އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލްއިން ނިއުކާސަލް ކައިރީ ބަލިވުމާއެކު، އެޓީމުން ޗެމްޕިއަންސް ލީގުގެ ފުޓުބޯޅައަށް ކުރަމުން އައި އުންމީދަށް ހުރަސްތަކާ ކުރިމަތިވެއްޖެއެވެ.
ނިއުކާސަލް ދަނޑުގައި ރޭ ކުޅުނު މެޗުން އާސެނަލް ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗަށް ނުކުތް އިރު، މޮޅަކާއެކު އާސެނަލްއަށް ގަދަ ހަތަރެއްގެ ކޮންޓްރޯލް ހޯދެން އޮތެވެ. ރޭގެ މެޗުން މޮޅެއް ހޯދައިގެން އާސެނަލްއަށް ޓޮޓެންހަމްގެ ކުރިއަށް، ހަތަރު ވަނައަށް އެރުވެން އޮތެވެ. އެހެން ނަމަވެސް ބައްޔާއެކު ލީގުގެ ފަހު ދުވަހަށް ދާއިރު، އާސެނަލްއަށް އަންނަ އަހަރުގެ ޗެމްޕިއަންސް ލީގު ފުޓުބޯޅަ ހޯދަން މިހާރު އޮތީ އުނދަގޫ މަގެކެވެ. އާސެނަލްއަށް ގަދަ ހަތަރެއްގެ އަމިއްލަ ބާރު ގެއްލިފައި އޮތް އިރު، ޓޮޓެންހަމްއަށް ފަހު މެޗުގައި ނޯވިޗް ކައިރީ ޕޮއިންޓެއް ހޯދައިގެންވެސް ގަދަ ހަތަރެއް ޔަގީން ކުރެވޭނެއެވެ.
އާސެނަލް ބަލިވުމުން ޗެލްސީއަށް ވަނީ ބާކީ ދެމެޗު އޮއްވައި ގަދަ ހަތަރެއް ޔަގީންވެފައެވެ. ޗެލްސީ ތިން ވަނައިގައި އޮތީ 36 މެޗުން 70 ޕޮއިންޓް ހޯދައިގެންނެވެ. ޓޮޓެންހަމް ހަތަރެއްގައި އޮތީ 37 މެޗުން 68 ޕޮއިންޓާ އެކު އެވެ. ފަސް ވަނައިގައި އޮތް އާސެނަލަށް 37 މެޗުން ލިބުނީ 66 ޕޮއިންޓެވެ.
ރޭ ނިއުކާސަލްއާ ދެކޮޅަށް ކުޅުނު މެޗުގައި އާސެނަލް ފެނުނީ ދަށް ފޯމެއްގައެވެ. ސީޒަންގައި ރަނގަޅު އެޓޭކްތަކެއް އުފެއްދި އާސެނަލް ޓީމުގެ ފަރާތުން ރޭގެ މެޗުގައި އެންމެ އެކަށޭނެ ހަމަލާތަކެއްވެސް ފެނިފައެއް ނުވެއެވެ. އާސެނަލްގެ ފަރާތުން މެޗުގައި ފެނުނު ހަމައެކަނި ހަމަލާއަކީ މުހައްމަދު އެލްނެނީ ދުރުން ފޮނުވާލި ހަމަލާއެކެވެ. އިތުރު ހަމަލާއެއް އާސެނަލްގެ ފަރާތުން ނިއުކާސަލް ގޯލަށް އަމާޒުކޮށް ފޮނުވައިލައިފައެއް ނުވެއެވެ.
މެޗުގައި ނިއުކާސަލް ލީޑުނެގީ 55 ވަނަ މިނިޓްގައެވެ. ޖޮއެލިންޓަން ނެގި ހުރަހެއް ޑިފެންސް ކުރަން އުޅުމުގެ ތެރޭގައި ބެން ވައިޓް ޖައްސާލި ބޯޅަ ވަނީ ބައިކޮޅަށެވެ. މެޗުގައި ނިއުކާސަލް އިން ދެވަނަ ގޯލެއް ޖަހަން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 85 ވަނަ މިނިޓްގައެވެ. ނިއުކާސަލްއަށް ދެވަނަ ގޯލު ޖަހައިދިނީ މި ޖެނުއަރީ މަހުގެ ޓްރާންސްފާ ސީޒަންގައި ޓީމަށް ގެންދިޔަ ބްރޫނޯ ގިމާރޭސްއެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު