ޚަބަރު

އެމްޑީޕީ ޗެއާޕާސަންކަމުގެ އިންތިހާބުގައި ރައީސް ސޯލިހު ވޯޓު ލައްވައިފި

އިބްރާހިމް ޒަކީ

މިހާރު ކުރިއަށްދާ އެމްޑީޕީގެ ޗެއާޕާސަންކަމުގެ ވާދަވެރި އިންތިހާބުގައި، އެޕާޓީގެ އެންމެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވޯޓު ލައްވައިފިއެވެ.

އެމަނިކުފާނު ވޯޓު ލެއްވީ ދަރުމަވަންތަ ސްކޫލުގައި ހުންނަ ޅ. ހިންނަވަރު ދާއިރާގެ ވޯޓު ފޮއްޓަށެވެ. އެ ސްކޫލުގައި ދެ ވޯޓު ފޮއްޓެއް ބަހައްޓާފައިވެއެވެ. އެއީ ޅ. އަތޮޅުގެ އިތުރުން ބ. އަތޮޅުގެ މެންބަރުންނަށެވެ.

މި އިންތިހާބުގައި، ރައީސުލްޖުމްހޫރއިްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނުން ވާދަ ކުރައްވަނީ އިކޮނޮމިކު މިނިސްޓަރު ފައްޔާޒު އިންމާއީލެވެ. ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން ވާދަ ކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ.

މި އިންތިހާބުގައި ވާދަ ކުރައްވާ ދެ ކެންޑިޑޭޓުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހާއި ވަޒީރުންގެ މަޖިލީހުގެ އެމްޑީޕީ ގިނަ މެންބަރުންގެ ތާއީދު އޮތީ ފައްޔާޒަށެވެ. ފައްޔާޒަށް ތާއީދުކުރައްވާ ވަޒީރުންގެ ތެރޭގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ އާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް އަދި އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ހިމެނިވަޑައިގަންނަވައެވެ.

ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ގިނަ މެންބަރުންގެ ތާއީދު ފައްޔާޒަށް އޮތް ނަމަވެސް، މަޖިލީހުގެ ރައީސް، ރައީސް ނަޝީދާއެކު މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވެސް ތާއީދުކުރައްވަނީ އިންތިއަށެވެ. އެ ޓީމުގެ އެންމެ އިސް ސަފުން ދެން ފާހަގަކޮށްލެވެނީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފާއި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާއި އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) އާއި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެވެ.

މި އިންތިހާބުގެ ވޯޓުލުން ހެނދުނު 9:00 ގައި ފަށާފައިވާއިރު، ހަވީރު 4:00 އަށް ކުރިއަށްދާނެއެވެ.