ޚަބަރު

ހައި ސްޕީޑް ފެރީ ނެޓްވޯކުގެ އެކްސެސް އިމްޕްރޫވްމަންޓް ޕްލެޓްފޯމް ގާއިމުކުރުމުގެ މަސައްކަތް އެމްޓީސީސީއަށް

ރާއްޖޭގެ އުތުރުގެ ފަސް ރަށެއްގައި ހައި ސްޕީޑް ފެރީ ނެޓްވޯކުގެ އެކްސެސް އިމްޕްރޫވްމަންޓް ޕްލެޓްފޯމް ގާއިމުކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

އެމްޓީސީސީއާ އެ މަސައްކަތް ހަވާލުކުރުމަށް ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

އެ މަޝްރޫއުގެ ދަށުން ކުޅުދުއްފުށީ ސިޓީ, ހދ. ހަނިމާދޫ, ހދ. ނޮޅިވަރަންފަރު, ހއ. ދިއްދޫ, ހއ. ހޯރަފުށި އަދި ހއ. ކެލާގައި ހައި ސްޕީޑް ފެރީ ނެޓްވޯކުގެ އެކްސެސް އިމްޕްރޫވްމަންޓް ޕްލެޓްފޯމް ގާއިމުކުރަން ޖެހެއެވެ. އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 5,041,269.26 (ފަސް މިލިއަން) ރުފިޔާއަށް 300 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ހައި ސްޕީޑް ފެރީ ނިޒާމަކުން ރާއްޖެ ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ދަށުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)ގެ ހިދުމަތް އުތުރުގެ ރަށްތަކަށް މިހާރު ފަށައިފައެވެ. އެ ހިދުމަތް އެމްޓީސީސީން ފެށީ މިމަހުގެ ދެވަނަ ދުވަހުއެވެ.

އެމްޓީސީސީން ބުނީ، އެ ހިދުމަތުގައި ބޭނުންކުރާ ސްޕީޑް ފެރީތަކަކީ 50 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ ފެރީތަކެއް ކަމަށެވެ. އަދި މިހާރު ސްޕީޑް ފެރީތައް ހުންނާނީ ދަތުރުވެރިންނަށް ހިތް ފަސޭހަކަމާއެކު ދަތުރުކުރެވޭނެގޮތަށް ފަރުމާކޮށްފައި ކަމަށްވެސް ބުންޏެވެ.

އެގޮތުން، އެއާކޯން ކުރެވިފައިވާ މި ސްޕީޑް ފެރީތަކުގެ ސީޓާއި ފަސިންޖަރުންގެ ކެބިން ފަރުމާކޮށްފައިވަނީ މިފަދަ ދަތުރުތައް ކުރުމަށް އެންމެ އެކަށޭނެ ގޮތަށެވެ. މިއިން ކޮންމެ ސީޓެއްގައި މޯބައިލް ޗާޖް ކުރެވޭގޮތަށް ޔޫއެސްބީ އައުޓްލެޓެއް ހަރުކުރެވިފައި ހުރި އިރު، ފެރީގައި ފާހާނާއާއި ލަގެޖް ބެހެއްޓޭ ޖާގަ ހާއްސަކުރެވިފައި ހުރެއެވެ. އަދި އާރުޓީއެލްގެ ހިދުމަތް ހޯދާ ކޮންމެ ފަރާތަކަށް އެއް ލަގެޖުގެ އިތުރުން ކެރީއޮން ލަގެޖެއް ގެންދެވޭނެއެވެ.

އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ އިތުރުން ދެވަނަ އަދި ތިންވަނަ ފިޔަވަހީގެ މަސައްކަތް ކުރަމުން އަންނަނީ ވެސް އެމްޓީސީސީންނެވެ. ދެވަނަ އަދި ތިންވަނަ ފިޔަވަހީގެ ދަށުން ޒޯން 2 (ނ، ރ، ބ އަދި ޅ) އާއި ޒޯން 3 (ކ، އއ، އދ އަދި ވ) އާއި ޒޯން 4 ( މ، ފ، ދ، ތ އަދި ލ) އާއި ޒޯން 5 (ގއ އަދި ގދ) ޒޯން 6 (ސ އަދި ޏ) ގައި ހިމެނޭ ރަށްތަކަށް ސްޕީޑް ފެރީގެ ހިދުމަތް ފޯރުކޮށްދިނުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ.