ޚަބަރު

އެކުގައި މަސައްކަތް ކުރެވޭނެ، އެމްޑީޕީ ދެފަޅި ނުވާނެ: ފައްޔާޒް

އަލީ ޔާމިން

އެކަތިގަނޑެއްގެ ގޮތުގައި އެމްޑީޕީއަށް މަސައްކަތް ކުރެވޭނެ ކަމަށާއި ޕާޓީ ދެފަޅިވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އެމްޑީޕީގެ އިންތިހާބީ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި މާފަންނު ދެކުނު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި)އާ ވާދަކުރައްވައި ބޮޑު ތަފާތަކުން ޗެއާޕާސަންގެ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު، ކެމްޕޭނުގެ މައި ޖަގަހައަށް ވަޑައިގެން މީޑިއާތަކަށް މިރޭ ދެއްވި އިންޓަވިއުއެއްގައި ފައްޔާޒް ވިދާޅުވީ، އިންތިހާބުގެ ނަތީޖާއާމެދު ޝައްކެއް ކުރާނެ އަދި ޝަކުވާއެއް ކުރާނެ އެއްވެސް ޖާގައެއް ނެތް ކަމަށެވެ.

ފައްޔާޒް ވިދާޅުވީ، އޭނާ މަސައްކަތް ކުރައްވާނީ އެމްޑީޕީގެ އެންމެ އިސް ލީޑަރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއެކުގައި ގުޅިގެން ކަމަށެވެ.

"އަޅުގަނޑަށް ވަރަށް ފަސޭހަ ރައީސް ނަޝީދާއެކުގައި މަސައްކަތް ކުރަން، އެކުގައި މަސައްކަތް ކުރަން ބޭނުންވާ މީހެއް ރައީސް ނަޝީދަކީ، ވަރަށް ރަނގަޅު މަސައްކަތްތެއް ކުރެވޭނެ ކަމަށް އުންމީދު ކުރަން،" ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ، އިންތިހާބަކާ ދިމާކޮށް އެމްޑީޕީގެ އެތެރޭގައި ހިޔާލުތަފާތުވުންތައް ހުއްޓަސް އިންތިހާބަށް ފަހު އެކަންކަން އޮންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އޭނާއާ ވާދަކޮށް ބަލިވި އިންތިއަށްވެސް އެއްވެސް ހިތްބުރަކަމެއް ނެތް ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް އިތުރަށް ވިދާޅުވީ، އެންމެ ފުރަތަމަވެސް ކުރާނެ މަސައްކަތަކީ އެމްޑީޕީގެ ދީނީ ކައުންސިލް އަލުން އެކުލަވާލައި، އަތޮޅުތެރޭގައި އެމްޑީޕީގެ ރޫހު އަލުން އާލާކުރުމުގެ މަސައްކަތް ކަމަށެވެ.

މިއަދު ބޭއްވި އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ފައްޔާޒް ކާމިޔާބު ކުރެއްވީ 8،000 ވުރެ ގިނަ ވޯޓުގެ ތަފާތުންނެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު، އެމްޑީޕީ ތެރޭގައި އުފެދިފައިވާ ދެ ފެކްޝަންގެ ކޯޅުން ބޮޑުވެ، އެމްޑީޕީ ބައިބައިވެދާނެ ކަމުގެ އަޑުތައް އޮތީ ފެތުރިފައެވެ. ކެމްޕެއިން ދުވަސްވަރު، އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ބަހުގެ ހަމަލާތައްވެސް އަމާޒުކޮށްފައިވެއެވެ.