ޚަބަރު

މަނީ ލޯންޑަރިންގެ ތުހުމަތަށް އަލްހާން ފުލުހަށް ހާޒިރުވާން އަންގައިފި

އަލީ ޔާމިން

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ފުލުހަށް ހާޒިރުވާން އަންގައި ޗިޓު ފޮނުވައިފިއެވެ.

އަލްހާން ފުލުހަށް ހާޒިރުވާން އަންގާފައިވަނީ އަންނަ އަންގާރަ ދުވަހުގެ ރޭގަނޑު 8:00 އަށެވެ.

އަލްހާނަށް ފުލުހުން ފޮނުވި ޗިޓުގައި ބުނެފައިވަނީ އޭނާ ހާޒިރުކުރަނީ ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން އާއްމުކޮށް ހުޅުވާލައިގެން ރާއްޖޭގެ މާލީ ސެކިއުރިޓީޒްގެ ގާނޫނާއި ގަވާއިދާއި އުސޫލުތަކާ ހިލާފަށް އިންވެސްޓްމެންޓް ސްކީމެއް ތައާރަފްކޮށް އިންވެސްޓަރުންނަށް މަންފާ ލިބޭނެ ކަމަށް ދައްކައި މަކަރާ ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި އެ ފައިސާ ލޯންޑާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގަށް ސުވާލުކޮށް ބަޔާން ނެގުމަށް ކަމަށެވެ.

އެކަމާ ގުޅިގެން އަލްހާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އޭނާ ފުލުހަށް ހާޒިރުކުރަނީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ޒާތީ މަންފާއެއް ހޯދުމަށް ކަމަށެވެ.

"މިކަމުގައި އެއްވެސް ޖިނާއީ ގާނޫނާ ހިލާފު އަމަލެއް ހިންގާފައި ނުވާނެ ވާހަކަ ކަމާބެހޭ ފަރާތްތަކާއި ރައްޔިތުންގެ ސަމާލުކަމަށް ދަންނަވަން،" އަލްހާން ވިދާޅުވިއެވެ.

ކިންގްސް ކުންފުނިން ޕޮންޒީ ސްކީމެއް ހިންގާ ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުންދާ އިރު، ރަޖިސްޓްރީކޮށްފައި ނުވާ ސްކީމްތަކުގައި އިންވެސްޓް ކުރުމުގެ ސަބަބުން މާލީ ގެއްލުމެއް ލިބިފައިވާނަމަ އެކަން ހިއްސާކުރަން ކެޕިޓަލް މާކެޓު ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ވަނީ އެދިފައެވެ.

އަލްހާން ހިންގަވަނީ ޕޮންޒީ ސްކީމެއްކަން އާންމުންގެ ސަމާލުކަމަށް ފުރަތަމަ ގެނެސްފައިވަނީ މަރުކަޒީ ބޭންކް، އެމްއެމްއޭ އިންނެވެ.