ކުރިމިނަލް ކޯޓަކީ "ކީއްކުރާ ތަނެއް" ހޭ ބުނެ، އެ ކޯޓުގެ ހުރުމަތް ކެނޑި މީހަކު 15 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފިއެވެ.

މި ހުކުމަކީ، ދައުލަތުން ދައުވާކޮށްފައިވާ ރޭޕް ކުރުމުގެ ކުށުގެ ދައުވާއަކާ ގުޅިގެން މިދިޔަ ހޯމަ ދުވަހު ބޭއްވި އަޑުއެހުމެއްގައި ހިނގި ކަމަކާ ގުޅިގެން އެ މައްސަލަ ބެއްލެވި ކުރިމިނަލް ކޯޓުގެ ގާޒީ އަލީ ނަދީމް އިއްވެވި ހުކުމެވެ.

އެ އަޑުއެހުމުގައި ބަންދުގައި ތިބޭ މީހުންގެ ބޭސްފަރުވާއާ ގުޅިގެން ކުރިމިނަލް ކޯޓަށް ކޮށްދެވޭނެ ކަމެއް ނެތް ކަމަށާއި އެކަމުގައި ހައްލެއް ހޯދަން ދާން ޖެހޭނީ ސިވިލް ކޯޓަށް ކަމަށް ގާޒީ ވިދާޅުވުމުން، ކުރިމިނަލް ކޯޓަށް އަމާޒުކޮށް "ތިއީ ކީއްކުރާ ތަނެއް" ހޭ ދައުވާ ރައްދުވާ ފަރާތުން ޝަރީއަތުގައި ބުނެފަައިވާތީ، ގާޒީ އަލީ ނަދީމް ނިންމެވީ އެއީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމަށެވެ.

އޭނާ ކޯޓުގެ ހުރުމަތް ކަނޑާފައިވާތީ، ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 170 ވަނަ މާއްދާގެ (ހ) ގެ ދަށުން، 15 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ގާޒީ ނަދީމް ވަނީ ހުކުމްކުރައްވައިފައެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން ކޯޓުގެ ހުރުމަތް ކެނޑުމާ ގުޅޭ ކުށްތަކަށް އޮންނަނީ 15 ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށް ލުމެވެ. ކޯޓުގައި ހުރެގެން ކޯޓުގެ ހުރުމަތް ކެނޑުމަކީ ވަގުތުން އަދަބު ކަނޑައެޅޭ ކުށެކެވެ.