ޚަބަރު

އެސްޓީއޯގެ މިދިޔަ އަހަރުގެ އާމްދަނީ އިތުރުވެ ފައިދާއަށް 487 މިލިއަން ރުފިޔާ

މުހައްމަދު ޖަމްޝަތް ވަހީދު

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް މިދިޔަ އަހަރު ލިބުނު އާމްދަނީ އިތުރުވެ ކުންފުނީގެ ސާފު ފައިދާގެ ގޮތުގައި 487 މިިއަން ރުފިޔާ ލިބިފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެސްޓީއޯ އިން އާއްމުކޮށްފައިވާ އެ ކުންފުނީގެ އަހަރީ ރިޕޯޓުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އެކުންފުންޏަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 486،827،351ރ ވަނީ ލިބިފައެވެ. މިއީ 2020 ވަނަ އަހަރާ އަޅާބަލައި އިރު 35 އިންސައްތަ ކުރިއެރުމެކެވެ.

މިިދިޔަ އަހަރު އެސްޓީއޯގެ ޖުމްލަ އާމްދަނީވެސް އޭގެ ކުރީ އަހަރާ އަޅައި ބަލާއިރު 41 އިންސައްތަ ވަނީ އިތުރުވެފައެވެ. މިދިޔަ އަހަރުގެ ޖުމްލަ އާމްދަނީގެ ގޮތުގައި އެ ކުންފުންޏަށް 10.2 ބިލިއަން ރުފިޔާ ލިބުނެވެ.

އެސްޓީއޯގެ ގްރޫޕް (ސަބްސިޑަރީސް)ގެ މާލީ ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި 11.24 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ އޭގެ ކުރީ އަހަރާ އަޅައި ބަލާއިރު 32 އިންސައްތައިގެ ކުރިއެރުމެކެވެ. ޖުމްލަ އާމްދަނީ އިތުރުވުމާއިއެކު އެސްޓީއޯ ގްރޫޕްގެ ސާފު ފައިދާއަށްވެސް 186 މިލިއަން ރުފިޔާ ލިިބިފައިވާކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅައިބަލައި 47 އިންސައްތަ ކުރިއެރުމެކެވެ.

އެސްޓީއޯ އަށް މިދިޔަ އަހަރު ލިބުނު ފައިދާއަށް ބަލައި ހިއްސާއަކަށް 65 ރުފިޔާ ބެހުމަށް އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށްވެސް ކުންފުނީގެ ބޯޑުން ވަނީ ފާސްކޮށްފައެވެ.

އެސްޓީއޯ ކުންފުންޏާއި އެސްޓީއޯ ގްރޫޕަށް މިދިޔަ އަހަރަކީ މާލީ ގޮތުން ކާމިޔާބު އަހަރެކެވެ. މީގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ ވިޔަފާރި އިތުރުވުމާއި އެސްޓީއޯ ގްރޫޕުން ވިއްކި ތެލުގެ އަދަދު އޭގެ ކުރީ އަހަރާއި ބަލައި 26 އިންސައްތަ އިތުރުވެފައިވުމާއިއެކު، ފިޝަރީސް އާއި ޝިޕިން އަދި ގޭސް ގެ އާމްދަނީ އިތުރުވުމާއި ކުންފުނިން ކުރަމުންގެންދިޔަ އެހެނިހެން ވިޔަފާރި ރަގަޅުވެފައި ވުން ކަމަށް އެސްޓީއޯ އިން ބުނެއެވެ.