ރ. މަޑުއްވަރީގައި މިހާރު ކުރިއަށްދާ އެރަށުގެ އެންމެ ފޯރިގަދަ އަދި އެންމެ ފެންވަރު ރަނގަޅު އެއް ފުޓްސަލް މުބާރާތް، ބްލޫޕްރިންޓް ހަބް ފުޓްސަލް ފިއެސްޓާ 2022ގެ ގުރޫޕް ސްޓޭޖުގައި ރޭ ކުޅުނު މެޗުތައް އެފްސީ ޔުނައިޓެޑާއި، ބަދަވިއަންސް އަދި ކާޅު އެސްސީން ކާމިޔާބު ކޮށްފިއެވެ.
މަޑުއްވަރީ ފުޓްސަލް ދަނޑުގައި ކުރިއަށްދާ މުބާރާތުގައި ރޭ ކުޅެފައިވަނީ ގުރޫޕް އޭގެ ދެމެޗާއި ގުރޫޕް ބީގެ މެޗެކެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ކުޅުން ނިމުމަކާ ގާތް ވެފައިވާ އިރު، ގްރޫޕް އޭގައި ދެން ބާކީ އޮތީ އެންމެ މެޗެވެ. ރޭގެ މެޗުތަކާއެކު އެ ގްރޫޕުން އެއްވަނަ އަދި ދެވަނައިގައި ގޮތުގައި ސެމީއަށް ދާ ޓީމުތައް ވަނީ ޔަގީން ވެފައެވެ.
ގްރޫޕް އޭގެ އެއްވަނަ ޔަގީންކުރީ އެފްސީ ޔުނައިޓެޑުންނެވެ. އެއީ ހަތަރު މެޗުން 10 ޕޮއިންޓާ އެކުގައެވެ. އެ ގްރޫޕުގެ ދެވަނަ ލިބިފައި ވަނީ ހަތަރު މެޗުން ހަތް ޕޮއިންޓް ހޯދި ޕެންތާސް އެސްސީ އަށެވެ. ރޭ އެފްސީ ޔުނައިޓެޑުން ކުޅުނު މެޗުގައި އެޓީމުން ވަނީ 7-5 އިން އެފްސީ ވަން ރައުންޑް ބަލިކޮށްފައެވެ.
މެޗުގައި އެފްސީ ޔުނައިޓެޑުގެ ގޯލުތައް ޖެހީ އަލީ ހާފިޒު (ހާއްޕެ)އާއި މުހައްމަދު ފައިޝަމް އަދި އަހުމަދު އަތީފެވެ. އަތީފު މެޗުގައި ހެޓްރިކް ހެދި އިރު، ދެން ކޮންމެ ކުޅުންތެރިޔަކު ވަނީ ދެ ގޯލު ޖަހައިފައެވެ. އަނެއްކޮޅުން އެފްސީ ވަން ރައުންޑުގެ އަބްދުﷲ ރިމާހު ހެޓްރިކް ފުރިހަމަ ކުރި އިރު، މުހައްމަދު މައިލަން އިބްރާހީމާއި ހަނޫނު މޫސާ ވަނީ މެޗުގައި ގޯލު ޖަހައިފައެވެ.
ބަދަވިއަންސްއިން ރޭ ކުޅުނު މެޗުގައި ޕެންތާސް ބަލިކުރީ 9-6 ގެ ނަތީޖާއަކުންނެވެ. އެ މެޗުން ބަލިވި ނަމަވެސް ޕެންތާސްއަށް ސެމީ ޔަގީންވި އިރު، މެޗުގައި ބަދަވިއަންސްގެ ގޯލުތައް ޖެހީ އަހުމަދު ހަލީމް (އަންމަޑޭ) އާއި އަލީ ހާޒިމް އަދި ހުސައިން ނާޝިދު (ނާއްޓޯ) އާއި މުހައްމަދު އަހުލީމެވެ. މެޗުގައި އަންމަޑޭ ހަތަރު ގޯލު ޖެހި އިރު، ހާޒިމް ހެޓްރިކް ހެދިއެވެ.
ޕެންތާސްގެ މުހައްމަދު އިސާމް ހެޓްރިކް ހަދާފައިވެއެވެ. އޭގެ އިތުރުން ދެން އެޓީމުގެ ގޯލުތައް ޖަހައިދިނީ ހަސަން ތަސްލީމާއި އިބްރާހީމް ޒިހުނީއެވެ. ތަސްލީމް ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ.
ގްރޫޕް ބީގައި ރޭ ކުޅުނު މެޗުގައި ކާޅު އެސްސީން ވަނީ އެޓީމު ކުޅުނު ތިންވަނަ މެޗުން ދެ ވަނަ މޮޅު ހޯދައިފައެވެ. ކާޅު އެސްސީން ރޭ މޮޅުވީ ބީބީ ނިއު ޖެނެރޭޝަން ކައިރިން 7-3 ގެ ނަތީޖާއަކުންނެވެ. ބީބީ ނިއު ޖެނެރޭޝަނަށް ހަތަރު މެޗުންވެސް ޕޮއިންޓެއް ނުލިބި ކަޓާފައިވާ އިރު، އެ ގްރޫޕުގައި ކާޅު އެސްސީއާއި ޓީމު ވާލު އަށްވެސް ވަނީ ތިން މެޗުން ހަ ޕޮއިންޓް ލިބިފައެވެ. މިވަގުތު ގްރޫޕް އެއްވަނައިގައި އޮތީ ތިން މެޗުން ނުވަ ޕޮއިންޓް ހޯދި ސްޕާޓަންސްއެވެ. ސްޕާޓަންސްއަށް ވަނީ ސެމީ ޔަގީން ވެފައެވެ.
ރޭގެ މެޗުގައި ކާޅު އެސްސީގެ ގޯލުތައް ޖަހައިދިނީ ހުސައިން ޒަމީމާއި އަހުމަދު ސަމާލު އަދި އަހުމަދު ރައުސީން ރަމްޒީއެވެ. މެޗުގައި ޒަމީމް ފަސް ގޯލު ޖެހިއެވެ. ބީބީ ނިއު ޖެނެރޭޝަންގެ ދެ ގޯލު މުހައްމަދު ޝަހާއު ޖެހި އިރު، އަނެއް ގޯލު ޖެހީ އަހުމަދު މިގުދާދެވެ.
ބްލޫޕްރިންޓްސް ހަބް ފުޓްސަލް މުބާރާތުގައި މިއަހަރު ޖުމުލަ ދިހަ ޓީމަކުން ވާދަކުރާ އިރު، މުބާރާތުގެ މެޗުތައް ކުރިއަށްދާނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕެއްގައި ހިމެނެނީ ފަސް ޓީމެވެ. މިއީ މުބާރާތް ދިހަ ޓީމާއެކު ބާއްވާ ފުރަތަމަ ފަހަރުވެސް މެއެވެ.
މިއަހަރުގެ މުބާރާތް ކުރީ އަހަރަށްވުރެ ފޯރިގަދަވުމުގެ އިތުރުން އިންތިޒާމުތައްވެސް ފުރިހަމަވާނެ ކަމަށް ބްލޫޕްރިންޓް ހަބުން މައުލޫމާތު ދެއެވެ. އެއާއެކު މުބާރާތުގެ ޗެމްޕިއަން ޓީމަށް ދޭ ފައިސާގެ އިނާމުވެސް ވަނީ 30،000 ރުފިޔާއަށް ބޮޑުކޮށްފައެވެ.
ބްލޫޕްރިންޓް ހަބް ފުޓްސަލް ފިއެސްޓާ 2021ގެ ޗެމްޕިއަން ޓީމަކީ ޓީމް ވާލުއެވެ. މިއަހަރުގެ މެޗުތައްވެސް ބްލޫޕްރިންޓް ހަބް ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ.
މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ. މިފަހަރުގެ ފޯރިގަދަ މުބާރާތުގެ އެންމެފަހުގެ މައުލޫމާތުވެސް "ވަން" އިން ގެނެސްދެވޭނެއެވެ.
20:30 ސްޕާޓަންސް - ހަސް އެފްސީ (ގްރޫޕް ބީ)
21:30 ނޮދާންސް - ބަދަވިއަންސް (ގްރޫޕް އޭ)
22:30 ޓީމު ވާލު - ކާޅު އެސްސީ (ގްރޫބް ބީ)
ބްލޫޕްރިންޓް ހަބް ފުޓްސަލް ފިއެސްޓާ
ބްލޫޕްރިންޓް ހަބް ފުޓްސަލް ފިއެސްޓާ
ބްލޫޕްރިންޓް ހަބް ފުޓްސަލް ފިއެސްޓާ
ބްލޫޕްރިންޓް ހަބް ފުޓްސަލް ފިއެސްޓާ