ޚަބަރު

މި އަހަރު އަރިދަފުސް ރޯގާއާއި ބޭރަށް ހިންގުން އިތުރުވެއްޖެ

މިދިޔަ އަހަރާ އަޅައިބަލާއިރު މި އަހަރުގެ މިހާތަނަށް އަރިދަފުސް ރޯގާ އާއި ބޭރަށް ހިންގުން އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މިކަން ހާމަކޮށްފައިވަނީ ރޯގާގެ ގޮތުގައި ފެތުރެމުންދާ ބަލިތަކުގެ ހާލަތު ބަޔާންކޮށް އެ އޭޖެންސީން މިއަދު އާއްމު ކުރި ތަފާސްހިސާބުތަކުގައެވެ.

މި ހިސާބުތައް ދައްކާ ގޮތުން ވޭތެވެދިޔަ އަހަރާއި އަޅައިބަލާއިރު މި އަހަރުގެ މިހާތަނަށް އަރިދަފުސް ރޯގާ އާއި ބޭރަށް ހިންގުން ޖެހިގެން ރިޕޯޓް ކޮށްފައިވާ އަދަދު އިތުރުވެފައިވީ ނަމަވެސް މި އަހަރުގެ މާޗް މަހާއި އަޅައިބަލާއިރު އޭޕްރީލް މަހު އެ އަދަދުތައް ވަނީ ދަށްވެފައެވެ. އަދި މި އަހަރުގެ މާޗް މަހާ އަޅައި ބަލާއިރު އޭޕްރީލް މަހު އިންފްލުއެންޒާގެ އަލާމާތްތައް ހުރެގެން ޓެސްޓް ކުރެވުނު އަދަދު ވެސް މަދުވެފައިވާއިރު އޭޕްރީލް މަހު ޓެސްޓް ކުރި ހުރިހާ ސާމްޕަލެއް ނެގަޓިވް ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

އެޗްޕީއޭއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން މި އަހަރުގެ މާޗް މަހު އަރިދަފުސް ރޯގާގެ 14،399 މައްސަލަ ރިޕޯޓުކޮށްފައި ވެއެވެ. ނަމަވެސް މިދިޔަ މަހު އެ އަދަދު ހުރީ 12،978 ގަ އެވެ. އަދި މިދިޔަ މާޗް މަހު ބޭރަށް ހިންގުމުގެ 2،063 މައްސަލަ ރިޕޯޓުކޮށްފައިވާ އިރު މިދިޔަ މަހު އެ އަދަދު ވަނީ 1،575 އަށް ދަށްވެފައެވެ.

އެ ރިޕޯޓުގައި ވާގޮތުން ވައިރަލް ހުން، ފާނަ ބަސަންދު އަދި ލޮލުރޯގާ ފަދަ ބަލިތައް އާއްމުކޮށް އުޅޭ މިންވަރަށް ވުރެ އިތުރެއް ނުވެއެވެ.

އޭޕްރީލް މަހުގެ އަދަދުތައް މަދު ނަމަވެސް އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުމުގެ ރައްކާތެރިވުމުގެ ފިޔަވަޅުތައް އަބަދުވެސް އެޅުމަކީ މުހިއްމުކަމެއް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.