ޚަބަރު

ދެކުނު އެފްރިކާ އާއި އިންޑޮނޭޝިއާގެ އާ ސަފީރުން ރައީސަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

ދެކުނު އެފްރިކާ ސަރުކާރާއި އިންޑޮނޭޝިއާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ދެ ސަފީރުން ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް މިއަދު އަރުވައިފިއެވެ.

ދެކުނު އެފްރިކާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރަކީ ސެންޑިލް އެޑްވިން ޝޯކް އެވެ. އަދި އިންޑޮނޭޝިއާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރަކީ ދޭވީ ގުސްތީނާ ޓޯބިން އެވެ.

ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތަށްފަހު ރައީސް ސޯލިހު ވަނީ ދެކުނު އެފްރިކާ ސަފީރަށް ތަހުނިޔާ ވިދާޅުވެފައެވެ. އަދި ދެކުނު އެފްރިކާއަކީ ރާއްޖެއަށް މުހިންމު ބައިވެރިއެއްކަމުގައި ދެކެވަޑައިގަންނަވާ ކަމަށާއި އެގައުމުގެ ޕްރިޓޯރިއާގައި ހުޅުވުމަށް މަސައްކަތް ކުރަމުންދާ ރާއްޖޭގެ އެމްބަސީ ވެގެންދާނީ މުޅި އެފްރިކާ ބައްރުގައިވެސް ދިވެހި އެމްބަސީއެއް ގާއިމުކުރެވޭ ފުރަތަމަ ފަހަރުކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ އެމްބަސީ ހުޅުވިގެންދިއުން ވެގެންދާނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ޓޫރިޒަމާއި އުމްރާނީ ތަރައްގީ އަދި ބައިނަލްއަގުވާމީ މައިދާނުގައި ގުޅިގެން މަސައްކަތްކުރުމުގެ އަޒުމް އާކުރައްވައިފައެވެ. އަދި ދެގައުމުން ވެސް ޝައުގުވެރިވާ ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލައްވައި ދެބޭފުޅުން ވަނީ ވާހަކަދައްކަވައިފައެވެ.

އިންޑޮނޭޝިއާގެ އާ ސަފީރަށް ތަހުނިޔާ ދެންނެވުމަށްފަހު ރައީސް އެ ކަމަނާއާ ދެއްކެވި ވާހަކަފުޅުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ އެއް ސިއްރަކީ، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގާތް ދޭދޭ ގުޅުންތައް ކަމުގައި ވިދާޅުވިއެވެ. އަދި އެ ގުޅުންތައް އިތުރަށް ބަދަހިކުރުމުގެ ގޮތުން ދެ ގައުމުގެ ކަމާގުޅޭ އިދާރާތަކުގެ މެދުގައި އިތުރު މަޝްވަރާތައް ކުރުމަށް ބޭނުންފުޅުވެވަޑައިގަންނަވާ ކަމުގައި ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން ވިޔަފާރިއާއި އިގުތިސާދީ ދާއިރާއާއި، ތަރައްގީއާއި، ސަރަހައްދީ ގުޅުންތަކާއި، ބައިނަލްއަގުވާމީ މައިދާނުގައި ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުން ވެސް ދެ ބޭފުޅުންގެ ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވިއެވެ. އަދި އިންޑޮނޭޝިއާގެ މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކުން ދިވެހި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ހޯދުމާ ގުޅޭގޮތުން ދެބޭފުޅުން ވަނީ ވާހަކަފުޅުދައްކަވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި އިންޑޮނޭޝިއާގެ ސަފީރު ދެއްކެވި ވާހަކައިގައި، އިސްލާމްދީނަކީ ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުން އިތުރު ހަރުފަތަކަށް ގެންގޮސްދޭ ސަބަބެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި އެހެނިހެން އިގުތިސާދީ ދާއިރާތަކުގައި މަސައްކަތް ކުރާ އިންޑޮނޭޝިއާ ރައްޔިތުންގެ މަސައްކަތްތަކަށް ވެސް އެކަމަނާގެ ވާހަކައިގައި އަލިއަޅުއްވައިލެއްވިއެވެ. އޭގެ އިތުރުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުންތައް އިތުރަށް ބަދަހިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމުގައި ރައީސްގެ އަރިހުގައި އެކަމަނާ ދެންނެވިއެވެ.