ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން އައިއީޑީއެއް ގޮއްވާލައިގެން 2021 ވަނަ އަހަރުގެ މެއި ހައެއްގައި ދިން ހަމަލާގެ ތަހުގީގަށް ހެންވޭރު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ހުރަސް އެޅުއްވި ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ވައިބާ ގްރޫޕުގައި ރައީސް ނަޝީދު ކުރެއްވި ތުހުމަތުތަކުގެ ޗެޓްލޮގް ހޯދުމަށް، ހުށަހަޅާފައިވާއިރު، އެ ތަކެތި ދިނުމާމެދު ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމިޓީގައި ކުރިއަށްދިޔަ ބަހުސްގައި މިައަދުވެސް ގޮތެއް ނުނިންމުނެވެ.
މިމަހުގެ އަށްވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފޮނުއްވި މެސެޖުތަކެއްގައި، އެ ހަމަލާގެ ތަހުގީގަށް މެންބަރު ހުސައިން ހުރަސް އަޅަމުންދާ ކަމަށް ވަނީ ތުހުމަތުކުރައްވައިފައެވެ. އެގޮތުން އެ މައްސަލަ ތަހުގީގު ކުރަމުންދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އާއި ޓޫފޯވަން ކޮމިޓީއަށް ހުރަސް އަޅައި އެ ކޮމިޓީގެ ބައްދަލުވުންތައް މެންބަރު ހުސެއިން ހަރާބު ކޮށްފައިވާކަމަށް ވެސް ރައީސް ނަޝީދު ތުހުމަތު ކުރައްވައިފައިވެއެވެ.
ރައީސް ނަޝީދު ކުރެއްވި ތުހުމަތުތަކާ ގުޅިގެން އެ މައްސަލަ ތަހުގީގަށް ހުށަހެޅުމަށް އަނދުން ހުސެިން ވަނީ ނިންމަވައިފައެވެ. އެކަމަށްޓަކައި، މެސެޖުތަކުގެ ޗެޓްލޮގް ހޯދުމަށް އަނދުން ހުސެއިން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފައެވެ.
އެ ޗެޓްލޮގްތައް ހޯދުމަށް މަޖިލިސް ރައީސަށް އަނދުން ހުސެއިން ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، އެމަނިކުފާނު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ ފަހަތުގައި އޭނާގެ ބައިވެރިވުމެއް އޮތްކަމަށް ދޭހަވާ ގޮތަށް، އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކުރައްވައި މިމަހުގެ އަށްވަނަ ދުވަހު މަޖިލީހުގެ ވަޓްސްއަޕް ގްރޫޕުގައި ރައީސް ނަޝީދު ދައްކަވާފައިވާ ވާހަކަފުޅުތަކަކީ، އޭނާގެ ހައްގުތަކާއި އިމްތިޔާޒަށް އުނިކަން އަންނާނެ ވާހަކަތަކެއް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވި ބޭފުޅަކު އެގޮތަށް، އަސާސެއް ނެތް ތުހުމަތުތަކެއް ކުރެއްވުމަކީ އެކަމުގެ ސަބަބުން އޭނާގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިވުމުގެ ފުރުސަތުވެސް އޮތް ކަމެއް ކަމަށް ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދު އޭނާގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ކުރައްވައި ދެއްކެވި ވާހަކަފުޅުގެ ހަގީގަތް ރައްޔިތުންނަށްވެސް ހާމަވާން ޖެހޭ ކަމަށްވެސް ވިދާޅުވެފައިވެއެވެ. އެހެންކަމުން އެ މައްސަލަަ ކަމާބެހޭ އިދާރަތަކަށް ހުށަހެޅުމަށްޓަކައި އެ މެސެޖުތައް ހިމެނޭގޮތަށް، ވަޓްސްއަޕް ގްރޫޕަށް އެދުވަހު ފޮނުވި ހުރިހާ މެސެޖުތަކެއްގެ ޗެޓްލޮގް ލިބޭނެގޮތް ހައްދަވައިދެއްވުމަށް ވެސް އަނދުން ހުސެއިން ވަނީ މަޖިލިސް ރައީސްގެ ކިބައިން އެދިވަޑައިގެންފައެވެ.
އެކަމާ ގުޅިގެން އެ ޗެޓްލޮގްތައް ހުސެއިން ދިނުމާމެދު، އާއްމު ކޮމިޓީގެ ލަފަޔަކަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ އެ ކޮމިޓީއަށް ހުށަހަޅުއްވައިފައެވެ.
މިހާތަނަށް އެކަމާގޮތުން ދެ ދުވަހުގެ މަތިން ކޮމިޓީގައި ބަހުސް ކުރި ނަމަވެސް އެކަމަށް ގޮތެއް ކަނޑައެޅިފައެއް ނުވެއެވެ.
އެ މައްސަލައިގައި ގޮތެއް ކަނޑައެޅުމަށް މެންބަރުންނަށް އުނދަގުލަކަށް ވެފައިވާ އެންމެ ބޮޑު އެއްސަބަބަކީ، ވަޓްސަޕް ގްރޫޕާބެހޭ ގޮތުން މަޖިލީހުގެ ގަވާއިދުގައި އެއްވެސް ވާހަކައެއް އައިސްފައި ނުވާތީ އެވެ. މަޖިލީހުގެ ޔައުމިއްޔާތަކާއި ކޮމިޓީތަކުގެ ޔައުމިއްޔާތައް، މަޖިލީހުން މެންބަރުންނަށް ދޫކާރާ ކަމަށާއި، ނަމަވެސް އަނދުން ހުސެއިން ހުށަހަޅުއްވާފައިވާ މައްސަލައަކީ، މަޖިލީހުގެ ނުރަސްމީ ވަޓްސްއަޕް ގްރޫޕުގައި ދައްކާފައިވާ ވާހަކަތަކެއްގެ ޗެޓްލޮގް ހޯދުމަށް ކަމަށް އާއްމު ކޮމެޓީގެ މުގައްރިރު ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވެސް ވިދާޅުވިއެވެ.
މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި، އެކަމަށް ގޮތެއް ކަނޑައެޅުމަށް ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ހުށަހެޅުމެއްވެސް ހުށަހެޅުއްވިއެވެ. ނަމަވެސް ފާހެއް ނުވިއެވެ.
ޝިޔާން ވިދާޅުވީ، ތިންވަނަ ފަރާތެއްގެ މަސްލަހަތު ހިމެނޭ ކަމަކަށް ވާތީވެ ވަޓްސަޕް ގްރޫޕުގައި ދެކެވޭ ވާހަކަތަކުގެ ލިޔުން މެންބަރު ހުސެއިން އަށް ދިނުމުގެ ބަދަލުގައި މައްސަލަ ތަހުގީގު ކުރާ އިދާރާއަކުން، އެދިއްޖެ ހާލަތެއްގައި އެ އިދާރާއަކަށް ލިޔުން ދިނުމަށް ހުށަހަޅުއްވާ ކަމަށެވެ. ނަމަވެސް އެގޮތަށް ކޮމިޓީން ފާހެއް ނުވިއެވެ.
މިއަދުވެސް އެ މައްސަލައަށް ގޮތެއް ނުނިންމުމުން، ކޮމިޓީގެ މުގައްރިރު ހަސަން ލަތީފް ވިދާޅުވީ އިތުރަށް މެންބަރުންނާ މަޝްވަރާ ކުރުމަށްފަހު އެކަމާބެހޭގޮތުން ގޮތެއް ނިންމުމަށް އެ ކޮމިީގެ ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.