މުނިފޫހިފިލުވުން

މާދުރީ ދިކްޝިތު މައިކްރޯބައޮލޮޖީއިން ޑިގްރީއެއް އޮވެ، ބައޮލޮޖިސްޓަކަށް ނުވެވުނަސް ބޮލީވުޑްގައި ކާމިޔާބު!

މާދުރީ ޑިކްޝިޓަކީ އެންމެންވެސް ދަންނަ މޫނެކެވެ. އަދިވެސް، މިހާރުވެސް ބޮލީވުޑްގެ "ދަކްދަކް"އަންހެންކުއްޖާ، ނެށުންތަކުގެ ޝޯތަކުން އަންނަނީ ފެންނަމުންނެވެ. އެކަމަކު މި މަޝްހޫރު، ފުރިހަމަ ބަނޑިލެއްވުންތަކުން ހިތްތައް ތަޅުވާލާ ޖިންސުއްލަތީފަކީ، އެއްދުވަސްވަރެއްގައި، ކެމެރާގެ ކުރިމައްޗަށް އަރަން ބޭނުންނުވި، އެފަދަ އެއްވެސް ރޭވުމެއް ނެތް ގޮތުގައި ބޮޑުވި އަންހެންކުއްޖެކެވެ. މައިކްރޯބައޮލޮޖީ އާއި ޕެތޮލޮޖީން މުސްތަގުބަލެއް ބިނާކުރުމަށް ބޭނުންވެގެން މާދުރީ މައިކްރޯބައޮލޮޖީން ޑިގްރީ ފާހެއްވެސް ހާސިލުކުރިމެއެވެ.

އެހެންނަމަވެސް، ލިބިފައިވާ އިލްމާ މުޅިން ތަފާތު ދާއިރާއަކުން މާދުރީ 1984 ގައި، އުމުރުން އެންމެ 17 އަހަރުގައި ފިލްމީ ދާއިރާއަށް ނުކުމެ ފުރަތަމަ ހަރަކާތްތެރިވި ފިލްމުން މިހުނަރުވެރި ބަތަލާ ފާހަގަ ނުކުރެވުނު ކަމުގައިވިޔަސް، "ތޭޒާބް"އަށްފަހު، 'ހަމްއާޕްކޭހޭ ކޯން'، 'ރާމްލަކަން'، 'ތްރީދޭވް' ފަދަ ކާމިޔާބު ފިލްމުތަކުގެ ސިލްސިލާއެއް ވަނީ ބެލުންތެރިންގެ ހިތްތަކުން މާދުރީއަށް ލޮބުވެތި ޖާގައެއް ހާއްސަކުރުވައިފައެވެ. ހަމައެއާއެކު 'ދަ ފޭމް ގޭމް' ގައިވެސް ނުހަނު ބޮޑު މަގުބޫލުކަމެއް ހޯދައި، ދެވަނަ ސީޒަންއަކަށް މާދުރީގެ ވެބްސީރީޒް ވަނީ ދަތުރުކޮށްފައެވެ.

އަމިއްލަ ކާމިޔާބާ ބެހޭ ގޮތުން ވާހަކަ ދައްކަމުން މާދުރީ މީޑިއާއަށް ބުނެފައިވެއެވެ؛

"އަހަރެންގެ މަންމަ އަބަދުވެސް ދީފައިވާ ނަސޭހަތަކީ ކުރާ ކަމެއް ގަޔާވެގެން ކުރާށޭ، އެކުރާކަމެއްގައި ތިމާގެ މިންނެތް ބުރަ މަސައްކަތް ފެންނަންވާނެއޭ. މަންމަގެ އިތުބާރާއި ޔަގީންކަމަކީ އަހަރެންގެ ކާމިޔާބުގެ ވަރަށް ބޮޑު ހަގީގަތެއް."

ނުހަނު ޅައުމުރުގައި ފިލްމު ކުޅުމުގެ ތެރެއަށް ނުކުމެ، ފުރަތަމަ ނާކާމިޔާބު ވާން ޖެހުނުކަމުގައި ވިޔަސް، މެދުނުކެނޑި، ކުރެވުނު ހިތްވަރާއި ކުރަންފެށި ކަމެއްވީމަ، އެކަމުގައި ދެމިހުރުމަށް، ހިތާއި ހަށިގަނޑުން ކުރި ހިތްވަރުގެ ނަތީޖާއެއްގެ ގޮތުން މާގިނަ ދުވަހެއް ނުވެ ދާއިރާގައި ވިދަން ފެށި ގޮތަށް، މިއަދުވެސް މާދުރީ އަކީ ބޮލީވުޑްގައި އެންމެ ފުންނާބު އުސް ފަންނާނުންގެ ތެރޭގައި ގުނައިލެވޭ އެކްޓްރެސްއެކެވެ.

އުމުރުން ވެފައިވާ ދުވަހަށްވުރެ މޫނުމަތިން ފެންނަ ތާޒާކަމާއި ރީތިކަމުގެ އިތުރަށް ހަށިގަނޑަށްވެސް މާބޮޑު ބަދަލުތަކެއް އައިސްފައި ނުވާ މިހިތްގައިމު އެކްޓްރެސްގެވެސް ޅަދުވަހުގެ ސީދާ ނުވި ހުވަފެންތަކެއް ފަސްއެޅިފައި ވެއެވެ. އެގޮތުން ތައުލީމީ ހަޔާތުގައި މާދުރީ ވަނީ މައިކްރޯބައޮލޮޖީ އާއި ޕެތޮލޮޖީން ކުރިއަށް ދިއުމުގެ އުއްމީދުގައި މައިކްރޯބައޮލޮޖީން ޑިގްރީއެއް ހާސިލުކުރި ނަމަވެސް މާދުރީގެ މައިކްރޯބައޮލޮޖިސްޓަކަށް ވާން ބޭނުންވާ ހުވަފެން އޮތީ ސީދާނުވި، ކަޅާއިހުދުގެ ހުވަފެނެއްގެ ގޮތުގައި ސިއްރުކުރެވިފައެވެ.