އެސްޓީއޯގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާ މިމަހުގެ 30 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.
އަހަރީ އާންމު ޖަލްސާއަށް އެސްޓީއޯގެ ހުރިހާ ހިއްސާދާރުންނަށް ދައުވަތު ފޮނުވައި އެ ކުންފުނިން އާންމުކޮށްފައިވާ ނޯޓިސްގަައި ބުނެފައި ވަނީ، ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހުގެ ރޭގަނޑު 9:00 ގައި ކަމަށާއި ޖަލްސާގައި މި އަހަރު ތިން ގޮތަކަށް ބައިވެރިވެވޭނެ ކަމަށެވެ.
އެއީ ޖަލްސާ ތަނަށް ހާޒިރުވެގެން ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ނުވަތަ މައިކްރޮސޮފްޓް ލައިވް އިވެންޓްސް މެދުވެރިކޮށް އޮންލައިންކޮށެވެ. ޖަލްސާ ބާއްވަން ނިންމާފައިވަނީ މަރީނާ ކްރޮސްރޯޑްސް އިވެންޓް ހޯލުގައެވެ.
ނޯޓިސްގައި ބުނެފައިވާ ގޮތުން، އެ ޖަލްސާގައި ބައިވެރިވެވޭނީ މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް އެ ކުންފުނީގެ ހިއްސާދާރުންގެ ދަފުތަރުގައި ހިމެނޭ ފަރާތްތަކަށް ކަމަށެވެ. އަދި މިއަހަރުގެ ޖަލްސާއަށްވެސް ކުންފުނީގެ ވެބްސައިޓުގައި ހޮސްޓްކުރެވިފައިވާ ވެބް ޕޭޖް agm.sto.mv އިން ރަޖިސްޓްރީ ކުރެވޭ އިރު، ޖަލްސާގައި ބައިވެރިވާން ބޭނުންވާ މީހުން، މިމަހުގެ 29 ވަނަ ދުވަހުގެ ރޭގަނޑު 9:00 ގެ ކުރިން، ވެބް ޕޭޖް މެދުވެރިކޮށް ރަޖިސްޓްރީ ކުރަން ޖެހެއެވެ.
މިއަހަރުގެ ޖަލްސާގައި އެސްޓީއޯގެ 2020 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި ކުންފުނީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓް އަދި އޮޑިޓްކޮށްފައިވާ މާލީ ހިސާބު ފާސްކުރުމާއި ޕަބްލިކް ހިއްސާދާރުންގެ ފަރާތުން އައްޔަންކުރާ ޑިރެކްޓަރު އިންތިހާބުކުރުން އޮންނާނެއެވެ.
އޭގެ އިތުރުން ކުންފުނީގެ ފައިދާއިން 2021 ވަނަ އަހަރު ހިއްސާދާރުންނަށް ބަހަން ހުށަހެޅުމަށް، ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވާ ހިއްސާއަކަށް 65ރ. ފާސްކުރުންވެސް އޮންނާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު