Close
ޚަބަރު

ރައީސް ސޯލިހާއި ރައީސް ނަޝީދާއެކު "މަޖީދީ ރަން" ނިމުމަކަށް

މުހައްމަދު އިޝާން

މަޖީދިއްޔާ ސްކޫލަށް 95 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި "މަޖީދީ ރަން" ނިންމުމުގެ ރަސްމިއްޔާތު ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ޝަރަފުވެރި ކޮށްދެއްވައިފިއެވެ.

އެ ރަސްމިއްޔާތު ބޭއްވީ މިރޭ ކުޅިވަރު އެކުވެނި ސިންތެޓިކް ޓްރެކްގައެވެ.

މަޖީދީ ރަން ނިންމުމުގެ ކުރިން ރައީސް ދެކަނބަލުން ވަނީ މަޖީދީ ރަންގައި، ސިންތެޓިޖް ޓްރެކްގައި ދުވެވަޑައިގަންނަވައިފައެވެ. އެއަށްފަހު ރައީސް ވަނީ މަޖީދީ ރަން ނިންމެވުމުގެ ގޮތުން މަޖީދީ ރަންގެ ދަންމަރު ނިއްވާލައްވައިފައެވެ.

މަޖީދީ ރަންގައި ގިނަ ބަޔަކު ބައިވެރިވެފައިވާ އިރު މިރޭ ބޭއްވި ރަން ނިންމުމުގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލިސްގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމާއި އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނުގެ އިތުރުން މިނިސްޓަރުންނާއި ދައުލަތުގެ އިއްޒަތްތެރިންނާއި މަޖީދިއްޔާ ސްކޫލްގެ ގިނަ އަދަދެއްގެ މިހާރުގެ ދަރިވަރުންނާއި އިސްދަރިވަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ދުވުމުގައި ބައިވެރިވެވަޑައިގެންނެވި ދައުލަތުގެ އިސް ސަފުގައި ހަރަކާތްތެރިވެވަޑައިގަންނަވާ ގިނަ ބޭފުޅުންނަކީ މަޖީދިއްޔާ ސްކޫލުގެ އިސްދަރިވަރުންނެވެ. އެގޮތުން ރައީސް ސޯލިހާއި ރައީސް ނަޝީދަކީ ވެސް އެ ސްކޫލުގެ އިސްދަރިވަރުންނެވެ.

މަޖީދީ ރަން އަކީ މަޖީދިއްޔާ ސްކޫލަށް 95 އަހަރު ފުރުން ފާހަގަކުރުމާއި 100 އަހަރު ފުރޭ ކައުންޓްޑައުން ފެށުމުގެ ގޮތުން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

ރާއްޖޭގެ އެންމެ ދުވަސްވީ ސްކޫލު، މަޖީދިއްޔާއަށް 95 އަހަރު ފުރިފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 19 ވަނަ ދުވަހުއެވެ.

މިއީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބަށްފަހު ރައީސް ސޯލިހާއި ރައީސް ނަޝީދު އެކުގައި ފެނުނު ފުރަތަމަ ފަހަރެވެ. ގިނަ ބަޔަކު ދެކޭގޮތުގައި އެ އިންތިހާބަކީ އެ ދެ ބޭފުޅުންގެ ކުރިމަތިލުމެކެވެ. އެ އިންތިހާބުގައި ނަޝީދުގެ ކެނޑިޑޭޓުންނަށް ވަނީ ނާކާމިޔާބީއާ ކުރިމަތިވެފައެވެ.