ކްލައިމެޓް ޗޭންޖް ނުވަތަ މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވާން ފިޔަވަޅު އަޅަން މާ ލަސްވެފައިވާ ކަމަށް ވިދާޅުވެ، މިހާރުންމިހާރަށް އެކަމަށް ބޭނުންވާ ފައިސާ ލިބޭނެ މަގުފަހިކޮށްދޭން އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ގޮވާލައްވައިފިއެވެ.

ދިވެހި ސަރުކާރުން އިސްނަގައިގެން ކްރޮސްރޯޑްސްގައި ކުރިއަށްގެންދާ "ގްލާސްގޯ ޝަރުމުއް-ޝެއިހް ވާކް ޕްރޮގްރާމް އޮން ދަ ގްލޯބަލް ގޯލް އޮން އެޑެޕްޓޭޝަން (ޖީޖީއޭ)" ގައި، ވާހަކަދައްކަވަމުން މިއަދު ޝައުނާ ވަނީ މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވާން ކްލައިމެޓް އެޑެޕްޓޭޝަން ފަންޑިން ލިބުން ލަސްވާކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި ޝައުނާ އެދިވަޑައިގަތީ އެއް މާލަމެއްގައި ތިބެގެން ކުރާ މަޝްވަރާތަކަށް ފަހު އެކަމަށް އެދެވޭ ހައްލެއް ހޯދައި ދިނުމަށެވެ. އެހެން ނޫންނަމަ މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުންތައް އެންމެ ބޮޑަށް ތަހައްމަލު ކުރަމުންދާ ރާއްޖެ ފަދަ ޖަޒީރާ ގައުމުތައް ސަލާމަތް ނުވާނެކަމަށް ޝައުނާ ވިދާޅުވިއެވެ.

"ރާއްޖޭގެ ކޮންމެ ރަށަކަށް ދިޔަޔަސް އެ މީހުން ބުނަނީ މިއިން ޒަމާނަކު ނުގިރާ ވަރަށް ރަށްގިރުމުގެ ވާހަކަ، ވަޅު ފެން ލޮނުވާ ވާހަކަ، ތޫފާނުތައް ބާރުގަދަވެ ކަނޑު ގަދަވާ ވާހަކަ. އެކަމަކު، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުން އިތުރުވަމުން ދިޔަ ނަމަވެސް، އެޑެޕްޓޭޝަން ފަންޑިންއާ ގުޅުވައި އެހެން ބުނެވޭކަށް ނެތް،" ޝައުނާ ވިދާޅުވިއެވެ.

ޝައުނާ ވިދާޅުވީ، ރާއްޖޭގެ ބަޖެޓުގެ 30 ޕަސަންޓު ހަރަދުކުރަން ޖެހެނީ މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް ކަމަށެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށް ހައްލެއް ނުހޯދިއްޖެ ހާލަތެއްގައި މެދުމިނުގެ އާމްދަނީ ލިބޭ ގައުމުތައް ފަގީރުވެ، ފަގީރު ގައުމުތައް ފެއިލުވެފައިވާ ދައުލަތްތަކަކަށް ވާނެ ކަމަށެވެ.

މީގެ ކުރިން ވެސް ޝައުނާ ވަނީ ކްލައިމެޓް އެޑެޕްޓޭޝަން ފަންޑިން ނުލިބޭ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އެގޮތުން މިދިޔަ އަހަރު ބޭއްވި ކޮޕް ސަމިޓުގައި ވާހަކަދައްކަވަމުން ޝައުނާ ވަނީ، ތަރައްގީވެފައިވާ ގައުމުތަކުން ކޮންމެ އަހަރަކު ދޭން ވައުދުވީ 100 ބިލިއަން ޑޮލަރު ނުލިބޭތީ އެކަމާ ގުޅޭގޮތުން ސުވާލު ކުރައްވައިފައެވެ.