ރ. މަޑުއްވަރީގައި ކުރިއަށްގެންދިޔަ އެރަށުގެ އެންމެ ފޯރިގަދަ އަދި އެންމެ ފެންވަރު ރަނގަޅު އެއް ފުޓްސަލް މުބާރާތް، ބްލޫޕްރިންޓް ހަބް ފުޓްސަލް ފިއެސްޓާ 2022ގެ ޗެމްޕިއަންކަން ސްޕާޓަންސް އިން ހޯދައިފިއެވެ.

ރ. މަޑުއްވަރީ ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ފައިނަލް މެޗުގައި ވާދަކުރީ ސްޕާޓަންސް އާއި ހަސް އެފްސީއެވެ. އެ ދެ ޓީމަކީ ވެސް މުބާރާތުގެ ފައިނަލަށް މުޅި އާ ދެ ޓީމެވެ. ސްޕާޓަންސް އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ހަސް އެފްސީގެ މައްޗަށް ފަސޭހަކަމާއެކު 10-1ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ސްޕާޓަންސްގެ އަޔާޒް އަހުމަދު (އަޔާ) އާއި ރިލްވާން ނަސީމް, ކޮންމެ ކުޅުންތެރިޔަކު ހަތަރު ގޯލު ޖެހިއެވެ. އަދި ސްޕާޓަންސްގެ އަނެއް ދެ ގޯލު ކާމިޔާބުކޮށްދިނީ ބަދީއު މުހައްމަދެވެ. އެ މެޗުގައި ހަސް އެފްސީގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ މުހައްމަދު ސާމިންއެވެ.

އެ މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ސްޕާޓަންސްގެ ތިން ކުޅުންތެރިޔަކާއި ހަސް އެފްސީގެ ދެ ކުޅުންތެރިއެކެވެ. އެ މަގާމުތަކަށް ސްޕާޓަންސް އިން ހޮވުނީ ހުސައިން ޝަަރީފް (އޮންލީ) އާއި ރިލްވާން ނައީމް އަދި އިބްރާހިމް ސުއާދެވެ. ހަސް އެފްސީން ހޮވުނީ މުހައްމަދު އައްޒާމާއި އިބްރާހިމް އަލީމެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ، "ކިންގް އޮފް ދަ ޓޯނަމަންޓް"އަށް ހޮވުނީ ހަސް އެފްސީގެ އައްޒާމެވެ. އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކަށް ސްޕާޓަންސްގެ ރިލްވާން ހޮވުނު އިރު، އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވުނީ ޕެންތާސްގެ މުހައްމަދު ޒައިދާންއެވެ.

ބްލޫޕްރިންޓް ހަބް ފުޓްސަލް މުބާރާތުގައި މިއަހަރު ޖުމުލަ ދިހަ ޓީމަކުން ވާދަކުރި އިރު، މުބާރާތުގެ މެޗުތައް ކުރިއަށްދިޔައީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕެއްގައި ހިމެނެނީ ފަސް ޓީމެވެ. މިއީ މުބާރާތް ދިހަ ޓީމާއެކު ބޭއްވި ފުރަތަމަ ފަހަރުވެސް މެއެވެ.

މިއަހަރުގެ މުބާރާތް ކުރީ އަހަރަށްވުރެ ފޯރިގަދަވުމުގެ އިތުރުން އިންތިޒާމުތައްވެސް ފުރިހަމަ ކަމަށް ބްލޫޕްރިންޓް ހަބުން މައުލޫމާތު ދެއެވެ. އެއާއެކު މުބާރާތުގެ ޗެމްޕިއަން ޓީމަށް ދޭ ފައިސާގެ އިނާމު ވެސް ވަނީ ބޮޑުކޮށްފައެވެ. މުބާރާތުގެ ޗެމްޕިއަން ސްޕާޓަންސްއަށް އިނާމެއްގެ ގޮތުގައި 30،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފައެވެ.

ބްލޫޕްރިންޓް ހަބް ފުޓްސަލް ފިއެސްޓާ 2022ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.