ޚަބަރު

ޝިޕިން ކުންފުނިން އިތުރު ކޮންޓެއިނަރު ބޯޓެއް ގަނެފި، ޖޫން މަހު ފަހުކޮޅު ރާއްޖެ ގެންނާނެ

އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން އިތުރު ކޮންޓެއިނަރު ބޯޓެއް ގަނެފިއެވެ.

މިއީ އެމްއެސްއެސް އިން ގަނެގެން ގެންނަ އެ ކުންފުނީގެ ދެވަނަ އަމިއްލަ ބޯޓެވެ. އެ ކުންފުނީގެ އަމިއްލަ ފުރަތަމަ ބޯޓު، "އެމްއެސްއެސް ގެލީނާ" ރާއްޖެ ގެނައީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ. ލަންކާއާއި ރާއްޖެއާ ދެމެދު ދަތުރުތައް ކުރަމުން އަންނަ އެ ބޯޓަކީ 680 ކޮންޓެއިނަރު އުފުލޭ ވަރުގެ ބޯޓެކެވެ.

"އެމްއެސްއެސް ގްރެފީން"ގެ ނަންދީފައިވާ ދެވަނަ ކޮންޓެއިނަރު ބޯޓާ ގުޅޭގޮތުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހުސެއިން އަމްރު "ވަން" އަށް މިއަދު ވިދާޅުވީ، އެ ބޯޓަކީވެސް ގާތްގަނޑަކަށް 680 ކޮންޓެއިނަރު އުފުލޭ ވަރުގެ ބޯޓެއް ކަމަށެވެ. އަދި އެ ބޯޓު ގަނެ، މިހާރު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަންނަ ޖޫން މަހުގެ ފަހުކޮޅު ރާއްޖެ ގެނެވޭނެ ކަމަށް ވިދާޅުވިއެވެ.

"ޑިމާންޑު އޮވެގެން އާ ބޯޓެއް މި ގަތީ. ބޯޓު ގަތީ ޔޫރަޕުގެ ގައުމަކުން. އާ ބޯޓުގެ ރޫޓެއް އަދި އަޅުގަނޑުމެން ފައިނަލެއް ނުކުރަން،" އަމްރު ވިދާޅުވިއެވެ.

އެމްއެސްއެސްގެ ފްލީޓުގައި މިވަގުތު އެމްއެސްއެސް ގެލީނާއާއެކު އިތުރު ކޮންޓެއިނަރު ބޯޓެއް އޮވެއެވެ. އެއީ ޗާޓަރު ކޮށްގެން ގެނެސް، އިންޑިއާގެ ކާގޯ ފެރީގެ ގޮތުގައި އޮޕަރޭޓުކުރާ "އެމްސީޕީ ލިންޒް" އެވެ. އެ ބޯޓަކީ އެއްފަހަރާ 20 ފޫޓުގެ 700 ކޮންޓެއިނަރު އުފުލޭ ވަރުގެ ބޯޓެކެވެ.

"އަޅުގަނޑުމެންގެ ވިސްނުން އެބަ އޮތް ޗާޓަރު ބޯޓު ދޫކޮށްލުމުގެވެސް، އެކަމަކު އެއަށް އަދި ވަކި ގޮތެއް ނުނިންމަން،" އަމްރު ވިދާޅުވިއެވެ.

އެމްއެސްއެސް އަކީ އެސްޓީއޯގެ 99.99 ހިއްސާ އާއި ފިއުލް ސަޕްލައި މޯލްޑިވްސްގެ 0.01 ޕަސެންޓުގެ ހިއްސާއާ އެކު މިދިޔަ މާޗު މަހު އުފެއްދި ކުންފުންޏެކެވެ. މި ކުންފުންޏަކީ ރާއްޖޭގައި ކުރިން އޮތް ޝިޕިން ލައިން އަލުން ދިރުވައި ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް އުފެއްދި ކުންފުންޏެކެވެ.