ދ. ހުޅުދެލި ބަނދަރު ތަރައްގީކުރުމުގެ 85 ޕަސަންޓް މަސައްކަތް ނިމިފައިވާ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީން މިއަދު ބުނީ، ހުޅުދެލި ބަނދަރަށް ބޭނުންވާ މަގު ބައްތި ޕްރޮޖެކްޓް ސައިޓަށް މިހާރު ގެންދެވިފައިވާ ކަމަށެވެ. އަދި އެ މަސައްކަތުގެ 85 ޕަސަންޓުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށްވެސް އެމްޓީސީސީން ބުންޏެވެ.
ހުޅުދެލި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން 49،612 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 432 މީޓަރުގެ ސަރަހަދެއްގައި އެއްގަމުތޮށި ލުމުގެ މަސައްކަތް އެމްޓީސީސީން ކުރާނެއެވެ.
އޭގެ އިތުރުން 337 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމާއި، 252 މީޓަރުގެ ސަރަހަދެއްގައި ރިވެޓްމެންޓް ޖެހުމާއި، 1،645 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމެންޓް ހެދުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް އެމްޓީސީސީން ކުރާނެއެވެ.
ޕްލޭނިން މިނިސްޓްރީން ހުޅުދެލި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 2019 ވަނަ އަހަރުގެ އެޕްރީލް ޑިސެމްބަރު މަހުގެ 10 ގައެވެ. އެމްޓީސީސީއާ އެ މަސައްކަތް ހަވާލުކުރީ 362 ދުވަހުން ނިންމާ ގޮތަށް 39.8 މިލިއަން ރުފިޔާއަށެވެ.