު ރޮބިން ވޯލް އަދި ކޯޕަރޭޓިވް އޮފިސަރު އާތިފާ އަލީ ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޑިސްކަޝަން މޮޑަރޭޓްކުރެއްވީ ދިރާގުގެ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސްގެ ސީނިއާ މެނޭޖަރު މިރުޝާން ހަސަން އެވެ.