މާލޭގެ ފާރުތަކުގައި ''އިންޑިއާ އައުޓް" ކުރަހާ މައްސަލައިގައި ފުލުހުން ހޯދަމުން ދިޔަ މީހާ ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލު ހިންގުމުގެ މައްސަލައަކާ ގުޅިގެން ހޯދަން އިއުލާނުކޮށްފައިވާ ކ. މާލެ، މއ. ލެއްގި، އުމުރުން 34 އަހަރުގެ އަބްދުލްޣައްފާރު އަބްދުލްޣަފޫރު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އަބްދުލްޣައްފާރު އަބްދުލްޣަފޫރު ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅެމުންދާ ގޭގެ ފާހާނާ ތެރޭގައި ފިލާ އޮއްވައި މިއަދު 17:12 ހާއިރު ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އެނގިފައިވާ ގޮތުގައި އެމީހާއަކީ މާލޭގެ އެކި ސަރަހައްދުތަކުގައި "އިންޑިއާ އައުޓް" ކުރަހައި، ލިޔުންތައް އަޅަމުންދާ މައްސަލައާ ގުޅިގެން ހޯދަމުންދިޔަ މީހެކެވެ.
ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި މާލޭގެ އެކި ސަރަހައްދުތަކުގައި "އިންޑިއާ އައުޓް" ކުރަހައި ލިޔުންތައް އަޅަމުންދާ މައްސަލައާ ގުޅިގެން މީހުން ދެނެގަނެ އެމީހުންގެ މައްސަލަތައް ތަހުގީގު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ހަތަރު މީހަކު ދެނެގަނެވި އެމީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށްވެސް ބުންޏެވެ.
އިދިކޮޅު ފަރާތްތަކުން ދަނީ އިންޑިއާ އައުޓްގެ ނަމުގައި ހާއްސަ ކެމްޕޭނެއް ކުރިއަށް ގެންދަމުންނެވެ. އެގޮތުން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އަންނަނީ އެއްވުންތަކާއި ބެނާތައް ދެމުމާއި ގްރެފިޓީ ކުރެހުމުގެ ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް ގޮވާލައި ހިންގާ އިންޑިއާ އައުޓް ހަރަކާތަކީ ރައީސް ޔާމީން އިސްވެ ހުންނަވައިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.
އިންޑިއާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ކަނޑައަޅުއްވައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނެރުއްވި ގަރާރެއްގައި ދައުލަތުގެ އިދާރާތަކަށް ވަނީ އެ ހަރަކާތް ހުއްޓުވަން އަންގަވައިފައެވެ.
ރައީސްގެ ގަރާރަށްފަހު ފުލުހުން ގެންދަނީ މާލޭގެ އެކި ސަރަހައްދުގައި އިންޑިއާ އައުޓް ޖަހާފައިވާ ބެނާތަކާއި އިންޑިއާ އައުޓް ރަމްޒުވާ ގޮތަށް ހުރި ބެނާތައް ވެސް ނަގަން ފަށައިފައެވެ.
މީގެ ކުރިން މާލޭގެ އެކި ސަރަހައްދުތަކަށް އިންޑިއާ އައުޓް ލިޔެފައިވާ ކަރުދާސްތައް އަޅާފައިވާއިރު ރައީސް އޮފީހާއި އިންޑިއާ ހައިކޮމިޝަންގެ އިތުރުން އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ގެކޮޅު ކުރިމައްޗަށްވެސް ވަނީ މި ކަރުދާސްތައް އަޅައިފައެވެ.
މީގެ އިތުރުން މިދިޔަ އާދީއްތަ ދުވަހުގެ ރޭ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދިރިއުޅުއްވާ ގެކޮޅު ކައިރީގައި ހުންނަ މ. އެންދެރިގަސް ގޭގެ ފާރުގައިވެސް ވަނީ އިންޑިއާ އައުޓް ސްޕްރޭއިން ލިޔެފައެވެ. އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ ގެކޮޅުގައިވެސް އިންޑިއާ އައުޓު ސްޕްރޭކޮށް ގެއްލުންދީފައިވެއެވެ.