ޚަބަރު

މުސާރަ ދިނުމަށް ދަތިވެ ސްރީލަންކާގައި ފައިސާ ޗާޕުކޮށް ގައުމީ އެއާލައިން ޕްރައިވެޓައިޒް ކުރަނީ

އަލީ ޔާމިން

ސްރީލަންކާއަށް ކުރިމަތިވެފައިވާ އިގްތިސޯދީ މައްސަލަތަކާ ގުޅިގެން އެގައުމުގެ ސަރުކާރުގެ މުވައްޒަފުންނަށް މުސާރަ ދިނުމުގައި ދަތިތަކެއް ކުރިމަތިވެފައިވާތީ، އެ މުވައްޒަފުންނަށް މުސާރަ ދިނުމަށް ފައިސާ ޗާޕުކުރުމަށާއި ގައުމީ އެއާލައިން، ސްރީލަންކަން އެއާލައިންސް ޕްރައިވަޓައިޒްކުރުމަށް، (އަމިއްލަ ފަރާތްތަކަށް ދޫކޮށްލަން) އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

ސްރީލަންކާގެ ވެރިރަށް ކޮލަންބޯގައި ހުންނަވައި އެގައުމުގެ އާ ބޮޑު ވަޒީރު، ރަނިލް ވިކްރަމަސިންހަ ގައުމާ މުހާތަބުކުރައްވައި އިއްޔެ ވިދާޅުވީ، އެގައުމަށް ކުރިމަތިވެފައިވާ އިގްތިސޯދީ މައްސަލަތަކަކީ ފަސޭހައިން ހައްލުކުރެވޭނެ މައްސަލަތަކެއް ނޫން ކަމަށެވެ. ނަމަވެސް އެ މައްސަލަތަކަށް ހައްލެއް ހޯދައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި އެގައުމުގެ ގައުމީ އެއާލައިންނަށް ފާއިތުވި އަހަރު ދުވަހު ތެރޭގައި އެކަނިވެސް 128 މިލިއަން ޑޮލަރުގެ ގެއްލުން ލިބިފައިވާތީ، އެ އެއާލައިން ޕްރައިވަޓައިޒްކުރުން ނޫން ގޮތެއް ނެތް ކަމަށް ވިދާޅުވިއެވެ.

ރަނިލް ވިދާޅުވިގޮތުގައި ސްރީލަންކާ، އިގްތިސޯދީ ބޮޑު އަނދަވަޅަކަށް ވެއްޓުނީ، ބޮޑެތި ގޯސްތަކެއް އެގައުމަށް ހެދިގެންނެވެ. އެގައުމުގެ ރިޒާވްވެސް މިހާރު އެއްކޮށް ހުސްވެފައިވާ ކަމަށާއި ގައުމަށް ކޮންމެހެން ބޭނުންވާ ތެލާއި ގޭސް ގަތުމަށް ބޭނުންވާ ފައިސާވެސް މިހާރު ނެތް ކަމަށް ވިދާޅުވިއެވެ.

ރަނިލް އިތުރަށް ވިދާޅުވިގޮތުގައި، އިގްތިސޯދީ އަނދަވަޅުން ސަލާމަތްވުމަށް، އެންމެ ހާއްސަ އިސްކަމެއް ދެއްވާނީ އެ ގައުމުގެ ބައެއް ކުންފުނިތައް ޕްރައިވަޓައިޒްކޮށް އެތައް ބިލިއަން ޑޮލަރެއްގެ ފައިސާ ޖެހުމެވެ. އަދި އައިއެމްއެފުން ބޮޑު ލޯނެއް ނެގުންވެސް ހިމެނެއެވެ.

ލަންކާގެ އިގުތިސޯދީ ހާލަތު ދަށްވެ، އާންމުން ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުންދާތާ އެތައް ދުވަހެއް ވެފައިވާ އިރު، ލަންކާގައި މިހާރު އޮތީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ. މުޒާހަރާކުރާ މީހުންނާ ދެކޮޅަށް ސަރުކާރުގެ ސަޕޯޓަރުން ނުކުމެ ކުރިމަތިލުމަކަށް ދިއުމުން މަޝްރަހު ހޫނުވެ ލަންކާގެ އެކި ހިސާބުތަކުގައި ތަޅާފޮޅައި، ތަންތަނުގައި ދަނީ ހުޅުޖަހަމުންނެވެ.

އެ ހަމަނުޖެހުންތަކުގައި ވެރިކަން ކުރާ ޕާޓީގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކުވެސް މަރާލާފައިވާ އިރު، ހަމަނުޖެހުންތައް ކޮންޓްރޯލުކުރަން ސިފައިން ވަނީ މަގުތަކަށް ނެރެފައެވެ. އަދި ކޯޓު އަމުރެއް ނެތި މީހުން ހައްޔަރު ކުރުމުގެ ބާރުވެސް ފުލުހުންނަށް ވަނީ ދީފައެވެ. އޭގެ އިތުރުން ލަންކާގެ އާންމުންގެ ތަންތަނަށް ގެއްލުންދީ އެހެން މީހުންގެ ފުރާނައަށް ނުރައްކާވާ ގޮތަށް އަމަލުކުރާ ފަރާތްތަކުގެ ގަޔަށް ބަޑި ޖެހުމުގެ ހުއްދަ ލަންކާ ސިފައިންނަށް އެ ގައުމުގެ ސަރުކާރުން ވަނީ ދީފައެވެ.