މަނާވާ ތާރީހުގެ ކުރިން އިމްޕޯޓު ކުރުމުގެ ހުއްދަ ދީފައިވާ ޕްލާސްޓިކުގެ ބާވާތްތައް އެތެރެ ކުރުމުގެ ފުރުސަތު ދޭނެކަމަށް މޯލްޑިވްސް ކަސްޓަމް ސާވިސް (އެމްސީއެސް)އިން ބުނެފިއެވެ.
ކަސްޓަމުން ރޭ ސަރުކާރުގެ ގެޒެޓުގައި ކުރި އިއުލާނެއްގައި ބުނީ، ރާއްޖެއަށް އިމްޕޯޓް ކުރުން މަނާ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓުގައިވާ މަނާކުރާ ތާރީހުން ފެށިގެން، ރާއްޖެއަށް ގެންނަ ޝިޕްމަންޓެއްނަމަ، އެ މުދަލެއްގެ ބިލް އޮފް ލެޑިން ނުވަތަ އެއާވޭ ބިލް ލިސްޓުގައި ބަޔާންކޮށްފައިވާ މަނާކުރާ ތާރީހުގެ ކުރިން ދޫކޮށްފައިވާނަމަ، އެމުދަލެއް އެތެރެކުރުމަށް ފުރުސަތު އެ މުއައްސަސާއިން ދޭނެ ކަމަށެވެ.
ތިމާވެށި ރައްކާތެރި ކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން މިއަހަރުން ފެށިގެން ބޭނުން ކުރުން މަނާ ޕްލާސްޓިކުގެ ބާވަތްތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ގަރާރަކުން ކަނޑައެޅުއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ.
ރައީސް ސޯލިހު ސޮއި ކުރައްވައި ސަރުކާރުގެ ގެޒެޓުގައި އާންމުކުރި "ތިމާވެއްޓަށް ގެއްލުންދޭ ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ކަނޑައެޅުން" ގަރާރުގައި ބުނެފައިވަނީ ޕްލާސްޓިކް އާއި ޕްލާސްޓިކުން ތައްޔާރު ކޮށްފައި ހުންނަ އެއްޗެއްހީގެ ތެރެއިން ތިމާވެއްޓަށް ގެއްލުންދޭ ސިންގަލް ޔޫސް ޕާލްސްޓިކުގެ ތެރެއިން 13 ބާވަތެއް ރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން މަނާވާނެ ކަމަށެވެ.
އޭގެ ތެރެއިން މިއަހަރު މަނާ ކުރުމަށް ނިންމާފައިވަނީ 10 ބާވަތެކެވެ.
- ރާއްޖޭގައި އުފައްދާ އަދި ބޭނުން ކުރާ 500 މިލިލީޓަރަށްވުރެ ކުދި ޕްލާސްޓިކް ފުޅީގައި ބަންދު ކޮށްފައި ހުންނަ ތައްޔާރީ ބުއިންތައް (ފެން ފިޔަވައި)
- ރާއްޖޭގައި އުފައްދާ އަދި ބޭނުން ކުރާ 500 މިލިލީޓަރަށްވުރެ ކުދި، ޕްލާސްޓިކް ފުޅީގައި ބަންދު ކޮށްފައި ހުންނަ ފެން
- ރާއްޖޭގައި އުފައްދާ އަދި ބޭނުން ކުރާ އެއް ލީޓަރާއި އެއް ލީޓަރަށްވުރެ ކުދި، ޕްލާސްޓިކް ފުޅީގައި ބަންދު ކޮށްފައި ހުންނަ ފެން
- 50 މިލިލީޓަރުން ފެށިގެން 200 މިލިލީޓަރާ ހަމައަށް ހިމެނޭ ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ ކުދި ޝޭމްޕޫ، ސައިބޯނި، ކޮންޑިޝަނާ އަދި ލޯޝަން
- ބާޒާރު ކުރަން ބޭނުން ކުރާ 50 ސެންޓިމީޓަރަށްވުރެ ކުދި ޕްލާސްޓިކް ކޮތަޅު
- މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން ބާޒާރަށް ނެރުން މަނާކޮށްފައިވާ ޕްލާސްޓިކްގެ ބާވަތްތައް:
- ދިޔާތަކެތި ބުއިމަށް ބޭނުން ކުރާ އެއްފަހަރު ބޭނުން ކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކުން ހަދާފައި ހުންނަ ޕްލާސްޓިކް ހޮޅި
- ބާޒާރު ކުރަން ބޭނުން ކުރާ 30 ސެންޓިމީޓަރަށްވުރެ ކުދި ޕްލާސްޓިކް ކޮތަޅު
- 250 މިލިމީޓަރަށްވުރެ ކުޑަ، އެއްފަހަރު ބޭނުން ކުރެވޭ ދިޔާތަކެތި ބުއިމަށް ބޭނުން ކުރާ ޕްލާސްޓިކް ތަށި
- 50 މިލިލީޓަރާއި 50 މިލިލީޓަރަށްވުރެ ކުދި ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ ޝޭމްޕޫ، ސައިބޯނި، ކޮންޑިޝަނާ އަދި ލޯޝަން
- ކާބޯތަކެތި ބަންދު ކުރާ ސްޓައިރަފޯމް ފޮށި
- ޕްލާސްޓިކް ދަނޑިކޮޅުލާފައިވާ ކަފަބުރު
- ޕްލާސްޓިކުން ހަދާފައި ހުންނަ ކާ ތަށި، ސަމުސާ، ވަޅި، އޫ، އަދި ދިޔާތަކެތި ގިރުމަށް ބޭނުން ކުރާ ޕްލާސްޓިކް ދަނޑިކޮޅު
- ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ އިމްޕޯޓު ކުރާ ސުޕާރީ
ރާއްޖެއަށް ޕްލާސްޓިކް އެތެރެކުރުމުގެ ގާނޫނު ރައީސް އިބްރާހީމް ތަސްދީގުކުރައްވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.
އެ ގާނޫނަށް އަލަށް ގެނައި އިސްލާހުގައި ވަނީ، އެ ގާނޫނުގެ އަށް ވަނަ މާއްދާގެ ފަހަތަށް، "ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާވުން" މި ނަމުގައި ސަބް ހެޑިންއެއް ހިމަނައި (8.1) ގޮތުގައި އަކުރެއް އިތުރު ކުރުމަށެވެ.
އިތުރުކުރި އެ އަކުރުގެ ދަށުން ތިމާވެއްޓަށް ގެއްލުން ދޭ އެއްޗެހީގެ ތެރެއިން، ރައީސް ކަނޑައަޅާ ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތައް، ރާއްޖެއަށް އިމްޕޯޓުކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުމަކީ މަނާކަމެއްގެ ގޮތުގައި ވަނީ ބަޔާންކޮށްފައެވެ. އަދި ރައީސް ކަނޑައަޅާ އެ ލިސްޓު، އެކި މަރުހަލާތަކަށް ބަހާލައިގެން ކަނޑައެޅުމުގެ އިހުތިޔާރު އޮތުމާއެކު އެ އިސްލާހަށް އަމަލުކުރަން ފެށުމަށްފަހު ރައީސް ކަނޑައަޅާ ފުރަތަމަ ލިސްޓު އަންނަ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުގެ ކުރިން ކަނޑައަޅަންވާނެ ކަމަށް ބުނެފައިވެއެވެ.
އޭގެ އިތުރުން ރައީސް އެ ލިސްޓު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ އިރު، އެ ލިސްޓުގައި ބަޔާންކުރާ ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާވާނެ ތާރީހެއް ކަނޑައެޅުމާއި އަދި އެ ލިސްޓު ކަނޑައެޅުމުގައި ރިއާޔަތް ކުރަންވީ ކަންކަމާއި އިސްލާހުގައި ހުރި ބަސްތަކުގެ މާނަކުރުންތައްވެސް ހިމަނާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު