ޚަބަރު

ތަކަންދޫ ނެރު ފައިކަށި އަޕްގްރޭޑްކުރުމާއި އުތުރު ކުޅި ސަރަހައްދު ހިމާޔަތްކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

ހއ. ތަކަންދޫ ނެރު ފައިކަށި އަޕްގްރޭޑްކުރުމާއި އުތުރު ކުޅި ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

އެމްޓީސީސީއާ އެ މަސައްކަތް ހަވާލުކުރުމަށް ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

އެ މަޝްރޫއުގެ ދަށުން 4،455 ކިއުބިކް މީޓަރު (މެދު ދިޔައިން ފެށިގެން ތިން މީޓަރު ހަމަވާ ވަރަށް) ތަކަންދޫ ބަނދަރު ފުންކުރުމާއި، 2،230 ކިއުބިކް މީޓަރު (މެދު ދިޔައިން ފެށިގެން 3.5 މީޓަރު ހަމަވާ ވަރަށް) ބަނދަރަށް ވަންނަ ނެރު ފުން ކުރުން ހިމެނެއެވެ. އަދި 126 މީޓަރު ގްރޮއިން ޖެހުމާއި، 252 މީޓަރު ބޮޑު ހިލައިގެ ބޭރުތޮށި ޖެހުން ވެސް ހިމެނެއެވެ.

އޭގެ އިތުރުން 160 މީޓަރު ރިވެޓްމަންޓް ޖެހުމާއި، ދެ ނެވިގޭޝަން ލައިޓް ހަރުކުރުމާއި، ހަތް މޫރިންގް ބޮއި ހަރުކުރުމާއި، ދިހަ މަގު ބައްތި ހަރުކުރުން އަދި 883.38 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ވެސް އެ މަޝްރޫއުގައި ހިމެނެއެވެ.

ތަކަންދޫ ނެރު ފައިކަށި އަޕްގްރޭޑްކުރުމާއި އުތުރު ކުޅި ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 22،395،756.74 (22.3 މިލިއަން) ރުފިޔާއަށް 240 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.