މަތީ ތައުލީމަށް ސަރުކާރުން މިއަހަރު ކަނޑައެޅި ފައިސާއިން 21 މިލިއަނެއްހާ ރުފިޔާ ބާކީވެފައިވާ ކަމަށާއި އެ ފައިސާއިން ކިޔެވުމަށް އިތުރު ފުރުސަތަށް އެދުމުގެ ފުރުސަތު ދޭނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
މަތީ ތައުލޫމު ހާސިލުކުރުމަށް ސަރުކާރުން ދޫކުރާ ލޯނަށް ކުދިންގެ ވަގުތީ ނަތީޖާ ހާމަކުރުމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ މިއަހަރު ސްޓޫޑަންޓް ލޯނަށް ޝަރުތު ހަމަވެފައިވަނީ ވަރަށް މަދު ކުދިން ކަމަށެވެ.
އެގޮތުން ސްޓޫޑެންޓް ލޯނަށް ކުރިމަތިލުމުގެ ފުރުސަތަށް ފެބުރުއަރީ މަހުން ފެށިގެން ހުޅުވާލައި އެޕްރީލް މަހުގެ 11 ވަނަ ދުވަހަށް ހަމަވިއިރު އެ ލޯނަށް 1،000 ދަރިވަރުން ވަނީ ކުރިމަތިލައިފައެވެ. އެހެން ނަމަވެސް އޭގެ ތެރެއިން ލޯނު ލިބުނީ 393 ދަރިވަރުންނަށް ކަމަށް މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވި އެވެ.
މަތީ ތައުލީމު ހާސިލް ކުރުމަށް ލޯނު ދޫކުރަން ސަރުކާރުން ވަނީ ބޮޑު ބަޖެޓެއް ކަނޑައަޅައިފަ އެވެ. މިނިސްޓަރު ވިދާޅުވީ މިފަހަރު އިއުލާނުކުރި ފުރުސަތުތަކަށް ވުރެ މަދުން ދަރިވަރުންނަށް ލޯނު ލިބުމުން، އެކަމަށް ކަނޑައެޅި ބަޖެޓުން 21 މިލިއަނެއްހާ ރުފިޔާ ބާކީވާނެ ކަމަށެވެ. އެހެންވެ، އިތުރު ލޯނުތައް ދޫކުރުމުގެ މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ. އަދި ވަރަށް އަވަހަށް އެކަމަށް އެދުމުގެ ފުރުސަތު ހުޅުވަލާނެ ކަމަށްވެސް ވިދާޅުވި އެވެ.
ހަޔާ އެޑިއުކޭޝަނުން ވަނީ 720 ފުރުސަތު ހުޅުވައިލައިފައެވެ. އެއީ އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް 417 ފުރުސަތާއި، މިހާރު ކިޔަވަމުން އަންނަ ދަރިވަރުންނަށް ދިން 303 ފުރުސަތެވެ.
މިޖާގަތަކަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި ޕައިލެޓުކަން ކިޔަވަން ހުޅުވާލި ދިހަ ޖާގައަށް 252 ދަރިވަރަކު ކުރިމަތިލި އިރު، 240 ދަރިވަރަކު ޑިސްކޮލިފައިކުރަން ޖެހުނު ކަމަށާއި އެމްބީބީއެސް ކިޔަވަން ހުޅުވާލި 25 ޖާގައަށް 129 ދަރިވަރުން ކުރިމަތިލުމުން 104 ދަރިވަރަކު ޑިސްކޮލިފައިވެފައި ވެއެވެ.
ޕީއެޗްޑީ ކިޔަވަން ހުޅުވާލި ފަސް ޖާގައަށް 31 ދަރިވަރަކު ކުރިމަތިލުމުން 26 ދަރިވަރަކު ޑިސްކޮލިފައިވެފައިވެއެވެ. މީގެ އިތުރުން ޓްރެއިނިން ނީޑްސްގައި ނުހިމެނޭ ދާއިރާތަކުން ކިޔެވުމަށް 29 ދަރިވަރުން ހުށަހަޅާފައިވާ އިރު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ)ގެ މިންގަނޑުތަކަށް ނުފެތޭ 35 ހުށަހެޅުމެއް ލިބިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އޭގެ އިތުރުން އޯ-ލެވެލް/އޭ-ލެވެލް ސެޓްފިކެޓުތައް ފުރިހަމަނުކޮށް 37 ދަރިވަރަކު އެޕްލިކޭޝަން ހުށަހެޅި އިރު، ބޭނުން ނުވާ ކެޓަގަރީއަކުން ލޯނަށް ހުށަހަޅައިގެން 30 އަށްވުރެ ގިނަ ދަރިވަރުން ޑިސްކޮލިވެފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު