އިނގިރޭސި ކްލަބު, ލިވަޕޫލާ ދެކޮޅަށް ކުޅޭ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ސްޕެއިންގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ބޭނުންކުރާނެ ޓެކްޓިކްސްއާ ގުޅޭގޮތުން އެޓީމުގެ ކޯޗު ކާލޯ އެންޗެލޮޓީ ވާހަކަދައްކައިފިއެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ރެއާލާއި ލިވަޕޫލް ނުކުންނާނީ މިމަހުގެ 28 ވަނަ ދުވަހު ފްރާންސްގެ ޕެރިސްގައެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓެކްޓިކްސްއާ ގުޅޭގޮތުން ވާހަކަދައްކަމުން އެންޗެލޮޓީ ބުނީ ލިވަޕޫލާ ދެކޮޅަށް ވެސް ރެއާލުން ބޭނުންކުރާނީ މިސީޒަނުގެ ގިނަ މެޗުތަކުގައި އެޓީމުން އާންމުކޮށް ބޭނުންކުރި ފޯމޭޝަން ކަމަށެވެ.
"އަހަރެމެން ބޭނުންކުރާނީ 3-4-4. ބައެއް ފަހަރު އެ ފޯމޭޝަން 2-4-4 އަށް ބަދަލުވާނެ. ލިވަޕޫލަށް ޕްރެޝަރު ކުރުމަށް މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި ބަދަލުކުރި ގޮތަށް, 3-4-4 އިން 1-1-4-4 އަށް ބަދަލުކުރާނަން," އޭނާ ބުންޏެވެ.
އެންޗެލޮޓީ ބުނީ ވިސްނުން ހުރީ މާބޮޑު ބަދަލުތަކެއް ނުގެނެސް, ކުޑަކޮށް ޑިފެންސްކޮށްލައިގެން ލިވަޕޫލަށް ޕްރެޝަރު ކުރުން ކަމަށެވެ.
ޗެމްޕިއަންސް ލީގުގެ ފައިނަލަށް ރެއާލް ނުކުންނާނީ ސީޒަންގެ ދެވަނަ ތަށި ހޯދުމުގެ އުންމީދުގައެވެ. ރެއާލުން ވަނީ މިސީޒަނުގެ ސްޕެނިޝް ލަލީގާގެ ޗެމްޕިއަންކަން ވެސް ކަށަވަރުކޮށްފައެވެ.
މިސީޒަނުގެ ޗެމްޕިއަންސް ލީގުގައި ރެއާލުން ވަނީ ތަފާތު ނަތީޖާތަކެއް ނެރެފައެވެ. ފައިނަލަށް ދިއުމަށް އެޓީމުން ވަނީ ނޮކްއައުޓް ބުރުގައި ފްރާންސްގެ ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)ގެ އިތުރުން އިނގިރޭސި ދެ ކްލަބު ކަމަށްވާ ޔޫރަޕުގެ އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ އާއި މެންޗެސްޓާ ސިޓީ ބަލިކޮށްފައެވެ.
ނޮކްއައުޓް ބުރުގެ މެޗުތަކުން ވެސް ރެއާލް މޮޅުވީ ފަހު ވަގުތު ނަތީޖާ ބަދަލުކޮށްލައިގެންނެވެ. ގަދަ 16ގެ ފުރަތަމަ ލެގު މެޗުން 1-0ގެ ނަތީޖާއަކުން ޕީއެސްޖީ ކުރި ހޯދި ނަމަވެސް, އަމިއްލަ ދަނޑުގައި ކުޅުނު ދެވަނަ ލެގު މެޗުގައި ރެއާލުން ވަނީ 3-1ގެ ނަތީޖާއަކުން ކާމިޔާބު ހޯދައިފައެވެ.
ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ރެއާލުން ވަނީ ރަށުން ބޭރުގައި ޗެލްސީގެ މައްޗަށް 3-1ގެ ނަތީޖާއަކުން މޮޅުވެ, ހަމަޖެހިލައިފައެވެ. އަމިއްލަ ދަނޑުގައި ކުޅުނު ދެވަނަ ލެގު މެޗުގައި ޗެލްސީ ކުރިއަށް ޖެހިލައި, ސެމީ ފައިނަލުގެ އުންމީދު އާކުރިއެވެ. އެ މެޗުގެ ފުރަތަމަ ވަގުތު ހަމަވި އިރު, އެގްރިގޭޓް ނަތީޖާއިން ދެ ޓީމު އެއްވަރުވުމުން ނަތީޖާ ނެރުނީ އިތުރު ވަގުތުގެ ދެ ހާފު ކުޅެގެންނެވެ. އިތުރު ވަގުތުގައި ފްރާންސް ފޯވަޑް ކަރިމް ބެންޒެމާ ޖެހި ލަނޑުން ރެއާލް ވަނީ އެގްރިގޭޓް ނަތީޖާ 4-5 އަށް ބަދަލުކޮށްލައި, ސެމީ ކަށަވަރުކޮށްފައެވެ.
ސެމީގައި އިނގިރޭސި ޗެމްޕިއަން, މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު ދެ ލެގު ވެސް ތަފާތެވެ. ރަށުން ބޭރުގައި ކުޅުނު ފުރަތަމަ ލެގު މެޗު ވާދަވެރި ކުޅުމަކަށްފަހު 4-3ގެ ނަތީޖާއަކުން ސިޓީ އަތުން ރެއާލް ވަނީ ބަލިވެފައެވެ. އަމިއްލަ ދަނޑުގައި ކުޅުނު ދެވަނަ ލެގު މެޗުގައި ވެސް ފުރަތަމަ ލަނޑު ޖަހައި ލީޑު ހޯދީ ސިޓީންނެވެ. ނަމަވެސް ރެއާލުން ވަނީ ފަހު ވަގުތު ނަތީޖާ ބަދަލުކޮށްލައިފައެވެ.
އެ މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ރޮޑްރީގޯ ވަނީ މެޗު ނިމެނިކޮށް, ކައިރިކައިރީގައި ދެ ލަނޑު ކާމިޔާބުކޮށް އެގްރިގޭޓް ނަތީޖާ އެއްވަރުކޮށްފައެވެ. އެ މެޗުގެ ނަތީޖާ ވެސް ނެރުނީ އިތުރު ވަގުތުގެ ދެ ހާފު ކުޅެގެންނެވެ. އިތުރު ވަގުތުގައި ރެއާލަށް ލިބުނު ޕެނަލްޓީއަކުން އެޓީމު ފައިނަލަށް ގެންގޮސްދިނީ ބެންޒެމާއެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު