ރ. މަޑުއްވަރީގައި މިހާރު ކުރިއަށްދާ އެރަށުގެ އެންމެ ފޯރިގަދަ އަދި އެންމެ ފެންވަރު ރަނގަޅު އެއް ފުޓްސަލް މުބާރާތް، ބްލޫޕްރިންޓް ހަބް ފުޓްސަލް ފިއެސްޓާ 2022ގެ ފޯރިގަދަ ގްރޫޕް ސްޓޭޖު މެޗުތައް ނިމި، ސެމީ ފައިނަލް މެޗުތައް ޔަގީން ވެއްޖެއެވެ.

މަޑުއްވަރީ ފުޓްސަލް ދަނޑުގައި ކުރިއަށްދާ މުބާރާތުގައި ރޭ ކުޅެފައިވަނީ ގުރޫޕް ސްޓޭޖުގެ ފަހު ތިން މެޗެވެ. އެއީ ގްރޫޕް ބީގެ ދެމެޗާއި، ގްރޫޕް އޭގެ މެޗެކެވެ. ރޭގެ މެޗުތަކަށްފަހު ސެމީ ފައިނަލް ޔަގީންވެފައިވާ ޓީމުތަކަކީ، ގްރޫޕުގެ އެއްވަނަ ހޯދައިގެން ސެމީއަށް ދިޔަ އެފްސީ ޔުނައިޓެޑާއި، އެ ގްރޫޕުގެ ދެވަނަ ޓީމު ޕެންތާސް އެސްސީ އަދި ގްރޫޕް ބީގެ އެއްވަނަ ޓީމު ސްޕާޓަންސް އެސްސީއާއި ހަސް އެފްސީއެވެ.

ރޭ ކުޅުނު ފުރަތަމަ މެޗުގައި ހަސް އެފްސީން ސްޕާޓަންސް ބަލިކުރީ 4-3 ގެ ނަތީޖާއަކުންނެވެ. ހަސް އެފްސީގެ މުހައްމަދު އައްޒާމް މެޗުގައި ހެޓްރިކް ހެދި އިރު، އަހުމަދު ވިޝާމް ވަނީ ހަސް އެފްސީއަށް ގޯލު ޖަހައިދީފައެވެ. ސްޕާޓަންސްގެ ގޯލުތައް ޖެހީ އަހުމަދު ސަނާހާއި، ބަދީއު މުހައްމަދު އަދި ރިލުވާން ނައީމެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ އައްޒާމެވެ.

ރޭ ކުޅުނު ގްރޫޕް ބީގެ އަނެއް މެޗުގައި 7-1 އިން ކާޅު އެސްސީ ބަލިކޮށް، އެންމެފަހުގެ ޗެމްޕިއަން ޓީމް ވާލު ވަނީ މޮޅަކާއެކު ގްރޫޕް ސްޓޭޖު ނިންމައިލައިފައެވެ. މެޗުގައި ޓީމް ވާލުގެ ގޯލުތައް ޖަހައިދިނީ މުހައްމަދު އިރުޝާމް، ހުސައިން ޝަރީފް، އިސްމާއީލް ޝަރީފްގެ އިތުރުން ހުސައިން އިރުފާހް އަދި އަހުމަދު ނާހީއެވެ. އޭގެ ތެރެއިން ނާހީ އާއި ހުސައިން ޝަރީފް ވަނީ މެޗުގައި ދެ ގޯލު ޖަހައިފިއެވެ.

ކާޅު އެސްސީން ގޯލު ޖެހީ ހުސައިން ޒަމީމެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ޓީމް ވާލުގެ ނާހީ އެވެ.

ރޭ ގްރޫޕް އޭގައި ކުޅުނީ ނޮދާންސްއާއި ބަދަވިއަންސް ވާދަކުރި މެޗެވެ. އެ މެޗު 5-4 އިން ކާމިޔާބުކުރީ ބަދަވިއަންސްއެވެ. ނޮދާންސްގެ ގޯލު ޖަހައިދިނީ މާއިސް މުހައްމަދާއި، އިސްމާއީލް ރަފްހާން އަދި މުހައްމަދު ރުދައިންއެވެ. ރަފްހާން ވަނީ ދެ ގޯލު ޖަހައިދީފައެވެ. އަނެއް ކޮޅުން ބަދަވިއަންސްގެ އަލީ ހާޒިމް މެޗުގައި ހަތަރު ގޯލު ޖެހި އިރު، އަބްދުﷲ ފަލީހް ވަނީ މެޗުގައި ގޯލެއް ޖަހައިފައެވެ.

ބްލޫޕްރިންޓްސް ހަބް ފުޓްސަލް މުބާރާތުގައި މިއަހަރު ޖުމުލަ ދިހަ ޓީމަކުން ވާދަކުރާ އިރު، މުބާރާތުގެ މެޗުތައް ކުރިއަށްދާނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕެއްގައި ހިމެނެނީ ފަސް ޓީމެވެ. މިއީ މުބާރާތް ދިހަ ޓީމާއެކު ބާއްވާ ފުރަތަމަ ފަހަރުވެސް މެއެވެ.

މިއަހަރުގެ މުބާރާތް ކުރީ އަހަރަށްވުރެ ފޯރިގަދަވުމުގެ އިތުރުން އިންތިޒާމުތައްވެސް ފުރިހަމަވާނެ ކަމަށް ބްލޫޕްރިންޓް ހަބުން މައުލޫމާތު ދެއެވެ. އެއާއެކު މުބާރާތުގެ ޗެމްޕިއަން ޓީމަށް ދޭ ފައިސާގެ އިނާމުވެސް ވަނީ 30،000 ރުފިޔާއަށް ބޮޑުކޮށްފައެވެ.

ބްލޫޕްރިންޓް ހަބް ފުޓްސަލް ފިއެސްޓާ 2021ގެ ޗެމްޕިއަން ޓީމަކީ ޓީމް ވާލުއެވެ. މިއަހަރުގެ މެޗުތައްވެސް ބްލޫޕްރިންޓް ހަބް ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ.

މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ. މިފަހަރުގެ ފޯރިގަދަ މުބާރާތުގެ އެންމެފަހުގެ މައުލޫމާތުވެސް "ވަން" އިން ގެނެސްދެވޭނެއެވެ.

އެފްސީ ޔުނައިޓެޑް - ހަސް އެފްސީ (20:30)

ސްޕާޓަންސް - ޕެންތާސް އެސްސީ (21:30)