ޚަބަރު

ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލައްވައި, ރައީސް ރާއްޖެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދުު ސޯލިހު، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފިއެވެ.

ރައީސް ސޯލިހު ޔޫއޭއީއަށް ވަޑައިގެންނެވީ ޔޫއޭއީގެ ރައީސް, އަބޫދާބީގެ އަމީރު އަދި ޔޫއޭއީގެ އާމްޑް ފޯސަސްގެ ސުޕްރީމް ކޮމާންޑަރު ޝެއިޚް ހަލީފާ ބިން ޒައިދް އަލް ނަހްޔާންގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށެވެ. އެމަނިކުފާނު ފުރާވަޑައިގެންނެވީ އިއްޔެއެވެ.

ރައީސް އޮފީހުން މިއަދު ބުނީ އެ ދަތުރުފުޅުގައި ރައީސް ވަނީ ޔޫއޭއީގެ ރައީސް ޝެއިޚް ހަލީފާގެ އާއިލާއަށް ތައުޒިޔާ ދަންނަވައި، އެ އާއިލާގެ ހިތާމައިގައި ބައިވެރިވެވަޑައިގެންފައި ކަމަށެވެ.

އެ ދަތުރުފުޅުގައި ރައީސް ވަނީ ޔޫއޭއީގެ އާ ރައީސް, އަބޫދާބީގެ ވެރިޔާ އަދި ޔޫއޭއީގެ އާމްޑް ފޯސަސްގެ ސްޕްރީމް ކޮމާންޑަރު ޝައިޚް މުހައްމަދު ބިން ޒާއިދު އަލް ނަހްޔާންއާ ވެސް ބައްދަލުކުރައްވައިފިއެވެ. އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ޝެއިޚް ހަލީފާއަށް ތައުރީފުކުރައްވައި ވާހަކަފުޅުދައްކަވައިފައެވެ.

ޔޫއޭއީގެ ރައީސް ޝެއިޚް ހަލީފާ އަވަހާރަވީ މިދިޔަ ހުކުރު ދުވަހުގެ ވަގުތެއްގައެވެ. އަވަހާރަވި އިރު އުމުރުފުޅަކީ 73 އަހަރެވެ.