ދުނިޔެ

ތައުލީމީ ފެންވަރާމެދު ފިލިޕީންސްގެ އައު ރައީސް ހެއްދެވި ބޮޑު ދޮގު ފަޅާއަރައިފި

ފިލިޕީންސްގެ ރައީސަކަށް ވުމަށްޓަކައި ތައުލީމީ ސަނަދެއް ބޭނުމެއް ނުވެއެވެ. ލިޔާންކިޔާން އެނގިފައި ފިލިޕީންސްގެ ރައްޔިތަކަށް ވަންޏާ އެއޮތީ ރައީސްކަމަށް ކުފޫ ހަމަވެފައެވެ. ޔުނިވަރސިޓީ ޑިގްރީއެއް އޮތުމަކީ ބޯނަހެކެވެ. ވަކިން ޚާއްސަކޮށް ބޭރުގެ މަގްބޫލު ޔުނިވަރސިޓީއަކުން ޑިގްރީއެއް ހާސިލްކޮށްފައިވުމަކީ ފިލިޕީންސްގައި ވަރަށް ބޮޑު ގަދަރުވެރިކަމެއް ލިބޭ ކަމެކެވެ.

ފިލިޕީންސްގައި މިމަހު ނުވަވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބު ފާޑިނާންޑް މާކޯސް ޖޫނިއަރ ކާމިޔާބު ކުރެެއްވިއިރު އޭނާގެ ކެމްޕޭނުން ބުނަމުންދިޔައީ މާކޯސްއަކީ އިނގިރޭސިވިލާތުގެ އެންމެ ދުވަސްވީ އަދި އެންމެ މަގްބޫލު ޔުނިވަރސިޓީކަމަށްވާ އޮކްސްފަޑް ޔުނިވަރސިޓީން 1970ގެ އަހަރުތަކުގެ ތެރޭގައި ސޯޝަލް ސްޓަޑީޒްގެ ދާއިރާއިން ޑިގްރީއެއް ހާސިލް ކުރައްވާފައިވާ ބޭފުޅެއް ކަމުގައެވެ. އެކި އިންޓަރވިޔުތަކުގައި ޚުދު މާރކޯސްވެސް ވަނީ އޭނާއަށް އޮކްސްފަޑް ޔުނިވަރސިޓީން ޑިގްރީއެއް ލިބިފައިވާ ކަމަށް ވިދާޅުވެފައެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ކަށަވަރުކޮށްދޭ ގާނޫނުގެ ދަށުން މާރކޯސްގެ ޑިގްރީގެ ސައްހަކަން ދެނެގަތުމަށް އޮކްސްފަޑް ޔުނިވަރސިޓީގައި ފިލިޕީންސްގެ ބަޔަކު އެދިގެން އެ ޔުނިވަރސިޓީން މާކޯސްގެ ވަނަވަރު ހާމަކުރިއިރު އޭނާއަށް ލިބިފައިވަނީ ޑިގްރީއެއް ނޫނެވެ. އެ ޔުނިވަރސިޓީގައި ޑިގްރީ ޕްރޮގްރާމެއްވެސް މާކޯސް ފުރިހަމައެއް ނުކުރެއެވެ. މާކޯސް ޖޫނިއަރ އަށް ޔުނިވަރސިޓީން ދީފައިވަނީ ޚާއްސަ ޑިޕްލޮމާއެކެވެ. އެވެސް ދީފައިވަނީ މާކޯސްގެ ބައްޕަ ފާޑިނާންޑް މާކޯސް ސީނިއަރ އަކީ އޭރު ފިލިޕީންސްގެ ރައީސްކަމަށް ވެފައި އޮކްސްފަޑް ޔުނިވަރސިޓީގެ ވެރިންގާތު އާދޭސްކޮށްގެން އޭނާގެ ދަރިފުޅަށް ޔުނިވަރސިޓީގެ ލޯގޯޖެހި ކޮންމެވެސް ކަރުދާސްކޮޅެއް ދިނުމަށް ތަކުރާރުކޮށް އެދިގެންނެވެ.

އޮކްސްފަޑް ޔުނިވަރސިޓީގައި މާކޯސް ޖޫނިއަރ ހޭދަކުރި މަދު ދުވަސްކޮޅުގެ ތެރޭގައި ފާސްވި އިމްތިހާނެއްވެސް ނެތެވެ. މިހުރިހާ ރިކޯޑުތަކެއް މިހާރު އޮކްސްފަޑް ޔުނިވަރސިޓީން ހާމަކުރީމާ މާކޯސް ޖޫނިއަރގެ އޮޅުވައިލުންތައް ފެނިފައި ވަރަށް ގިނަބަޔަކު ވަނީ ހައިރާންކަން ފައުޅުކޮށްފައެވެ. އަމިއްލަ ތައުލީމީ ފެންވަރާމެދު ރައްޔިތުންނަށް މިވަރުގެ އޮޅުވާލުމެއް އޮޅުވައިލި މީހަކު ރައްޔިތުންގެ ފައިސާޔާ ބެހޭ ކަންކަމުގައި އަދި ކިހާވަރަކަށް އޮޅުވައިލާނެތޯ އެމީހުން ސުވާލުވެސް ކުރެއެވެ. މާކޯސް ޖޫނިއަރ އަކީ ފިލިޕީންސްގެ ތާރީޚު ދުށް އެންމެ ޚުދުމުޚުތާރު އަދި އެންމެ ކޮރަޕްޓް ރައީސްކަމަށް ބުނެވޭ ފާޑިނާންޑް މާކޯސް ސީނިއަރގެ ދަރިކަލުންނެވެ.