ވާހަކަ

ކުރުވާހަކަ: ކަންދު

މަރިޔަމް ޝަފާ އިބްރާހިމް

3

ގޭތެރޭގައި ހޭލަމޭލަވަމުންދާ ދެޖިންސުގެ ކުދިންގެ އަވަސް، ހިންގުންތެރި ހަރަކާތްތަކަށް ފަރުވާތެރި ނަޒަރަކުން ބަލަހައްޓައިގެން އިންއިރު ދޮންކަނބުލޮގެ ލޮލުން ނިރާލި ތަފާތު އެތައް އިހުސާސްތަކެއް މަސްހުނިވެފައިވާ ކަރުނަ ތިކިތައް، އޭނާގެ އެސްފިޔަތައް ތެންމަމުން ދިޔައެވެ. ދެކޮޅަށް އަވަސް، ހަލުވި މިނެއްގައި، ބަދިގެއާއި ބޮޑުކޮޓަރިތެރެއާ ދެމެދު ހުއްޓުމެއް ނެތި އައިސް، ގޮސް ވަމުން ދާ ކުދިންގެ ތެރޭގައި އޭނާގެ މާމަ ކުދިންނާއި ހަނގު ދެއަންހެންދަރިން ހިމެނެއެވެ. ބޮޑުކޮޓަރީގެ މޭޒެއްގެ މަތީގައި އަތުރާލާފައި ހުރި ކަރުދާސްތަކަކާއި ކަތުރު، ތެރަސް، ދެފުށްޓޭޕް ފަދަ ތަކެތީގެ ތެރޭގައި އަތް ހިންގަމުން އެދަނީވެސް އޭނާގެ މާމަކުދިންގެ ތެރެއިން ދެތިން ކުއްޖަކާއި އޭނައަށް ބޮޑުދައިތަ ކިޔާ ކުދިންކޮޅެކެވެ. އަދި އޭގެ އިތުރަށް އަމިއްލަ ދަރިފުޅެއްވެސް އޭގެ ތެރޭގައި ހިމެނެއެވެ. މިހުރިހާ އެންމެންވެސް ހަލުވިހިނިތަކެއްހެން ހަރަކާތްތެރި ވަމުން އެދަނީ ހަވީރާއި މިރޭ، މިގޭގައި ބޭއްވެން އުޅޭ ކައިވެންޏަކަށެވެ. ހަމައެހެންމެ، ދޮންކަނބުލޮގެ ދެލޯ އެ އިންތިޒާރު ކުރަނީ އެކައިވެނީގެ އަރޫޝާ، ފެންވަރާ، ތާޒާވެލައިގެން އޭނާގެ ގާތަށް އަންނާނެ އިރަކަށެވެ.

ކުޑައިރުކޮޅެއް ކުރިން ދޮންކަނބުލޮ އައިސް މިއުނދޯލީގައި އިށީނދެ އެއިނީ ކައިވެނީގެ ހެދުން އޭނާގެ އަތުން ފަރުމާކޮށް، ތައްޔާރުކޮށް ނިންމާފައެވެ. އެއްގޮތުން ވަރުބަލިވެގެންނެވެ. އަނެއްގޮތުން މިވަގުތަކަށް ކުރަން ޖެހޭ ހުރިހާ ކަމެއްހެން ނިމުނީކަން އެނގޭތީއެވެ. އިހަށް ގައިގަ ހުރި އާރާއި ބާރު ނެތް ނަމަވެސް ދޮންކަނބުލޮ މިއަދުގެ މިކައިވެންޏަށް އަމިއްލަ އަތުން ހުރިހާ ކަމެއް ކުރަން ބޭނުންވީއެވެ. ހެދުމާއި އެހެނިހެން ތަކެތިވެސް އޯޑަރު ދީގެން ތައްޔާރު ކުރެވުނީހެވެ. އެކަމަކު އޭނާގެ ހިތަކަށް އެކަމެއް ކުރާނެ ވަރެއް ނުލިބުނެވެ. އެހެން ކުދިންގެ ކައިވެނީގެ ދުވަހު އޭނާ ކުރި ކަންތައް މިއަދު ނުކުރެވޭ ވަރަށް އޭނާ އެއިނީ އުމުރުންވެސް ދުވަސްވެފައެވެ. އެކަމަކު މިއަދަކީ މީގެ އެތައް އަހަރެއް ކުރިން އޭނާ އުއްމީދު ކުރަމުން އައިސް، ސީދާ ނުވެ ފަހަށް ޖެހިފައި އޮތް ހުވަފެނެއް ކުލަވާން އުޅޭ ދުވަހެވެ. ވީއިރު މިއަދު އެހެން ދޫކޮށްލަން ހިތް ރުހޭނީ ކިހިނަކުން ހެއްޔެވެ.

ދޮންކަނބުލޮ އާއި އަލިފުތުގެ ކައިވެންޏަކީ، އެޒަމާނުގައި މީހުންނަށް ކުރަން ނުކެރޭ ކަމަކަށްވިޔަސް، ދެމީހުން ވަރަށް ކެރިގެން ކުރި ކައިވެންޏެވެ. 1970އިގެ ފަހުކޮޅުގެ އަހަރުތަކުގެ ތެރެއިން، އަހަރެއްގެ ކޮންމެވެސް މަހެއްގެ ކޮންމެވެސް ދުވަހެއްގައި، އެދެމީހުން ކައިވެނި ކުރީ އެކަކު އަނެކަކަށް، އެދުރުބޭގެ ގޯއްޗަށް ގޮސްއުޅުމުގައި ފެނި، ދަސްވެގެންނެވެ. އަލިފުތުގެ އާއިލާގެ މީހުންގެ އަބުއިކަމާއި، ބޮޑާކަމުގައި، ލައްގަނޑެއް ޖެއްސިކަމުގެ ތުހުމަތު އޮތީ ދޮންކަނބުލޮގެ ބޮލުގައި އެޅުނު ނުނެއްޓުނު 'ދައްޔޫދެއް'، އިލްޒާމެއްގެ ގޮތުގައެވެ. އެހެންވިޔަސް ފަރުވާލެއް ނެތްކަމަށް، އަލިފުތުގެ ލޯބީގާ ދީވާނާވެފައި އިން ދޮންކަނބުލޮގެ މަންމައާއި ބައްޕައަކަށް މާބޮޑު ދެކޮޅެއް ނުހެދުނެވެ. ސަބަބަކީ އޭރުގެ އެންމެ ބޮޑު މުސާރަ ލިބޭ ވަޒީފާތަކުގެ ތެރޭ އަލިފުތުގެ ވަޒީފާ ހިމެނިފައި، އަލިފުތުގެ މަގާމު މާތްވެފައި ވަރުގަދަވީމައެވެ. ދޮންކަނބުލޮއާ ހަސަދަވީ އެއްފުރައިގެ ގިނަ ކުދިންނަކީ އަލިފުތުގެ ރީތިކަމާހެދި މޮޔަވެފައި ތިބި ކުދިންނެވެ. ކޮންމެއަކަސް އެދެމީހުން، ދުނިޔެއާއި، ދެކޭ މީހުންނާއި، ބަލާ މީހުންނާއި، މިހެން ގޮސް އެންމެންނާހެން ދެކޮޅަށް އުފާވެރި ދިރިއުޅުމެއް ފެށީ ދޮންކަނބުލޮގެ ގޭގައެވެ.

ކައިވެންޏަށް ދެއަހަރު ވީއިރު ދޮންކަނބުލޮއާއި އަލިފުތުގެ ލޯބީގެ ގުލްޝަނުގައި ފޮޅެން ތައްޔާރުވާ ފުރަތަަމަ މަލުގެ ކުލަވަރު ފެންނަން ފަށައިފިއެވެ. އާއެކެވެ. ބަރަކާތްތެރި ދަރިފުޅެއް އައުމުގެ އުފާވެރި އިޝާރާތެއްގެ ގޮތުން، ކައިވެނަށް ބަރާބަރު ދެއަހަރު ފުރުނުރޭ ދޮންކަނބުލޮ މޭނުބައިކޮށް ހޮނޑުލާން ފެށީ، ހައްޖުވިލޭރެއެއްގައެވެ. ކަތްދައިފާނުގެ ކަމަނަދައިތަގެ އިން ހަމައެންމެ އަންހެންދަރި ފާތިންދިޔެގެ ގޭތެރޭގައި ފާނޫޒު ދިއްލާ، ފޫޅުމައިން ގެނެވި ދޮންކަނބުލޮ ބަލައި، ފަސޭހަވާނެހެން ފެންތަށްޓަކާއި މާމުއާއި ކަޅުދިރީގެ ބޭހެއް ދީފައި، ދޮންކަނބުލޮ މެދުގޭތެރޭގެ ބޮޑު އުނދޯލީގައި އެންމެންގެ މެދުގައި އިއްޒަތުގައި ބެއިންދުނެވެ. ދިހައެއް ޖަހަންދެން އާއިލގެ އެންމެ ޒުވާން ޅަނދޮޅު އަންހެންކުދިންގެ ސަމާސާ ސަކަ ހީނލުންތަކާއި، ދިމާކުރުމުގެ ބަސްތަކުން ދޮންކަނބުލޮ ރަކިވޭވޭ އިންއިރު، ދެފަރާތުން އުނދޯލީގައި އޭނާގެ އުނަގަނޑުގައި ފިރުމަމުން، ވާހަކަ ދައްމުން ދިޔައީ ދޮންކަނބުލޮގެ މަންމަ ފާތިންދިޔެއާއި ބޮޑުއަމާ ދޮންކަމަނައެވެ.

ދޮށީ އަންހެންދަރިފުޅު ޝަލްފާއަކީ ދޮންކަނބުލޮއާއި އަލިފުތުގެ ދެމީހުންގެ ލޯބިލޯބި ހަޔާތުގެ ފުރަތަމަ ނިޝާނެވެ. ފުރަތަމަ ދަރިފުޅު ފިރިހެންދަރިފުޅަކަށް ވާން ދޮންކަނބުލޮވެސް، އަލިފުތުވެސް އަދި ދެފަރާތުގެ އާއިލާއިންވެސް ބޭނުންވިކަން ޔަގީނެވެ.އެހެންނަމަވެސް ޝަލްފާ ލިބުމުން އެދެމެދުގައި ކުރިއަށްވުރެ ދެގުނަ ލޯބި އިތުރުވި މަންޒަރު ފެނިފައި އެންމެންވެސް ހިތްހަމަޖެހުނެވެ. ދޮންކަނބުލޮ ދެކޭ ގޮތުގައި ތަރުތީބުން ތަރުބިއްޔަތު ކުރުމުގައި އުނިކަމެއް ނެތިއްޔާ ފިރިހެން ކުއްޖަކަސް އަންހެންކުއްޖަކަސް، ވާނީ ހަމަ އެއްކަމެކެވެ. އަލިފުތުގެ ވަޒީފާގެ ގޮތުން ގިނަދުވަސްތަކުގައި ރަށުގައި މަޑުކޮށްގެން ނުހުރެވުނަސް، ރަށަށް އައިސް އުޅޭ މަސް، ދެމަހެއްހާ ދުވަހުގެ ވަގުތުތައް ދޮންކަނބުލޮއާއި ދަރިފުޅާއެކު ވީހާވެސް އުފާވެރިކަމާއިއެކު ހިތްހަމަޖެހޭފަދަ ގޮތަކަށް ހޭދަކުރުމަށް އަލިފުތު މަސައްކަތްކުރެއެވެ.

ފިރިހެންދަރިފުޅަކަށް ކުރި އުއްމީދު ފަހަތަށް ޖައްސާފައި، ދޮންކަނބުލޮއާއި އަލިފުތު ތަގުދީރުގެ ރޭވުމާ އެއްބަސްވެގެން، ލިބުނު ކުދިން ގޮވައިގެން ދިރިއުޅުމުގައި، ކުރިއަށް ދިޔައީ އަމިއްލަ އުފާތަކަކީ ދަރިންގެ އުފަލާއި ކާމިޔާބާއި ކުރިއެރުންކަމުގައި ބަލައިގެންނެވެ. ޝަލްފާއަށް ދެއަހަރުވީއިރު ޝަމްރާ ލިބއްޖެއެވެ. އެއްކުއްޖަކު އަނެއްްކުއްޖަކު ދެކެ އިންތިހާއަށް ލޯބިވުމާއި، މިދެކުދިން އެހާ ކައިރިކައިރީގައި ލިބިފައިވާތީ އެއޮންނަ ކުލުނު ފެނިފައި ދޮންކަނބުލޮމެން ތިބެނީ ހިތްހަމަޖެހިފައެވެ. ތިންވަނަ ދަރިފުޅު، ހަތަރެއް، ފަސްވަނަ ދަރިފުޅުވެސް ވީ އަންހެންކުދިންނަށެވެ. ހިތްވަރު އެލުވާނުލާ، ކަލާނގެ މިންވަރުފުޅަށް ޝުކުރުވެރިކަމާއެކު ދަރިންކޮޅު ގޮވައިގެން ދޮންކަނބުލޮ، އޭނާގެ ހަޔާތުގެ ނާ ކުރިއަށް ދުއްވުމުގައި، ހުންގާނުގައި ހުރި ނުހަނު ލޯބިވާ ފިރިމީހާއަށް ފަހަރެއްގައިވެސް، އެއްވެސް ކަމެއްގައި ޝަކުވާ ކުރާނެ ފުރުސަތެއް ނުދީ ވޭތޯ ކުރެވެން އޮތްހާ މަސައްކަތެއް ކުރެއެވެ. އަލިފުތަށް އާއިލާގެ ފަރާތުން ފިއްތުންތަކާއި ބަހުގެ ހަމަލާތައް ލިބުނުއަދަދެއް ނޭނގެއެވެ. އެހެންވިޔަސް، ދުވަހެއްގައިވެސް ދޮންކަނބުލޮ ދޫކޮށްލާކަށް އަލިފުތުގެ ސިކުނޑިއަކަށް ވިސްނައެއް ނުދެވުނެވެ. އަލިފުތުގެ އޮތީ އެންމެ ޖަވާބެކެވެ. ކޮންމެ މީހަކާ އިނަސް ފިރިހެން ދަރިއެއް ލިބެން މިންވަރުގައި ނެތިއްޔާ ނުލިބޭނެއެވެ. ދޮންކަނބުލޮގެ ބަހަކީ މަންމައާއި ބޮޑުއަމާގެ ނަސޭހަތުގެ ހަރުބަސްތަކުން އޭނާއަށް އަބަދުވެސް ގަބޫލުކުރެވޭ ހަގީގަތަށް ބިނާވާ ވާހަކައެެކެވެ. "ބިންމަތީގައި ހިނގާނީ ލައުހުގައި ލިޔުއްވާފައިވާ ކައިވެންޏެކެވެ. ދަރިންގެ ކަންތައްވެސް ބިންމަތީގައި ހަވާލު ކުރެވޭނީ ލައުހުގައި ލިޔުއްވާފައިވާ ބަޔަކާ، އެބައަކަށް ލިބުމަށް މިންވަރުފުޅުގައި ވާވައްތަރަކުން ލިބެން ޖެހޭ ވަރަކުން."

އެންމެފަހުން ދޮންކަނބުލޮއަށް މަންމާއޭ ކިޔާގޮވާލާނެ، އަލިފުތުގެ އާއިލާގެ ދަރިފަސްކޮޅު އާލާކުރާނެ ފިރިހެންދަރިފުޅަކު އެދެމަފިރިންނަށް ލިބިއްޖެއެވެ. އޭރު ދޮންކަނބުލޮގެ ދޮށީ ދަރިފުޅު ޝަލްފާއަށް އޮތީ ސޯޅައަހަރަށް އަޅައިގެންފައެވެ. ގޭތެރޭގައި އުފަލުގެ ޑަނޑޫރާ ޖެހުނެވެ. ޕާޓީތަކުގެ ސިލްސިލާއެއް ފެށުނެވެ. ރުސްތުމްއަށް ހަތްދުވަސް ފުރުމުން ނަންކިޔައި، ބިންމަތީ ޖައްސައި ބޯބޭލި އިސްތަށްޓަށް ވާވަރަށް ރަންބަހައި ބަކަރިގެނެސް ކަތިލައި، ސޮދަގާތް ބަހައި ނުކުރާ ކަމެއް ނެތެވެ. ދުނިޔެއަށް ލޯހުޅުވާލި ވަގުތުން ފެށިގެން އަލިފުތާއި އަލިފުތުގެ އާއިލާ، ރުސްތުމްގެ އުމުރުން ފުރޭ ކޮންމެ މަހެއް، ކޮންމެ އަހަރެއް ވަކިވަކިން މުނާސަބުކޮށް ފާހަގަކުރެއެވެ. އަލިފުތުގެ އާއިލާ ބައިވެރިނުވިޔަސް، ދޮށްޓަށް ލިބިފައި ތިބި ފަސް އަންހެންކުދިންގެވެސް އަހަރަކު އެއްފަހަރު އަންނަ އުފަންދުވަސް އަބަދުވެސް އަލިފުތާއި ދޮންކަނބުލޮ ފާހަގަކުރެއެވެ. އަދި ހާއްސަކޮށް ކޮންމެ ހާއްސަ ފާހަގަ ކުރެވޭ މުނާސަބާތަކުގައި ކޮންމެ ކުއްޖަކުވެސް އާހެދުމެއް ލެއްވުމަކީ ދޮންކަނބުލޮ ސަމާލުވާ ކަމެކެވެ. އަދި އެފަދަ ދުވަސްތަކަށް ފޮއްޗާއި ބޫޓު ފައިވާން އަދި ހެދުން ފެހުމަށް ބޭނުންވާ ތަކެތި އަލިފުތު ހޯދައިދެއެވެ.

ކޮންމެއަކަސް ބަލަބަލައި ތިއްބާ ޒަމާން ކުރިއަރައިގެން ގޮސް، އަލިފުތާއި ދޮންކަނބުލޮގެ ބޮލުގެ އިސްތަށިތައް ހުދުވެ، ލޯކައިރީގައާއި އަތްފައިގެ އިނގިލިތަކުންނާއި ކަނދުރާ މަތިން ކުދިކުދި ރޫތައް ފާޅުވާން ފަށައިފިއެވެ. ދެންމެ ރޮއިގެންފައި ބުއްބޯން ބޮޑާހޭކި ކުދިންކޮޅު އަމިއްލަ ކުދިންނަށް ގާތުން ދިނުމުގައާއި، ނާނާ ކިޔައި ނިންދެވުމުގައި އުޅޭތަން ފެނުމުން ދޮންކަނބުލޮއަށް، ގަބޫލު ނުކުރެވޭކަހަލަ މާނޭވާއެއް ލެވެއެވެ. ގާތުން ދިނުން ހުއްޓާލީމާ، ހަފުތާއެއްވީއިރުވެސް ގައިން ނުފިލި، ރުސްތުމް، އަމިއްލަ ދަރިފުޅު ދެއަހަރާއި ހަމަސްވީއިރުވެސް މަންމައާ ދުރުނުވެވިގެން އައިސް ދޮންކަނބުލޮ ގާތުގައި އެވާހަކަތައް ކިޔައިދިނުމުން ދޮންކަނބުލޮއަށް ހަށިފުރާ ފުންނޭވާއެއް ލެވެއެވެ.

އެހެންވިޔަސް، މިހުރިހާ އުފާވެރި، ކާމިޔާބުކަމާއިއެކު، އަމިއްލަ ޒިންމާ އަދާކުރެވިއްޖެކަމުގެ އުފާވެރި ނޭވާއެއް، ހަމަޖެހުމުގެ ހިނިތުންވުމެއް ދޮންކަނބުލޮގެ ފަރާތުން އޭރު ނުފެނުނީ ކީއްވެހެއްޔެވެ. ދަރިން ބޮޑެތިވެ، އެންމެ އެކަށީގެންވާ މަގާމުތަކުގައި ފައިސާއާއި ތަނަވަސްކަމުގައި، ގާބިލު ރަނގަޅު ބައިވެރިންނާއެކު ހަޔާތުގެ ދަތުރަށް ފަށާ، ދޮންކަނބުލޮއާއި އަލިފުތަށް މާމަދަރިންކޮޅެއްގެ އުފާވެރިކަން ހޯދަ ދިނުމުން، ދެންވެސް ދޮންކަނބުލޮ ދެބުމަގޮށްޖެހި މާޔޫސްވަމުން ދިޔައީ ކީއްވެހެއްޔެވެ.

އެކަމަކު....މިއަދު....އެހެން ދުވަސްތަކާ މުޅީން ތަފާތެވެ. ބުނެދޭން، ބަޔާންކޮށްދޭން ފަސޭހަނޫން ހިނިތުންވުމެއް، ދޮންކަނބުލޮގެ މޫނުމަތިން ފެންނަން އެބަހުއްޓެވެ. އެހިނިތުންވުމުގައިވާ ވާހަކައެއް ދެނެގަންނަން ފަސޭހައެއް ނޫނެވެ.

އުނދޯލީގައި އިން ދޮންކަނބުލޮގެ މޫނުމަތި ތަފާތެވެ. އެއްކަލަ ވަރުބަލިކަމެއްވެސް ނެތެވެ. ހަދާނެ ގޮތް ހުސްވެފައިވާ، ސުވާލުމާކެއް ފެންނަ މޫނުމަތިން މިއަދު ފެންނަނީ މުޅިން އެހެން ކަހަލަ ކުލަވަރެކެވެ.

ދޮންކަނބުލޮ އެންމެ ދެކެން ބޭނުންވި ދުވަހަކީ މިއީއެވެ. ތަގުދީރުގެ ކުޅިގަނޑުގައި މިކަން ލަސްވިޔަސް ދޮންކަނބުލޮގެ ހިތުގައި އުފެދިފައި ހުރި ބިރުވެރި ހާސްކަން ފިލާ، އުފާވެރިކަމުގެ ރާގުތައް ކުޅެން ފަށައިފިއެވެ. މިދުވަހަށް ދޮންކަނބުލޮއާއި އަލިފުތު ކީއްކުރަން ހެއްޔެވެ. އާއިލާގެ ބާކީ ތިބި އެހެން މީހުންވެސް މިދުވަހަށް ބޭގަރާރުކަމާއެކު އިންތިޒާރު ކުރިއެވެ.

މަޑުމަޑުން ހެއްލަމުންދިޔަ އުނދޯލި ހުއްޓުނީ، އެތެރެގޭތެރެއި އަޑުފަށްގަޑު ގަދަވުމުންނެވެ. ކުޑަކޮށް ކަރު ދަމާލާފައި ދޮންކަނބުލޮ ގޭތެރެއަށް ރަނގަޅަށް ބަލާލިއެވެ. ހީނގަނެވުނީ ވެގެންއުޅޭ ގޮތް އެނގުމުންނެވެ. ފެންވަރައިގެން ނުކުމެ ގަޔަށްދޫ ކުރުތާއަކާއި ހަރުވާޅެއްގައި ހުރި ޝަލްފާގެ އިސްތަށިގަނޑުގައި ހުރީ ތުވާލި އޮޅާފައެވެ. ދޮންކަނބުލޮ ވީ ތަނެއް އެހީކަމަށްވެސް ވެދާނެއެވެ. އަވަހަށް ކައިރީގައި ތިބި ކުޑަކުދިންނާއި އެހެންކުދިން ދުރުކުރަމުން ޝަލްފާ ނުކުމެގެން އައީ ދޮންކަނބުލޮ އިން އުނދޯލި ކައިރިއަށެވެ.

ދޮންކަނބުލޮއަށް ބޮލުގެ މަތިން ފެށިގެން، ފައިގެ ނިވާބޮނޑިއާ ހަމައަށް ޝަލްފާއަށް ބަލާލެވުނެވެ. 45އަހަރު...މިވީ 45އަހަރު....ދޮންކަނބުލޮގެ ހިތް ފިތިގެންދިޔަކަހަލައެވެ. 45 އަހަރުވީއިރު ވެސް އެއްވެސް ކުށެއް، ދިލައެއް، މިލައެއް، ނެތެވެ. ދޮންކަނބުލޮގެ އެހެންކުދިން މީހުންނާ ކައިވެނި ކުރިއިރު މިހިތަކަށް މިކުރާ އަސަރެއް ނުކުރެއެވެ. ވާނީވެސް އެހެންނޫންހެއްޔެވެ. ދޮންކަނބުލޮގެ އެހެން ކުދިން، މީހުންނާ އިނީ އެކުދިން އަމިއްލައަށް ހިތާވެގެން، އެކަކުއަނެކަކަށް ދަސްވެ،އެކުގައި އުޅޭތާ އަހަރުތަކެއްވީ ފަހުންނެވެ. އެއްވެސް ކުއްޖަކު، ކައިވެނީގެ ކުރިން، ފިރިމީހާ، ނުވަތަ އަނބިމީހާއާއެކީ ދުއްވަން ނުގޮހެއް ނެތެވެ. ބޭރުން ކެއުންތަކާއި ރައްޓެހިންނާއެކު ކުރެވޭ ދަތުރުތަކާއި ތަފާތު ބައްދަލުވުންތައް، ކޮންމެ ކުއްޖަކުވެސް ބައިވެރިޔާއާއެކު ކުރިއަށްގެންދިޔައެވެ. ކޮންމެ ކުއްޖަކަށްވެސް ދޮންކަނބުލޮ މިނިވަންކަން ދިނެވެ. އެކަމަކު އެ މިނިވަންކަން ދިނީ އެކުދިންނަށް އޮތް އިތުބާރާއި ޔަގީންކަމުގެ ބޮޑުކަމުންނެވެ. ކޮންމެ ކުއްޖަކަށްވެސް ދީނާއި ދުނިޔޭގެ ގާނޫނާއި، ގަވާއިދާއި، އުޅެންޖެހޭ ގޮތާއި ނޫޅެން ޖެހޭ ގޮތް އޮތީ ބުނެދީފައެވެ.

އުޅެންވީ ގޮތާއި ނޫޅެންވީ ގޮތާއި، ހިލޭ ފިރިހެނުންނާއި އަންހެނުން، އެކަކު އަނެކަކަށް ގުޅުން ބާއްވަން ޖެހޭ ހަމަތަކާއި ހެޔޮނުބައި، އެންމެ ކުދިކުދި ހިސާބުތަކުން ފެށިގެން އެންމެ މަތީ ހިސާބަށް ކުދިންނަށް ބުނެދިނުމުގައި ދޮންކަނބުލޮ، އެންމެ ފުރިހަމައަށް އޭނާގެ ވާޖިބު ވާނީ އަދާކޮށްފައެވެ. އެހެންކަމުން ދަރިންނަށް އިތުބާރާއި، ޔަގީންކަން ދިނުމުގައިވެސް، ދޮންކަނބުލޮ ފަހަރެއްގައިވެސް އެއްވެސް ކަމެއްގައި، ހިތާއި، ސިކުނޑިއާއި، ލޮލުގެ ނަޒަރުންވެސް ދޫކޮށެއްނުލައެވެ. ކުއްޖަކު ތަނަކަށް ދަންޏާ، އޭނާއަށް އެނގިގެން، ގޮސް، އައިސްވާ ގަޑިއަށް ދާނދެން ދޮންކަނބުލޮގެ ތާވަލުގައި ނޯޓުކުރެވެއެވެ. ބޭރުން އައުމުން އެއިން ކުއްޖަކަށް އެއްވެސް ބަދަލެއް އައިސްފައިވާނަމަވެސް، ދޮންކަނބުލޮގެ ނަޒަރުން ކައްސާލައިގެން ދިއުމަކީ ވެފައި ނެތްކަމެކެވެ.

އެހެންވިޔަސް، އެކުދިން ބޮޑުވަމުން އައީ ޒަމާނުގެ ރީތި ކުލަތަކުގެ ތެރޭގައި ކަމުން، ހުރިހާ ފަހަރެއްގައި ދޮންކަނބުލޮ ކަނޑައަޅާފައި ދެއްކި، ހައްދުހުދޫދުގެ ތެރޭގައި ނޫޅޭނެކަން ހުދު ދޮންކަނބުލޮ ގަބޫލު ކުރެއެވެ. އެހެންނަމަވެސް ކަލާނގެ އޯގާވަންތަވެރިކަމުން އޭނާގެ އެއްވެސް ކުއްޖަކު ޒުވާންކަމުގެ ތަށި ފުރިގެން ފާފައިގެ ތެރެއަށް ބަންޑުންވެފައެއް ނެތެވެ. އޭގެ ކުރިން، ދީނާއި ދުނިޔޭގެ ގާނޫނުގައިވާ ހަމަތަކުގެ މަތިން ކައިވެނިކުރިކަމުގެ އުފާވެރި ޔަގީންކަން އޭނާއަށް އޮވެއެވެ. އެޔަގީންކަން އޮތް ނަމަވެސް، އެކުދިންނާއި މިދަރިފުޅު ތަފާތުވާ ސަބަބުތައް ބައިވަރެވެ.

ދޮންކަނބުލޮ އަދިވެސް އިއްޔެގެ ކަމެއްހެން ހަނދާން އެބަހުއްޓެވެ. ޝަލްފާއަށްވުރެ ކުރިން އެހެން ކުދިން ކައިވެނި ކުރަމުންދާ ވާހަކަ ބުނުމުން ދިން ޖަވާބު އޭނާ ހަނދާން ނައްތާލާނީ ކިހިނެއް ހެއްޔެވެ.

"މަންމާ. އަހަރެން މީ އާއިލާގެ އެންމެ ދޮށީ ދަރިފުޅު. އަންހެންކުއްޖަކަށްވިޔަސް، އަހަރެންގެ ކޮނޑުގައި އާއިލާގެ އެންމެންގެ ޒިންމާ އޮތީ އެޅިފައި. އެހެންނޫނަސް މަންމަ އެކަނި ކޮށްލާފައި އަހަރެން ދާނީ މަންމަ ބަލާނެ ވަރުގެ އާއިލާއެއް އޮތް އިރަކުން، މަންމަގެ ޒިންމާތައް ކުޑަވިއިރަކުން. އަހަރެން މީ މަންމައާއި ބައްޕަގެ ފުރަތަމަ ދަރިފުޅު، ހުރިހާ ފަހަރެއްގައި ފުރަތަމަ ދަރިފުޅަކީ އެންމެ ފުރަތަމަ މަންމައަށް މާމަ ދަރިފުޅު ދޭ މީހާއަށް ވާކަށް ނުޖެހެއެއްނު. އެހެން ޒިންމާވެސް އޮވެއޭ. އެހެންނޫނަސް މަންމަގެ މީރުވަހާއި ނުލައި އުޅެވޭ ވަރަށް އަހަރެން ބޮޑުވި އިރަކުން ތިކަންވެސް ކުރާނަމޭ. އަދި...އާނ...މަންމައަކަށް ނޭނގޭނެ...އަހަރެން މީހަކާ އިންނަން ޖެހޭ ވަރެއް ނުވެއޭ."

ދޮންކަނބުލޮގެ މިދަރިފުޅަކީ އަދިވެސް މިއަދުވެސް، އޭނާއަށްޓަކައި ހަމަ ކުޑަކުއްޖެކެވެ. އޭނާގެ މީރުވަހާއި ނުލާ މިދަރިފުޅު ބޮޑު މީހަކަށްވިކަން ގަބޫލުކުރާކަށް އަދިވެސް ދޮންކަނބުލޮއަށް ފަސޭހައެއް ނޫނެވެ. ދޮންކަނބުލޮގެ އެހެންކުދިންނާއި ހުރިހާ ގޮތަކުންވެސް މިދަރިފުޅު ތަފާތެވެ. މިއަދާ ހަމައަށް މިވެގެންދިޔަ 45 އަހަރުތެރޭގައި މިއަންހެން ދަރިފުޅު، ދޮންކަނބުލޮގެ ލޯމަތިން ކެހިގެން ދިޔަ ކޮންމެ ފަހަރަކުވެސް ސައުވީސްގަޑިއިރުގެ ހުރިހާ ކަމެއްހެން ދޮންކަނބުލޮއާ ހިއްސާކުރެއެވެ. ދޮންކަނބުލޮއަށް ނޭނގޭ އެންމެ ފިޔަވަޅެއްވެސް ނޯންނަވަރަށް ދޮންކަނބުލޮއާ ގުޅުން ބާއްވާފައިވެއެވެ. އެހެންކަމުން މިއީ އޭނާގެ ގުލްޝަނުގައި ނުފޮޅި އިން މަލެއްފަދައެވެ.

އަދިވެސް މިމަލުގެ ކަންދު އެއްވެސް މީހަކަށް މިންވަރު ވެފައެއް ނެތެވެ. އެންމެ ކުޑަމިނުން، ލޯބީގެ ރީތި، އަސަރުގަދަ ނަމުގައި މިނަޔާ މަލުގެ މީރުވަސް ހޯދަން މަސައްކަތް ކުރި އެއްވެސް މީހަކަށް، ކުޑަމިންވަރަކަށް މިނުފޮޅިއިންމާ އިން ގަސް ހުރި ހިސާބަށްވެސް އާދެވިފައެއް ނެތެވެ. އާއެކެވެ. ޝަލްފާ މިއަދާ ހަމައަށް ލޯބިވެރިއެއްގެ އުނގުގައި އޮށޯވެލާފައެއް ނެތެވެ. ކޮނޑުގައި ބޯ އަޅާފައެއް ނެތެވެ. އަދި ކީއްހެއްޔެވެ. އަތުގައި ހިފާ މޭގައި ޖެއްސިފައެއްވެސް ނެތެވެ.

އެހެންކަމުން މިއަދު ދޮންކަނބުލޮއަށް އިހުސާސްކުރެވެނީ އޭނާގެ އުނގުގައި ހަމަދެންމެއާ ޖެހެންދެން އިން ތުއްތު ކުއްޖަކު އުނގުން ބޭލޭ ކަހަލަ ގޮތެކެވެ. މިދުވަހަށް ދޮންކަނބުލޮ ނުހަނު އިންތިޒާރު ކުރިކަމަކީ ޔަގީންކަމެކެވެ. މިދަރިފުޅުގެ ހިތާއި ސިކުނޑީގައި މީހަކާ އިނުމުގެ ހިޔާލު ނުއުފެދިގެން އޭނާ ނުކުރާ ދުއާއެއް ނޯންނާނެއޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ދޮންކަނބުލޮގެ ހެޔޮހަޔާތުގައި ޝަލްފާގެ ކައިވެނި ނުކުރެވިދާނެތީ އަބަދުވެސް އޭނާ ހިތާމަކޮށް، ވިސްނިއެވެ. އެކަމަކު މިއަދު އެންމެ ފަހުން، މިދުވަސް އައިސް ޖެހުމުން ދޮންކަނބުލޮއަށް ލިބެމުންދާ އުފަލާ އެއްވަރަށް ހިތަށް ކުރެވޭ އިހުސާސްތައް ބަޔާންކުރާކަށް ފަސޭހައެއް ނޫނެވެ.

"އޭހ. މަންމާ...އަހަރެން އަސްލުވެސް ވަރަށް ބިރުގަނޭ. މިއުޅޭ ފާތޭމެން ދައްކާ ވާހަކަތަކުން ހާސްވެސް ވަނީ އަމަށަކު ވަރަކަށް ނޫން." ލައިގެން އިން ގަޔަށްދޫކުރުތާއާއި ހަރުވާޅު ހެޔޮކޮށްލާފައި، ބޮލުގައި އޮތް ވަރުގަދަ، ބޯ އިސްތަށިގަނޑުން ފެންހިއްކަމުން ޝަލްފާ، މަންމަގެ ގާތުގައި އުނދޯލީގައި އިށީނެވެ.

ދޮންކަނބުލޮއަށް ހީނގަނެވުނެވެ. އޭނާގެ މިއަންހެންދަރިފުޅު ކިހާ މޮޔަހެއްޔެވެ. މީހަކާ އިނުމަކީ މިހާ ހާސްވާން ޖެހޭ ވަރުގެ ކަމެއް ހެއްޔޭ އެހެންމީހުން ބުނެ ދިމާކުރިއަސް އެއީ ވާނެކަމެއްކަން އޭނާއަށް އެނގެއެވެ. އެއީ ވާން ޖެހޭ ކަމެކެވެ. އަލަތު ކައިވެންޏަކީ، އަލަތު އަނތްބަކަށް ވުމަކީ ކޮންކަހަލަ އިހުސާސްތަކެއްކަން އެނގޭނީ 'އަލަތު'ކަންމަތީގައި ކައިވެންޏެއް ކުރުމުންނެވެ. ޝަލްފާއަށް އެހެން އެވަނީ ސަބަބެއް ނެތިއެއް ނޫނެވެ.

ވާންއުޅޭ ދަނބިދަރިފުޅު އައިސް ގެއަށް ވަންތަން ފެނިފައި ފުންމައިގެން އުނދޯލިން ތެދުވި ޝަލްފާ އެތަނުން ގެއްލުނު ގޮތެއްވެސް ނޭނގެއެވެ. ޕަކަޕަކަ އަޅާފައި ހީނގަތުމާއެކު، އެތެރެގޭތެރެއިން ބޯދީގެން ތިބި، ޝަލްފާގެ ހަނގުކޮއްކޮމެން، ޅިޔަންބެއަށް ފެނުމުގެ ކުރިން އަވަހަށް ދޮރުން އެތެރެއަށް ދެމިގެންފިއެވެ. ޝަލްފާގެ މިކައިވެންޏަށް ރަށުން ބޭރުގައި ދިރިއުޅެމުންދާ، ދޮންކަނބުލޮގެ ހަނގު ދެކުދިންނާއި އެކުދިންގެ އާއިލާވެސް މިގެއަށް ޖަމާވެގެން އެބައުޅެއެވެ. ޝަލްފާގެ ކައިވެނި މިއަދު އޮތްއިރު، އާއިލާގެ ކުދިބޮޑު އެންމެނާއި، ޝަލްފާގެ ގާތް، ހާއްސަ ރަހުމަތްތެރިން މިއަތޮޅަށް، މިރަށަށް އައިސް ހަމަޖެހި ނިމުނީ، ތިންވަރަކަށް ދުވަސް ކުރިންނެވެ.

ދަނބިދަރިފުޅު، އާދިލު އައިސް އިށީނދެލީ ދޮންކަނބުލޮގެ ގާތުގައި، އުނދޯލީގެ އެއްފަރާތުގައެވެ. ދޮންކަނބުލޮ އިނީ މިވަގުތުކޮޅަށް އެދިއެދިއެވެ. އާދިލު ދިއްކޮށްލި ހުޅުވާފައިހުރި ކުޑަފޮށީގައި އޮތް ރަތްރޫބީޖެހި އަނގޮޓިއަށް ތައުރީފުގެ ލޮލަކުން ބަލާލާފައި ދޮންކަނބުލޮ ދަނބިދަރިފުޅާ ހަތަރުކަޅި ހަމަކޮށްލިއެވެ. އަލިފުތު ދައްކަން ޖެހޭ ހުރިހާ ވާހަކައެއް ރޭގައި ވަލީހޯދަން އައި ހެކިވެރިން މެދުވެރިކޮށް، އާދިލާ ބައްދަލުކޮށް ދައްކާ ނިންމާފައިވާކަންވެސް ދޮންކަނބުލޮއަށް އެނގެއެވެ. އެހެންނަމަވެސް މިއީ ދޮންކަނބުލޮ އަމިއްލައަށް އާދިލާ ދައްކަން ބޭނުންވާހަކައެކެވެ.

"އެއީ މިމަންމަގެ ގުލްޝަނުގައި ފޮޅެން ތައްޔާރުވި ފުރަތަމަ މާ، އަދިވެސް މިއަދުވެސް ނުފޮޅި އިން ތާޒާ މަލެއް. މިމައިމީހާގެ އުނގުން ނުވީއްލި އިން ހަމަތުއްތު، މައުސޫމު ކުއްޖެއް ފަދަ، ވަރަށް މައުސޫމުވާނެ، ދުނިޔޭގެ އެއްވެސް ޒަމާނީ، ޒުވާނުން ކުޅޭ ކުޅިވަރެއް ނޭނގޭނެ. ދެވައްތަރުގެ ކުދިން މަސްހުނިވެ ޖަހާ ސަކަރާތެއް ނުދަންނާނެ. އެކަހަލަ މަންޒަރެއްވެސް ނުވެސް ބަލާނެ. އެދަރިފުޅު ފާފަވެރިނުވެ އީމާންތެރިވީ ހަމައެކަނި ހަށިގަނޑު ރައްކާތެރިކުރުމަކުން ނޫން. ލޮލާއި ކަންފަތާއި ނޭފަތާއި އަތްފަޔާއި ގައިގެ ހަންގަނޑާއި ދުލާއި މުޅި ހަށިގަނޑުންވެސް ކަލާނގެއަށް އެމަންޖެ ތަބާވާނެ. އެއީ މިމަންމަގެ ފަހުރު، މިމަންމަމެންގެ ގަދަރާއި އިއްޒަތުގެ ތާޖު.....ކަމޭހިތާތި. ފަހަރެއްގައިވެސް ނުރުހެންޏާ އަނބުރާ ގެނެސް މިނިކަމެތި އުނގަށް ލައިދޭތި، އުމުރުން ދުވަސްވެފައި ހަށިގަނޑުން ވަރުގަދަވެފައި އިނަސްއެއީ ހަމަ ޅަކުއްޖެއް."

އާދިލުގެ ހިތަށާއި ސިކުނޑިއަށް ލިބިގެންދިޔައީ ބުނެދޭން ނޭނގޭފަދަ ހަމަޖެހުމެކެވެ. ކޮންމެ ފިރިހެނަކުވެސް އަނތްބެއްގެ ކިބައިން ލިބުމަށް އެދޭ އެންމެ ބޮޑު ޝަރާފަތާއި ޒީނަތަކީ ރިވެތިކަން ހިމެނޭ ބިކުރުވެރިކަމާއި ލަދުރަކި އީމާންތެރި ކަމެވެ. އެދެކަން އެއްފަހަރާ، ލިބިއްޖެ ފިރިހެނަކު ދުނިޔެ މަތިން ނަސީބުވެރިއެއްކަމަށް އެންމެންވެސް ގަބޫލު ކުރެއެވެ. ޝަލްފާގެ ކައިވެންޏަށް އެދިގެން އޭނާ މިގެއަށް އަންނަން ޖެހުނު ފުރަތަމަ އަދި ފަހުގެ ސަބަބަކީވެސް ޝަލްފާގެ "އާ" ކަމެވެ. ކައިވެންޏެއް ނުކޮށް ހުއްޓަސް އަލަތުއަނތްބެއް މިޒަމާނަކު ނުލިބޭނެއެވެ.

އަލަތު އަނތްބެއްގެ ގައިންލިބޭނެ އަގުނުކުރެވޭނެ ހަޒާނާއަކީ މިހާރު ލިބުން ނާދިރު އެއްޗެކެވެ. މިހާރުގެ ކުދިންނަށް، ޒުވާނުންނަށް، އަދި އެހެންވެސް މީހުންނަށް ބިކުރުވެރިކަމަކީ ބޯދާކަމެކެވެ. މާބޮޑަކަށް މާނަކުރެވޭ ކަމެއް ނޫނެވެ. އުޅެވޭ ގޮތަކުންވެސް އެކަން ގައިން ކެޑިދާނެއެވެ. އެހެންކަމުން މީހަކާ އިންނައިރު، ހަގީގަތުގައި އެބުނެވޭ އަލަތު ކަމަކީ ބިކުރުވެރިކަން ކަމަކަށް މިހާރު އެއްވެސް ބަޔަކު ގަބޫލެއް ނުކުރާކަހަލައެވެ. ނުވަތަ އެއީ އެހާ މާނަކުރެވޭ ކަމަކަށް ނުވަނީއެވެ. އެކަމަކު ހަގީގަތަކީ ކޮންމެ މީހަކުވެސް، އަލަތު އަނތްބެއް ނޫނީ އަލަތު ފިރިއަކަށް އެދޭނެކަމެވެ. އެއީ ކޮންމެ މީހެއްގެވެސް އުއްމީދެކެވެ.

ތިމާ އަދި ކޮންމެފަދަ ގޮތަކަށް ދުނިޔޭގައި އުފާ ލިބިގެންފައި ހުއްޓެއްކަމަކު 'އަލަތު' ކަމުގައި އެވާ ކަންދު ކޮންމެ މީހަކުވެސް ބޭނުންވެއެވެ. ހުދު އާދިލަކީވެސް މާ މާތް މީހެއް ނޫނެވެ. އެކަމަކު އޭނާގެ ހަޔާތަށް މީގެ ކުރިން އައިސްފައިވާ އެއްވެސް އަންހެން ކުއްޖަކާއެކު ކައިވެނީގެ ބޭރުން، 'އަނތްބެއްގެ'އުފާ ލިބިގެންފައި ނުވާކަމަކީވެސް ހަގީގަތެކެވެ. ގައިގޯޅިވުމާއި މަސްހުނިކަމަކީ ލިބިގަނެވޭ އުފަލަކަށް ހެދިޔަސް، އޭނާގެ ފުރަތަމަ ކައިވެނީގައި އަލަތު އަނތްބަކަށް އުއްމީދުކުރި ގޮތަށް، ހުދު ތިމާއަކީ އަލަތު ފިރިއަކަށް ވުމަށް ކަނޑައެޅި އަޒުމުގައި އޭނާ ވަރުގަދަވިއެވެ. އެކަމަކު މިފަދަ އަގުބޮޑު އަލަތު އަނތްބެއް ލިބިދާނެކަމަކަށް ފަހަރެއްގައިވެސް އާދިލު ހީކޮށްފައެއް ނެތެވެ.

"އޭނާގެ އަތުގައި ހިފާ ސަލާމްކުރެވިފަ ހުރެދާނެ. ފިރިހެނަކަށް އެންމެ ބޮޑުވަރަކަށްވެސް ޝަލްފާގެ ގައިގައި އަތްލެވިފައި ހުންނާނީ ސަލާންކޮށްލާއިރު އަތްފޯރާ، ބީހެވޭ ހިސާބެއްގައި، އެނޫނީ އެއީ ލާހިކު ކަމެއް ނޫން." އެންމެ ފުރަތަމަ ޝަލްފާގެ ވާހަކަ އަޑު އިވުނީ ރައްޓެހި ގްރޫޕެއްގެ ޗެޓަކުންނެވެ. އެއީ އެފަހަރު އެކި އޮފީސްތަކުން ހޮވާލައިގެން 'ޔޫތު މިނިސްޓްރީން' ކުރިއަށް ގެންދިޔަ ސާވޭއެކެވެ. އެސާވޭގައި ރާއްޖޭގެ އުތުރުގައި ހިންގި މިސާވޭގައި، އާދިލާއި ޝަލްފާ ފުރަތަމަ ބައްދަލުވީ، ޝަލްފާގެ ރަށް، ހދ ކުޅުދުއްފުށިންނެވެ.

ޝަލްފާއަކީ އެއަތޮޅުން މިސާވޭގައި އެމީހުންގެ ޓީމަށް ލިބުނު ބައިވެރިޔާއެވެ. އަތޮޅުގެ ކޮންމެ ރަށަކުންވެސް ހާއްސަކުރެވޭ ވަކި މީހަކު އެމީހުންނާއެކު އަތޮޅުގައި ދާންޖެހޭ ރަށްތަކަށް ދިއުމާއި އަތޮޅުގެ ކަންތައްތައް ކިޔައިދީ، އެމީހުން ބޭނުންވާ މައުލޫމާތު ހޯދުމުގައި އެމީހުންނަށް އެހީވާނެއެވެ. އެގޮތުން މިރަށުން ބައިވެރިވީ ޝަލްފާއެވެ. ކަންދިމާކުރި ގޮތުން ސާވޭއަށް މާލެއިން ދިޔަ އޮފިޝަލުންގެ ޓީމުގައި، ޝަލްފާ ދަންނަ، އެއަތޮޅުގެ ދެކުއްޖަކު ތިއްބެވެ. އެކަކީ ސީދާ ޝަލްފާގެ ވަރަށް ގާތް ޒުވާނެކެވެ.

ކޮންމެއަކަސް ޝަލްފާގެ ވާހަކަ އެހާ ހާއްސަކޮށް ދެކެވެން ޖެހުނީ ޓީމުގެ ބައިވެރިންނަކީ ފިރިހެނުންކަމަށްވެފައި ރާއްޖެތެރޭ ރަށަކުން އަންހެން އެކުވެރިއަކު ލިބުމުން އޭނާގެ މައުލޫމާތު އެއްކުރުމުގެ ނިޔަތުގައެއް ނޫނެވެ. އެކަމަކު އެއާއެކު ސާޅީހުން މަތިވެފައި އިންއިރުވެސް، އަދި ހަމަ ހުސްހަށިބަޔަށް އިން އަންހެނެއްކަމާއި، ދުވަހަކުވެސް އަދި ބިޓެއް ނަގައިގެން ވެސް ނޫޅޭ ވާހަކައާއި، ގެއިން ބޭރަށް ނުކުންނަންޏާ އޮފީހަށް ނޫން ތަނަކަށް އެކަނި ގޮސްނޫޅޭ ވާހަކައާއި، މިހެން ގޮސް އެތައް ވާހަކަތަކެއް އެނގުމުން، މިއަންހެންމީހާ ވީ އެންމެނަށްޓަކައިވެސް ވަރަށް ބޮޑު އަޖައިބަކަށެވެ.

ހިޖާޒަކީ ޓީމުގައި ހުރި ހަމައެންމެ ފެޝަން، ހުރިހާ ގޮތަކުންވެސް އަންހެނުންގެ ކަންތަކުގައި އަރާހުންނެވި ބޭކަލެކެވެ. މީހަކާ އިނދެ، ދެދަރިން ތިބުމާއެކުވެސް، އޭނާގެ ބިޓުންގެ ލިސްޓު ދިގުވެފައި، އޭނާގެ ފަސްފަހަތުން އަންނަ ކުދިން ގިނައެވެ. ޝަލްފާގެ ވާހަކަ އެނގުމުން ހިޖާޒަށް މިއީ ވަރަށް ބޮޑު ޗެލެންޖަކަށް ވެއްޖެއެވެ. އޭނާއަށް ނޫނެކޭ ބުނާކަށް އެއްވެސް އަންހެންކުއްޖަކަށް ލާހިކެއް ނޫނެވެ. ދިހަ ވަރަކަށް ދުވަހުގެ މިދަތުރުގައި ކޮށްލާނެ، ފޫހިފިލާނެ ރަނގަޅު ކަމެއް ފެނުމުން ހިޖާޒު އެކަމާ ވަރަށް އުފާވިއެވެ.

ހިޖާޒާ ދެކޮޅު ހެދީ ޝަލްފާ ދަންނަ އެރަށުގެ ޒުވާނާއެވެ. ނަވީން ސީދާ އެއީ ނުވާނެ ކަމެއްކަމުގެ ޔަގީންކަން ދިނެވެ. ހިޖާޒު ކުރީ ބެޓެވެ. ހަފުތާއެއް ވާއިރު ޝަލްފާ އޭނާގެ ލޯބީގާ ދީވާނާ ވާނެކަމަށާއި އޭނާއާއެކު ޝަލްފާ ނިދާނެކަމުގެ ޔަގީންކަމުގެ މިބެޓަށް އެހެން ހުރިހާ ބައިވެރިން ނަވީނާއި ދެކޮޅަށް ވޯޓުލީއިރު ހިޖާޒުގެ ބެޓާއި ދެކޮޅަށް ނަވީނާ އެއްކޮޅަށް އާދިލު އެދުވަހު އެރިއިރު، މިދުވަސް އައިސްދާނެކަމަކަށް ފަހަރެއްގައިވެސް ހިތަކަށްވެސް ނާރައެވެ. ހިޖާޒުގެ އެކުވެރިކަމުގެ މެސެޖުތަކަށާއި ދައުވަތުތަކަށް ޝަލްފާ އެއްބަސްވެ، ކޮފީތަކަށް ދިޔަކަމަކީ އެންމެނަށްވެސް ފެނުނު ހަގީގަތެކެވެ. އެއިން ކޮންމެ ފަހަރަކު ހިޖާޒު ބޭނުންވާ އެކަހެރި ވަގުތުކޮޅު ލިބޭ ގޮތެއް ނުވެއެވެ. އަންހެންކުދިންގެ ބަލިފަޔަކީ އެކުދިންނަށް ކުރެވޭ ތައުރީފާއި ހުޝާމަދުކަން އެނގޭ ހިޖާޒު ވަރަށް ފުރިހަމައަށް އަމާޒަށް ދޫކޮށްލި ތީރު ޖެހިފައި މޯޅިވެގެން ވެއްޓުނު އޮފިކޮޅެއްހެން ފައިބައިގެންދިޔައީއެވެ.

"މަށަކީ ތިބުނާ ރީތިމީހެއްވެސް ނޫން. މާމޮޅު ނޫނީ މާވިސްނުންތޫނު މީހެއްވެސް ނޫން، ތިޔަކީ އެއްވެސް ލަވައެއް ކަމަކު ނުދޭ. ތައުރީފުކުރުމުން އޮޅޭނީ، އޮޅިގެންފައި، ރަކިވެ ތުއިވާނީ، ވަރަށް ގަމާރު އަންހެންކުދިންކަން އެނގޭތަ؟ ބުއްދިވެރިމީހަކަށް އެނގޭނެ އެމީހާގެ ތައުރީފާއި އެމީހާގެ ރީތި ނޫނީ މޮޅު ވާހަކަ އަނެއްމީހާ ދައްކާނީ ކޮންތާކު ކިހިނެއްކަން. އެހެންނޫނަސް އެކުވެރިން، އާއިލާ މީހުން، ގާތްމީހުން، އަނބިންނާއިފިރންނާއި ދަރިން، މިއީ ހައްތާވެސް ލޯބިވާ މީހުންނެއްނު، ލޯތްބަކީ ރީތި، ހުތުރުން، މޮޅު،ދެރައަކުން، ފަންތިއަކުން، ނަސްލަކުން، ހަސަބާއިނަސަބުން، އުފެދި ބަދަލު ކުރާ އިހުސާސެއް ނޫނެއްނު."

އާދިލުގެ ހިތުގައި ޝަލްފާއަށްޓަކައި ފުރަތަމަ ހާއްސަކަމެއް ދެވުނީ މިވާހަކަ އިވުނު ދުވަހުއެވެ. ހިޖާޒުގެ މިބެޓަށް އެންމެންވެސް ދިޔައީ ފާރަލާ، އެދެމެދުގައި ހިނގަމުންދިޔަ ހުރިހާ ކަމެއްހެން ރިކޯޑްކޮށް، ވީޑިޔޯއާއި އޯޑިއޯއިން ބަލަމުންނެވެ. ހިޖާޒުގެ އެކުވެރިކަމުގެ އެންމެ ހާއްސަ ދައުވަތު އޮތީ އެމީހުން ފުރައިގެން ދާން އުޅޭތީ، އެރަށުން ފުރުމުގެ ދެދުވަސް ކުރިން، އެމީހުން ކުއްޔަށް ތިބޭ ގޭގެ ސިޓިންގރޫމުގައެވެ.

ދަތުރުގައި އެމީހުން ތިބެން ހަމަޖައްސާފައިވާ ގެއަކީ ދެކޮޓަރިއަކާއި ސިޓިންގރޫމް، އަދި ބަދިގެއެއް ހިމެނޭ ބަންދުކަމާއި، ރައްކާތެރިކަމާއި، ފުރިހަމަކަންވެސް ބޮޑުގެއެކެވެ. އެރެއަށް ގޭތެރެ ހުސްވާނެކަން ޝަލްފާއަށްވެސް އެނގެއެވެ. އެއީ އެރޭ އެހެން ބައިވެރިން މަސްދަތުރު ދާތީއެވެ. އެކަމަކު ޝަލްފާ ހިޖާޒު ދިން، ހާއްސަ ކެއުމުގެ އެދައުވަތު ގަބޫލުކުރިއެވެ. ބެޓުގައި ނަވީނާ އެއްކޮޅަށް އަރާ ތިބިމީހުންނާއި ނަވީންގެ ވެސް ކަރުއެލުނެވެ. އެހެންނަމަވެސް ބެޓްގެ ނިމުމަށް އެންމެންވެސް ދިޔައީ އިންތިޒާރުކުރަމުންނެވެ.

ހިޖާޒު އޮތީ މުޅި ގެ ރެއަށް ތައްޔާރުކޮށްފައެވެ. ފުރިހަމަ އަލަތުކައިވެންޏެއްގެ ޕާޓީއަކަށް ތައްޔާރުކޮށްފައިވާ ކަހަލައެވެ. ޝަލްފާވެސް ހުރީ ފިސާރި ޗާލާކީ ހެދުމެއްގައި ނުހަނު ރީތިވެލައިގެންނެވެ. ރަތްކުލައިގެ ހެދުމެއްގައި ރަތް ފިނިފެންމާތަކުން ޒީނަތްތެރިކޮށްފައިވާ ގޭގެ ސިޓިންރޫމާއި ހިޖާޒު ތައްޔާރުކޮށްފައި ހުރި ކޮޓަރިތެރޭގައި ވާ ރަތްކުލައިގެ ފަރުދާއާއި މާތަކުގެ ތެރޭގައި ޝަލްފާ ވަރަށް ފުރިހަމައެވެ. އުއްބައްތީގެ އަލީގައި ރޭގަނޑުގެ ކެއުމަށް އިންސާފުކުރަން އިށީނދެ ހަމަޖެހިލުމަށްފަހު ޝަލްފާ ކުރެން ހިޖާޒު އަހާލިއެވެ. "އަހަރެން ދިއުމުން ވަރަށް މިސްވާނެތަ؟"

ހީނގެންފައި ޝަލްފާ ބުންޏެވެ. "މިސްވާނެ. ތިއެންމެންމަތިންވެސް. އެކަމަކު ހިޖާ ސްޕެޝަލް ދޯ. މާގިނަ ވަގުތު ހޭދަކުރެވުނު ހިޖާއާއެކު. އެހެންވީމަ ބޮޑަށް ހަނދާންވާނެ."

ހިނދުކޮޅުގެ އިންތިޒާރުގައި ހުރި ހިޖާޒު ކެއުމުގެ ފަހުން ދޭން ބޭނުންވާ ހާއްސަ ހަދިޔާއެއް އޮތް ވާހަކަ ބުންޏެވެ. ލުއި ގޮތަކަށް ކެއުން ނިންމުމަށްފަހު ރޭގެ ހާއްސަ ބުއިން ހިޖާޒު ޝަލްފާއަށް ދިއްކޮށްލީ އޭނާގެ ހާއްސަ ހަދިޔާ ބެޑްރޫމުގައި ވެއްޖެކަމަށް ބުނަމުންނެވެ. ޝަލްފާ ޖޫސްތަށި ހިފައިގެން ހިޖާޒުގެ ފަހަތުން ގޮސް ކޮޓަރިއަށް ވަނުމާއެކު ހިޖާޒު އޭނާގެ ހަދިޔާ ކަމަށްވާ ރަންއަނގޮޓި ދިއްކޮށްލިއެވެ. "ވަރަށް ލޯބިވޭ. މިރެއަކީ ސާދައެއްނު. އަހަރެންގެ ވެލަންޓައިންއަކަށް ވެދާނަންތަ؟"

ހިނދުކޮޅަކަށްޓަކައި ލައިވް ވީޑިއޯ ބަލަން ތިބި އެންމެން ހީކުރީ ޝަލްފާ، ހިޖާޒުގެ މަޅީގައި ޖެހި ނިމެނީކަމަށެވެ. އެހެނީ ޝަލްފާގެ މޫނުމައްޗަށް ވެރިވި ރަކިހީނލުމާއެކު އިސްޖަހާލާފައި ދެއަތަކަށް މަޑުމަޑުން ބޯހޫރާލީމައެވެ. އުފަލުން ފުރިފައި ހުރި ހިޖާޒު، އޭރު މަޑުމަޑުން ހުރީ ކެތްކުރެވިގެން ނޫނެވެ. އަތުގައި ހުރި ޖޫސްތަށި ހިފައިގެން ގޮސް އެނދުކައިރީ ހުރި މޭޒުމަތީ ބަހައްޓާފައި ޝަލްފާ އެނބުރިލިއެވެ. "އާއެކޭ ބުނެފިއްޔާޔޯ..." ޝަލްފާ މަޑުމަޑުން އަހާލިއެވެ.

"ހަމަހުވާ. އުރާލައިގެން ދޫވެސް ނުކުރާނަން. އުރައިގެން ހުރެ އުމުރަށް ވާވަރަށް ލޯބިކޮށްލާނަން." ހިޖާޒު ދެފަރާތަކަށް ހޫރިގެންފައި ޝަލްފާގެ ދެކޮނޑުގައި ހިފަން ކަމަށް ދިއްކޮށްލި އަތުގައި ޝަލްފާ ދެއަތުން ހިފަހައްޓާލިއެވެ. ދެން އިސްއުފުލާފައި އަނދައިގަންނަ ކަހަލަ އަލިފާނުގެ ލޮލަކުން ހިޖާޒަށް ބަލާލުމަށްފަހު ދުރަށް ކޮއްޕާލިއެވެ. ޝަލްފާގެ އިސްކޮޅާއި އެއްވަރުގެ ރީތި ހަށިގަނޑުގައި ހުރި ބާރު އެންމެނަށްވެސް ފެނުނެވެ.

"އޭތް...ހީނުކުރައްޗޭ މަށަކީ ފިރިހެނެއް ނުލިބިގެން، މީހަކު ނުވެގެން މީހަކާ ނީނދެ ހުރި މީހެކޭ. ކިތައް އަނތްބަށް މަށާ އިންނަން ތިއުޅެނީ....އަނހާ....އަސްތާ އިންނާކަށް ނޫނޭ ދޯ މިއުޅެނީ...މިރަށުން ފުރުމުގެ ކުރިން ރެއެއް ނިންމާލަން ދޯ. އުނހު، ރޭވެސް ނިންމާފަ ހުންނާނީ، މަށާ ފްރެންޑް ވެގެން ތައުރީފުކޮށް އުނގަށް ވެއްޓޭތޯ ޖެހި މަޅިތަކުގައި ނުބެދުނީމަ، ލޯތްބޭ، ލޯބިވެރިޔަކަށް ވެދާނަންހޭ މިލަވަ ތިކިޔާލީ. ކުރިންވެސް މަބުނީމެއް ނު، ހިޖާޒު ކިޔާ ލަވައާއި ރާގު ހަމައެއް ނޫނޭ. މަށަކަށް ކަމަކު ނުދެއޭ. އަދިވެސް މަބުނި ހަނދާނެއް ނެތްތަ، ލޯތްބަކީ ބުނެގެން ކިޔައިގެން އަންގާ އެއްޗެއް ނޫން. އެއީ އިހުތިރާމާއެކު އިހުސާސްކޮށްދޭ ނުހަނު މާތް އިހުސާސެއް. ކަލޭމެން ފިރިހެނުން ހީކުރަނީ ކީކޭކަމަށްތަ؟"

ދާން އެނބުރިލި ޝަލްފާގެ ގައިގައި ފުންމައިގެން އައިސް ޖެހިގަތް ހިޖާޒުގެ ބަނޑުކޮޅުގައި ޝަލްފާގެ ކަނާތުފައިން ކުރުކޮށްލާފައި ފަހަތުން އެއެތިފަހަރު ޖެހި ގޮތެއްވެސް ނޭނގެއެވެ.

"ހިތަށް އަރާ ޕޮލިހަށް އަންގަންވެސް. އެކަމަކު އެހެން ހަދާކަށް ބޭނުމެއްނޫން، ކަލޭކަހަލަ މީހުންނަށް ފިދާވާ މޮޔަ އަންހެނުން އުޅޭ ވިއްޔަ. އެކަމަކު ބުނަން، ދެވަނަ ފަހަރަކު އަހަރެން ކަހަލަ އެހެން އަންހެނަކު މަޅީގަ ޖައްސަން އުޅެ ނުޖެހުނިއްޔާ ގަދަބާރު ދައްކަން ނޫޅޭތި...އާނ އަދި ހަނދާންނެތުނީ. މިއޮތީ މަގޭ ހަދިޔާ." ދިއުމުގެ ކުރިން ޝަލްފާ ދިއްކޮށްލީ ޓިޝޫކޮޅެކެވެ. "ތިއީ ޝެހެޒާދާސާހަބް ނިކަމެތި އަޅުގަނޑުގެ ޖޫސްތަށްޓަށް އަޅަން ފުށަށް ވާވަރަށް ފުނޑުކޮށްގެން ގެނައި ފްލިބޭންސަރިން ކެޕްސުލް...ދަ ވައަގްރާ ޕައުޑަރގެ އަސްލު، ފޯރ ޔުއަ ކައިންޑް އިންފޮމޭޝަން، އެޖޫސްތަށްޓަށް މިހާރު އެޅިފަ އެހެރީ ގުލްކޯޒު."

ޝަލްފާގެ މިތަންދޮރު އެނގިފައި ހުރި ހުށިޔާރުކަމާއި، ފިސާރި ކެރޭ އުޅުމާއި އަދި އާދިލަށް ޝަލްފާއާ ބެހޭ ގޮތުން އެނގުނު މައުލޫމާތުތަކަށް ބިނާކޮށް، އޭނާގެ ހަޔާތުގެ ބައިވެރިއަކަށް، މާތްކަލާނގެ މިންވަރުކުރައްވާފައި އިން ކަމަނާއަކީ މިއީކަން އާދިލަށް ފަހުމުވީ އެވެ. ހިޖާޒު ގަތްލަދާއި މަތިއެޅުމަށް ދެއްކި ވާހަކަތަކަކަށް އާދިލުގެ އެއްވެސް ޝައުގެއް ނެތެވެ. އެކަމަކު އޭނާ ހިޖާޒަށް ޝުކުރުވެރިވިއެވެ. އަގުނުކުރެވޭވަރުގެ ހަޒާނާއެއް އޭނާއަށް ލިބުމުގައި ހިޖާޒު މެދުވެރިއަކަށް ވީމައެވެ.

ޖެހިގެން އައި މަހު އޮފީހުން އަހަރީ ޗުއްޓީ ނަގައިގެން އާދިލު މިރަށަށް އައީ، ހެކިވެރިން މެދުވެރިކޮށް ޝަލްފާގެ ކައިވެންޏަށް އެދުމަށް އެގެއަށް ކައިވެނީގެ ބިލެތްގަނޑެއް ފޮނުވާ، ޝަލްފާގެ ބައްޕައާ ބައްޕަވެސް އެގަބޫލު ކުރުމުންނެވެ. އެންމެ ފަހުން މިރެއަކީ އެދިގު އިންތިޒާރަށް ނިމުމެއް އަންނަ ރެއެވެ.

އާދިލު ވައުދުވީ މުޅި އުމުރަށް ޝަލްފާއަށް ކަމޭހިތުމަށެވެ. ކައިވެނީގެ ހުރިހާ ކަމެއް ނިމި ނިދާކޮޓަރިއަށް ގޮސް ރަކިވެފައި އިންނަ ޝަލްފާ އޭނާގެ ފަރާތަށް އަނބުރަން ކިތަންމެ މަސައްކަތެއް ކުރަން ޖެހުނަސް، ކެތްތެރިކަމާއެކީ އަލަތު އަނބިމީހާ، އުފަލުގައި ގެންގުޅުމަށް، ދީނުގައި އަލަތުއަނތްބަކަށް ދޭންޖެހޭ ހައްގުކަމަށްވާ ތިންދުވަހާއި ހަފުތާއެއް، އޯގާތެރިކަމާއެކީ ދޭނެކަމުގެ ޔަގީންކަން ދޮންކަނބުލޮއަށް އާދިލުގެ ފަރާތުން ވައުދާއި އަހުދާއެކު ލިބުނެވެ.

ރޭގެ ހަފުލާ ނިމި ކޮންމެ މީހަކުވެސް އެމީހެއްގެ ގެއަށް ގޮސް އަވަދިވެއްޖެއެވެ. އާދިލާއި ޝަލްފާގެ އަލަތުކައިވެނީގެ އަލަތުރޭ ހޭދަކުރުމަށް ހަމަޖެހިފައިވާ ގޭގެ ކޮޓަރިއަށް އެމީހުންވެސް ހިނގައްޖެއެވެ. އަލިފުތު އިނީ ބޭރު އުނދޯލީގައިކަމުން، ނިދަން އޮށޯތުމަށް، ފިރިމީހާ ބަލާ ދޮންކަނބުލޮ ނުކުތީ ބޭރު ގޯތި ތެރެއަށެވެ. އެވަގުތު އެތެރެގޭތެރޭ މޭޒުމަތީގައި އޮތް އޭނާގެ ފޯން ރިންގް ވާއަޑަށް ދޮންކަނބުލޮ މަޑުޖެހިލިއެވެ.

"ކީކޭ ބުނާނީ. އަހަރެމެންގެ ދަރިފުޅު އަދިވެސް ބޮޑެއް ނުވޭވިއްޔަ." ހެވިފައި އިނދެ ދޮންކަނބުލޮ އުނދޯލީގައި އިށީންނަމުން ބުނެލިއެވެ. އަދި ނުހަނު ލޯބިވާ ފިރިމީހާގެ ކޮނޑުގައި ބޯޖައްސާލިއެވެ. "ދެންމެވެސް އެގުޅީ، ބިރު ގަނެއޭ. މަންމަމެން ގާތަށް މިދަނީއޭ، އާދިލު ގާތަށްމާދަމާރޭ ދާނަމޭ ކިޔާ....އަަހަރެން މިއައީ އެތައް ނަސޭހަތެއް ދީފަ...ބުނާކަށް ހާލަކުން އާދިލާ ހަވާލު މިކުރީ،"

އަލިފުތަށްވެސް ހީނގަނެވުނެވެ. އެމީހުންގެ ފުރަތަމަ ދަރިފުޅުގެ ކައިވެނި ކުރެވުނީއެވެ. މިހާރުދެން އެދެމަފިރިންގެ މުޅި އާއިލާ ފުރިހަމަވީއެވެ. އަލިފުތު އޭނާގެ ކޮނޑުގައި ބޯޖައްސާލައިގެން އިން މެދުއުމުރުފަސްދީ، ހަޔާތުގެ ދަތުރު ނިހާއީ ލޯތްބާއި ވަފާތެރިކަމުގައި އޭނާއާއެކު ވޭތު ކުރަމުންދާ، ލޮބުވެތި އަނބިމީހާގެ ކޮނޑުގައި ހިފާ އިތުރަށް ގަޔާ ކައިރިކޮށް، ދޮންކަނބުލޮގެ ބޮލުގައި އޭނާގެ މޫނު ޖައްސާލިއެވެ. އޭރު ވައިރޯޅިއާއެކު ހެލިލަމުންދިޔަ ރުކުގެ ފަންތަކުގެ ތެރެއިން، އުދަރެހުގައި ފިޔަޖަހަމުންދިޔަ ތަރިތަކުގެ މެދުން، ތޭވީސްވިލޭރެއެއްގެ ހަނދު ވިލާކޮޅަކާ ނިވާވެލާފައި ނުކުމެ، އަނެއްކާވެސް ވިލާކޮޅަކާއެކު ފީކޮއި ކުޅެމުން ސިއްރުން ބިމުގެ އެހެންދިމާއަކަށް ޖެހިލިއެވެ. މިވަގުތު މިގެއާ ތަންކޮޅެއް ދުރުގައި ހުރި ގެއެއްގެ އަލަތުއަނތްބެއްހެން ޒީނަތްތެރިކޮށްފައިވާ ކޮޓަރީގެ ކުޑަދޮރުން އެތެރެއިން، ވަށް އެނދުގެ ވަށައިގެން ދަމާލެވިފައިވާ ފަށުވި ފަރުދާގެ ތެރެއިން އެއްހިޔަނި އަނެއްހިޔަންޏާއި ސަމާސާކުރާ ހިތްގައިމު، އުފާވެރި މަންޒަރު ސިއްރުސިއްރުން، ވަގު ނަޒަރަކުން ބަލާލާފައި ހަނދުވެސް ލަދުގެންފިކަހަލައެވެ. ރަކިވެފައި އަވަހަށް ހަނދު ވިލާކޮޅެއްގެ ފަހަތަށް ވަދެ ފިލައިފިއެވެ.

********************* ނިމުނީ ***************************