ރ. މަޑުއްވަރީގައި މިހާރު ކުރިއަށްދާ އެރަށުގެ އެންމެ ފޯރިގަދަ އަދި އެންމެ ފެންވަރު ރަނގަޅު އެއް ފުޓްސަލް މުބާރާތް، ބްލޫޕްރިންޓް ހަބް ފުޓްސަލް ފިއެސްޓާ 2022ގެ ފައިނަލްގެ ޖާގައެއް ހަސް އެފްސީ އާއި ސްޕާޓަންސްއިން ހޯދައިފިއެވެ.
ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ ހަސް އެފްސީން ޔަގީންކުރީ މުބާރާތުގައި ރަނގަޅު ފޯމެއް ދައްކަމުން ދިޔަ އެފްސީ ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދައިގެންނެވެ. ހަސް އެފްސީން މެޗު ކާމިޔާބުކުރީ ޕެނަލްޓީ ޖަހައިގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 5-5 ގެ ނަތީޖައަކުން އެއްވަރު ވެފައި އޮތުމުން ޖެހި ޕެނަލްޓީގައި ހަސް އެފްސީން ވަނީ މެޗު ކާމިޔާބުކޮށްފައެވެ.
ރޭގެ މެޗުގެ ފުރަތަމަ ގޯލު ހަސް އެފްސީގެ މުހައްމަދު އައްޒާމެވެ. އެ ގޯލާއެކު ހަސް އެފްސީން ލީޑު ނެގި ނަމަވެސް އެފްސީ ޔުނައިޓެޑުން ވަނީ ހަސަން ރިޒާން (ދާންޓޭ) އެވެ. ދެންވެސް ފުރަތަމަ ހާފުގައި ފެނިގެން ދިޔައީ އެ ދެ ކުޅުންތެރިންގެ ގޯލުތަކެވެ. ހާފު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި އެފްސީ ޔުނައިޓެޑަށް ދެވަނަ ހާފުގައި ލީޑު ނަގައިދިނީ ޝައްމޫން އިލިޔާސް (ސައްޕެ) އެވެ. އަދި އޭގެ ފަހުން އަލީ ހާފިޒް (ހާއްޕެ) ޖެހި ގޯލާއެކު އެފްސީ ޔުނައިޓެޑުގެ ލީޑު އިތުރަށް ފުޅާވެސް ކޮށްދިނެވެ.
ދެ ގޯލާއެކު އެފްސީ ޔުނައިޓެޑުން ހަމަޖެހިލި ނަމަވެސް ހަސް އެފްސީން ހިތްވަރާއެކު ނަތީޖާ ހަމަހަމަ ކުރަން މަސައްކަތް ކުރިއެވެ. އެޓީމުގެ ގޯލު އިބްރާހީމް އަލީމް ޖެހި އިރު، ދެންވެސް ފެނުނީ އެފްސީ ޔުނައިޓެޑްގެ ހާއްޕެ ޖެހި ގޯލަކާއެކު އެފްސީ ޔުނައިޓެޑުން ފައިނަލް ޔަގީންކުރުމާ ގާތަށް ޖެހިލިތަނެވެ.
އެހެން ނަމަވެސް އަލީމާއި އައްޒާމްގެ އިތުރު ގޯލަތަކާއެކު ހަސް އެފްސީން އަނެއްކާވެސް ނަތީޖާ ހަމަހަމަ ކުރިއެވެ. ޕެނަލްޓީގައި ހަސް އެފްސީން މެޗު ކާމިޔާބުކުރީ 13-12 ގެ ނަތީޖާއަކުންނެވެ.
ރޭ ކުޅުނު ސެމީ ފައިނަލް ދެވަނަ މެޗުގައި ސްޕާޓަންސްއިން ޕެންތާސް ބަލިކުރީ 6-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ސްޕާޓަންސްގެ ގޯލުތައް އަޔާޒު އަހުމަދު (އަޔާ) އާއި ރިލުވާން ނައީމާއި އަހުމަދު ސަނާހެވެ. މެޗުގައި އަޔާ ދެ ގޯލު ޖެހި އިރު، ރިލުވާން ހެޓްރިކް ހެދިއެވެ.
ޕެންތާސްގެ ހަމައެކަނި ގޯލަކީ ސްޕާޓަންސްގެ ހުސައިން ޝަރީފް (އޮންލީ) އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
ބްލޫޕްރިންޓް ހަބް ފުޓްސަލް ފިއެސްޓާގެ ފައިނަލް މެޗު އޮންނާނީ މާދަމާ ރޭގެ 9:00 ގައެވެ.
މިފަހަރު ފައިނަލްގައި ވާދަކުރާ ދެޓީމަކީ މުބާރާތުގެ ފައިނަލްގައި މުޅިން އަލަށް ވާދަކުރާ ދެޓީމެވެ.
ބްލޫޕްރިންޓްސް ހަބް ފުޓްސަލް މުބާރާތުގައި މިއަހަރު ޖުމުލަ ދިހަ ޓީމަކުން ވާދަކުރާ އިރު، މުބާރާތުގެ މެޗުތައް ކުރިއަށްދާނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕެއްގައި ހިމެނެނީ ފަސް ޓީމެވެ. މިއީ މުބާރާތް ދިހަ ޓީމާއެކު ބާއްވާ ފުރަތަމަ ފަހަރުވެސް މެއެވެ.
މިއަހަރުގެ މުބާރާތް ކުރީ އަހަރަށްވުރެ ފޯރިގަދަވުމުގެ އިތުރުން އިންތިޒާމުތައްވެސް ފުރިހަމަވާނެ ކަމަށް ބްލޫޕްރިންޓް ހަބުން މައުލޫމާތު ދެއެވެ. އެއާއެކު މުބާރާތުގެ ޗެމްޕިއަން ޓީމަށް ދޭ ފައިސާގެ އިނާމުވެސް ވަނީ 30،000 ރުފިޔާއަށް ބޮޑުކޮށްފައެވެ.
ބްލޫޕްރިންޓް ހަބް ފުޓްސަލް ފިއެސްޓާ 2021ގެ ޗެމްޕިއަން ޓީމަކީ ޓީމް ވާލުއެވެ. މިއަހަރުގެ މެޗުތައްވެސް ބްލޫޕްރިންޓް ހަބް ފޭސްބުކް ޕޭޖުން ލައިވް ކުރެއެވެ.
މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ. މިފަހަރުގެ ފޯރިގަދަ މުބާރާތުގެ އެންމެފަހުގެ މައުލޫމާތުވެސް "ވަން" އިން ގެނެސްދެވޭނެއެވެ.
ބްލޫޕްރިންޓް ހަބް ފުޓްސަލް ފިއެސްޓާ
ބްލޫޕްރިންޓް ހަބް ފުޓްސަލް ފިއެސްޓާ
ބްލޫޕްރިންޓް ހަބް ފުޓްސަލް ފިއެސްޓާ
ބްލޫޕްރިންޓް ހަބް ފުޓްސަލް ފިއެސްޓާ