ޚަބަރު

'ގްލޯބަލް ގޯލް އޮން އެޑެޕްޓޭޝަން' އާ ބެހޭ ގްލާސްގޯ-ޝާމް އެލް-ޝޭޚް ވޯކް ޕްރޮގްރާމް ފަށައިފި

ގްލޯބަލް ގޯލް އޮން އެޑެޕްޓޭޝަން (ޖީޖީއޭ) ގެ މައްޗަށް އެކުލަވާލާފައިވާ ގްލާސްގޯ-ޝާމް އެލް-ޝޭޚް ވޯކް ޕްރޮގްރާމް ރާއްޖޭގައި ފަށައިފިއެވެ.

މިޕްރޮގްރާމް އިފްތިތާހުކޮށްފައިވަނީ އެކަމަށްޓަކައި ކްރޮސްރޯޑްސް ގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

އެ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމް އާއި އެންވާރްމަންޓް މިނިސްޓަރު، އާމިނަތު ޝައުނާ އާއި ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫއެންއެފްސީސީސީ)ގެ މަތީ ފެންވަރުގެ މަންދޫބުންނާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ކޮންފްރެންސް(ކޮޕް)26 ރިޔާސަތާއި، އަންނަ ކޮޕް27 ރިޔާސަތާއި، ތިމާވެށީގެ ސިޔާސަތުގެ ތަޖުރިބާކާރުންނާއި، އަދި ތަރައްގީވެފައިވާ ގައުމުތަކުގެ އޮފިޝަލުންނާއި ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (އެސްއައިޑީއެސް) އަދި އެހެނިހެން ނާޒުކު ގައުމުތަކުގެ ސަރުކާރުގެ އޮފިޝަލުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ ދުނިޔެއަށް ކުރިމަތިވަމުން އަންނަ ޕެންޑަމިކް އާއި ސަރަހައްދީ ހަނގުރާމަތަކާއި އަދި އެތައް ގޮންޖެހުން ތަކަކީވެސް މޫސުމަށް އަންނަ ބަދަލުތަކާއި އެކިގޮތްގޮތުން ގުޅިފައިވާ ކަންތައްތައް ކަމަށެވެ. ދިވެހިރާއްޖެއަކީ ބިންތިރި ޖަޒީރާ ގައުމެއް ކަމުގައިވާތީ މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުމުގެ އަސަރު ރާއްޖެއަށް ބޮޑުވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނައިބު ރައީސް ވިދާޅުވީ "މި އަހަރުގެ ނޮވެންބަރު މަހު ޝަރްމުއްޝައިޚްގައި އޮންނަ ބައްދަލުވުމަށް ދުނިޔޭގެ ގައުމުތަކުން ތައްޔާރުވާއިރު ޕެރިހާއި ގްލާސްގޯގައި ވެފައިވާ ވައުދުތައް ތަންފީޒުކުރެވި، ސިޔާސަތުތަކަކަށް ބަދަލުކުރެވި، މިހާރުން މިހާރަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި އެޑެޕްޓޭޝަނަށް ކުރަންޖެހޭ ކަންތައްތައް ކުރުމަކީ މުހިއްމު ކަމެއް" ކަމަށެވެ.

މި ޕްރޮގްރާމާއި ބެހޭގޮތުން މިނިސްޓަރު ޝައުނާ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުތަކާއި އޭގެ އަސަރުތައް އަޅުގަނޑުމެން ވަގުތުން، އެކުގައި ހައްލުކުރަން ޖެހޭނެ ކަމަށާއި ދުނިޔޭގެ ފިނިހޫނުމިން މައްޗަށް ދިއުން 1.5 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓުމަށް އަޅުގަނޑުމެންނަށް 91 މަސް ދުވަސް އެބައޮތް ކަމަށެވެ.

ދުނިޔޭގައި މިހާރުވެސް ފެންނަމުންދަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގެއްލުންތައް އިތުރުވެފައިވާ މިންވަރު. ރެސިލިއެންސް އާއި އެޑެޕްޓިވް ކެޕޭސިޓީ ބަލިކަށި ނުވަތަ ނެތް ދާއިރާތަކުގައި ދިރިއުޅުމާއި ދިރިއުޅުމަށް ކުރާ ހަރަދުތައް އިތުރުވެފައިވާ މިންވަރު މިހާރުވެސް ފެންނަމުން ދަނީ." ޝައުނާ ވިދާޅުވިއެވެ.

"ގްލާސްގޯ-ޝަރްމުއްޝައިޚް ވޯކް ޕްރޮގްރާމް އޮން ގްލޯބަލް ގޯލް އޮން އެޑެޕްޓޭޝަން" ޕްރޮގްރާމް ކުރިޔަށްގެންދަނީ މިމަހުގެ 16 އިން 17އަށް ރާއްޖޭގައެވެ. ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސްއަށްވުރެ ދަށުގައި ހިފެހެއްޓުމަށްޓަކައި، މޫސުމަށް އަންނަ ބަދަލުތަކުގެ ނާޒުކުކަން ކުޑަކުރުމަށް މަސައްކަތްކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމުގެ ޤާބިލުކަން އިތުރުކުރުމަށް މަސައްކަތްކުރުމާއި ވިލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުމަކީ ޕެރިސް އެގްރީމަންޓުގެ މުހިންމު އަމާޒެކެވެ.