ޚަބަރު

ދެ ބަނދަރުގެ އާމްދަނީ ބަހާނެ ގޮތަކާ މެދު އެމްޕީއެލާއި ސިޓީ ކައުންސިލަށް އެއްބަސްވުމަކަށް ނާދެވުނު!

މުހައްމަދު އިޝާން

ނޯތު ހާބަރާއި ޓީޖެޓީން ލިބޭ އާމްދަނީ ބަހާނެ ގޮތަކާ މެދު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި މާލޭ ސިޓީ ކައުންސިލަށް އެއްބަސްވުމަކަށް ނާދެވި އަނެއްކާވެސް އަރައިރުން އުފެދިއްޖެއެވެ.

މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވި އިރު، ޓީޖެޓީ ވަނީ އެމްޕީއެލްއާ ހަވާލުކޮށްފައެވެ. ޑރ. މުއިއްޒު މޭޔަރުކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ކައުންސިލަށް އާމްދަނީ ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކައުންސިލަށް ޓީޖެޓީ ހަވާލުކުރުމަށް އެމްޕީއެލަށް ވަނީ އަންގައިފައެވެ. އެގޮތަށް އެންގީ ޓީޖެޓީ އެމްޕީއެލްއާ ހަވާލުކުރީ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައި އޮއްވައި ކަމަށާއި، އޭރު ހައުސިން މިނިސްޓްރީން އެމްޕީއެލްއާއެކު ހެދި އެއްބަސްވުމުގެ މުއްދަތު މިހާރު ހަމަވެފައިވާ ކަމަށް ޑރ. މުއިއްޒު ވަނީ ކުރިން ވިދާޅުވެފައެވެ.

އެންގުމާ އެއްގޮތަށް ޓީޖެޓީ ދޭން ދެކޮޅު ހެދުމުން ޑރ. މުއިއްޒު ވަނީ އެކަމުގެ ކަންބޮނޑުވުން ރައީސް އޮފީހަށް ހުށަހަޅުއްވައިފައެވެ. އަދި މިދިޔަ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހު ޑރ. މުއިއްޒު ވިދާޅުވެފައިވަނީ، ރެވެނިއު ޝެއާރިން (ފައިދާ ދެފަރާތުން ހިއްސާކުރާ ގޮތަށް) މާލޭ ނޯތު ހާބަރާއި ޓީޖެޓީ އޮޕަރޭޓް ކުރުމުގެ މަސައްކަތް ސިޓީ ކައުންސިލާއެކު ކުރިއަށް ގެންދިއުމަށް، އެމްޕީއެލަށް ރައީސް އިބްރާހިިމް މުހައްމަދު ސޯލިހު އަންގަވާފައިވާ ކަމަށެވެ.

ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ، ކައުންސިލާ ޓީޖެޓީ ހަވާލުކުރަން އެމްޕީއެލުން ބޭނުންނުވާ ކަމަށާއި އެހެންވެ ޕްލޭނިން މިނިސްޓްރީއާ މަޝްވަރާކުރަމުން އަންނަ ކަމަށެވެ. އަދި ޓީޖެޓީ އަކީ ކައުންސިލުގެ ރަޖިސްޓްރީގައި އޮތް ކައުންސިލުގެ އަމިއްލަ ބިމެއް ކަމަށާއި އެހެންވީމާ އެތަން ހަވާލުނުކުރެވެންވީ ސަބަބެއް ނެތް ކަމަށެވެ.

ނަރީސްގެ އެ ވާހަކަތަކާ ގުޅިގެން މިއަދު އެމްޕީއެލުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ރައީސް ސޯލިހު އެންގެވި ގޮތަށް ނޯތު ހާބަރާއި ޓީޖެޓީ ބަނދަރުން ލިބެމުންދާ އާމްދަނީގެ ބައެއް މާލެ ސިޓީ ކައުންސިލާ ހިއްސާކުރެވޭނެ ގޮތެއް ނުވަތަ ރެވެނިއު ޝެއާރިން މޮޑެލެއް ހަމަޖެއްސުމަަށް ސިޓީ ކައުންސިލާ ބައްދަލުކޮށް މަޝްވަރާކޮށްފައިވާނެ ކަމަށެވެ. ނަމަވެސް ސިޓީ ކައުންސިލުން ހުށަހަޅާފައިވަނީ އެ ކުންފުންޏަށް ދެވޭ ވަރަށްވުރެ ބޮޑު އަގެއް ކަމަށެވެ.

"މި ކުންފުނިން ފައިނޭންޝަލީ ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު ހުށަހެޅި އަގަށް މާލެ ސިޓީ ކައުންސިލުން އެއްބަސްނުވެ، އެބޭފުޅުން ހުށަހަޅާފައިވަނީ އަޅުގަނޑުމެން ހުށަހެޅި އަގަށް ވުރެ ބޮޑުތަނުން ބޮޑު ރީޒަނަބަލް އަގެއް ނޫންކަން މި ފުރުސަތުގައި ފާހަގަކޮށްލަމެވެ. އަދި އެއީ ފައިނޭންޝަލީ ފީޒަބަލް އަގެއްވެސް ނޫން،" އެމްޕީއެލުން ބުންޏެވެ.

އެ މަޝްވަރާގައި ކަންތައް ހިނގިގޮތުގެ މައުލޫމާތު މިހާރު ރައީސް އޮފީހަށް ހިއްސާކޮށްފައިވާނެ ކަމަށް އެމްޕީއެލުން ބުންޏެވެ.