ގަތަރު ވޯލްޑް ކަޕް 2022

ގަތަރު ވޯލްޑްކަޕް 2022: ގަތަރުގެ ގައުމީ ޓީމުގައި ބޭރު ގައުމުތަކަށް އުފަން ކުޅުންތެރިން ގިނައީ ކީއްވެ؟

އިމާދު ލަތީފު

1

މިއަހަރުގެ ވޯލްޑްކަޕުން ފެނިގެންދާނޭ 32 ގައުމުގެ ތެރެއިން އެންމެ ކުޑަ އަދި އެންމެ ބައިމަދު ގައުމަކީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ގަތަރެވެ. ގަތަރުގެ ސިޓިޒަންޝިޕް ލިބިފައިވާ އެގައުމުގެ ރައްޔިތުންގެ އަދަދަކީ ތިންލައްކަ ތޭރަހާހެވެ. އެއީ ދިވެހިރާއްޖޭގައި ދިވެހީންގެ އާބާދީއަށްވުރެވެސް މަދު އަދަދެކެވެ. އެހެންނަމަވެސް ގަތަރުގައި ދިރިއުޅޭ މީހުންގެ އަދަދު 2.6 މިލިޔަނަށް އަރައެވެ. އޭގެތެރެއިން 2.3 މިލިޔަން މީހުންނަކީ ބިދޭސީންނެވެ. މިފަހަރުގެ ވޯލްޑްކަޕުގައި ކުޅޭ ގަތަރުގެ ޓީމުން ފެންނާނީ ގަތަރުގެ ސިޓިޒަންޝިޕް ލިބިފައިވާ ގަތަރުގެ ރައްޔިތުންނެވެ. އެހެންނަމަވެސް ގަތަރުގެ ގައުމީ ފުޓްބޯޅަ ޓީމުގައި ހަތަރު ކަށިމަތި ގަތަރު މީހުން ވަރަށްވެސް މަދެވެ. ބޭރު ގައުމުތަކަށް އުފަން ކުޅުންތެރިން ވަރަށްވެސް ގިނައެވެ.

ގަތަރުގެ ގައުމީ ފުޓްބޯޅަ ޓީމު އެކުލެވިގެންވާ ގޮތުގެ މިސާލެއް ދައްކާނަމަ މީގެ ފަސް އަހަރު ކުރިން 2017 ވަނަ އަހަރަށް ޖެހިލާނަމެވެ. އެއަހަރު ގަތަރުގެ ގައުމީ ޓީމުގައި ހިމެނުނު ކުޅުންތެރިންގެ ތެރޭގައި އެއީ ގަތަރު މީހުންނޭ ބުނެވޭވަރުގެ ތިބީ އެންމެ ހަތަރު ކުޅުންތެރިންނެވެ. ބާކީތިބީ މުޅިންވެސް ބޭރު ގައުމުތަކަށް އުފަން މީހުންނެވެ. ގިނައިން އެފްރިކާގެ މީހުންނެވެ. އޭޝިއާގެ ގައުމުތަކުގެ ފުޓްބޯޅަ މުބާރާތް ނުވަތަ އޭޝިއާ ކަޕްގެ ފައިނަލްގައި 2019 ވަނަ އަހަރު ތިނެއް އެކަކުން ޖަޕާން ބަލިކޮށް ގަތަރުން މުޅިން އަލަށް ތަށި އުފުލައިލިއިރުވެސް ގަތަރު އޮތީ ހަމަ މި ބައްޓަމަށެވެ. ޓީމުގެ ތަރިޔަކީ އުރުގުއޭއަށް އުފަން ސެބާސްޓިއަން ސޯރިއާއެވެ. ބްރެޒިލް އާއި ޕޯޗުގަލް އާއި ފްރާންސަށް އުފަން ކުޅުންތެރިންވެސް ތިއްބެވެ.

މުޅިން އަލަށް މިފަހަރުގެ ވޯލްޑްކަޕުގައި ގަތަރުން ކުޅޭއިރު އެޓީމަކީ ފައިސާ ދީފައި ބޭރުން މީހުން ގެނެސްގެން ކުޅޭ ބައިނަލްއަގުވާމީ ޓީމެކޭ ބައެއް މީހުން ބުނެފާނެއެވެ. އަޅުގަނޑު އެހެނެއް ނުބުނާނަމެވެ. އަޅުގަނޑު ބުނާނީ ގަތަރުގެ ޓީމުގައި ހިމެނެނީ ގަތަރުގެ ސިޓިޒަންޝިޕް ލިބިފައިވާ އަދި ގަތަރުގެ ޕާސްޕޯޓް ގެންގުޅޭ ކުޅުންތެރިން ކަމުގައެވެ. މީހަކު ވަކި ތަނަކަށް އުފަންވިޔަސް އެހެން ގައުމެއްގެ ސިޓިޒަންޝިޕް ނަގައިގެން އޭނާގެ ޚިދުމަތް އެގައުމަކަށް ދިނުމަކީ އައު ކަމެއް ނޫނެވެ. ޖާމަނީއާއި ސްޕޭނާއި ފްރާންސާއި އިޓަލީއާއި ޕޯޗުގަލް އާއި އިންގްލެންޑް ފަދަ ޓީމުތަކަށްވެސް އެހެން ތަންތަނަށް އުފަން މީހުން ކުޅެފައިވެއެވެ. މިހާރުވެސް ކުޅެމުންދެއެވެ. އެއީ އައުކަމެއް ނޫނެވެ. އިންގްލެންޑުގެ ޓީމުން މިފަހަރު ފެންނާނެ އެއްތަރިޔަކީ ރަހީމް ސްޓާލިން ކަމަށްވާއިރު އޭނާއަކީ ޖެމޭކާއަށް އުފަން ކުޅުންތެރިއެކެވެ.

ގަތަރުގައި ފައިސާ އެބަހުއްޓެވެ. މަދަކު ބައިވަރެއް ނޫނެވެ. ގަތަރުގައި ދިރިއުޅުމުގެ ފެންވަރު މައްޗެވެ. އެހެންވީމާ ފައިސާއިން ކުރެވެންހުރި ކަންކަން ކުރާނެތާއެވެ. ގަތަރުގެ ގައުމީ ޓީމުގެ މިހާރުގެ ކޯޗަކީ ސްޕޭނުގެ އުމުރުން 46 އަހަރުވީ ފެލިކްސް ސަންޗޭޒްއެވެ. އޭނާއަކީ ކުރިން ބާސެލޯނާގެ ޔޫތު ޓީމުގެ ކޯޗެވެ. މިފަހަރުގެ ވޯލްޑްކަޕަށް ސަންޗޭޒް އެކުލަވާލާފައިވާ ޓީމަކީ ކުރިންވެސް ދެންނެވި ގޮތަށް ވަރަށް ބޮޑަށް ބައިނަލްއަގުވާމީ ކުލަ ޖެހިފައިވާ ޓީމެކެވެ. ވޯލްޑްކަޕްގައި މިފަހަރު ކުޅޭ ބައްތިރީސް ޓީމުގެ ތެރެއިން އެކުލަ އެންމެ ބޮޑަށް ޖެހިފައިވާ ޓީމެވެ. ފެލިކްސް ސަންޗޭޒްގެ އަމާޒަކީ ވޯލްޑްކަޕް ކާމިޔާބުކުރުމެއް ނޫނެވެ. އޭނާގެ އެންމެ ބޮޑު އަމާޒަކީ ދެވަނަ ބުރަށް ގަތަރު ކޮލިފައިކޮށްދިނުމެވެ. އެކަން ކުރެވުމަކީ ވޯލްޑްކަޕް ލިބުންފަދަ ކަމެކެވެ.

ވޯލްޑްކަޕްގެ ދެވަނަ ބުރަށް ގަތަރު ކޮލިފައިވާނީ އެންމެ ފުރަތަމަ ގްރޫޕް ފިޔަވައި ކަޑައްތު ކުރެވިގެންނެވެ. ގަތަރު ހިމެނެނީ ގްރޫޕް އޭގައެވެ. ގަތަރުގެ އިތުރުން މި ގްރޫޕްގައި ހިމެނެނީ އިކުއެޑޯރާއި ސެނެގޯލާއި ހޮލެންޑެވެ. މާކަ ފަސޭހަ ގްރޫޕެއް ނޫނެވެ. މިތަނުން ހޮލެންޑަކީ ވޯލްޑްކަޕްގެ ފައިނަލްގައި ތިންފަހަރު ކުޅެފައިވާ ޔޫރަޕުގެ ބޮޑު ބާރެކެވެ. ސެނެގޯލަކީ އެފްރިކާ ބައްރުގެ އެންމެ ފަހުގެ ޗެމްޕިއަނެވެ. ސާޑިއޯ މާނޭ ހިމެނޭ ޓީމެވެ. އިކުއެޑޯރަކީ ދެކުނު އެމެރިކާއަށް ނިސްބަތްވާ ގައުމެކެވެ. ދެކުނު އެމެރިކާ ބައްރުގެ ވޯލްޑްކަޕް ކޮލިފައިން ބުރު ނިމުނުއިރު އިކުއެޑޯރ މިފަހަރު ލައްވައިލީ އުރުގުއޭގެ ފަހަތުން ހަތަރުވަނައިގައެވެ. މިފަހަރުގެ ވޯލްޑްކަޕުގެ ފުރަތަމަ މެޗުގައި ނޮވެމްބަރު އެކާވީސް ވަނަ ދުވަހު ބައްދަލު ކުރާނީ ގަތަރާއި އިކުއެޑޯރއެވެ.

ގަތަރަށް ގްރޫޕް ފިޔަވަހި ކަޑައްތު ކުރެވޭނީ މަދުވެގެން ދެމެޗަކުން މޮޅުވެގެންނެވެ. މިކަން ކުރުމަށް ނުކުންނައިރު ފޯވާޑް ލައިނުގައި ގަތަރުގެ ތަރިޔަކީ މުހައްމަދު މުންތާރީއެވެ. ގަތަރުގެ އުއްމީދުތަކުގެ ބަރުދަން މައިގަނޑު ގޮތެއްގައި އެޅިފައިވަނީ އުމުރުން 28 އަހަރުވީ މުންތާރީގެ ކޮނޑުގައެވެ. މިހާރު ގަތަރުގެ ރައްޔިތަކަށް ވިޔަސް މީނާ އުފަން ވެފައިވަނީ އެފްރިކާގެ ގައުމެއް ކަމަށްވާ ގާނާގައެވެ. އުމުރުން އެންމެ 18 އަހަރުގައި އޭނާ ގަތަރަށް ދިޔައީ އެތާގެ އަލް ޖައިޝް ކުލަބަށް ކުޅުމަށެވެ. އޭނާއަށް ގަތަރުގެ ސިޓިޒަންޝިޕް ދިނުމަށްފަހު ގައުމީ ޓީމަށް ކުޅުވަން ފެށީ 2014 ވަނަ އަހަރުން ފެށިގެންނެވެ. ގަތަރުގެ ގައުމީ ޓީމަށް މިހާތަނަށް 43 މެޗު ކުޅެދީ 12 ގޯލް ޖަހާފައިވެއެވެ. މުންތާރީ އޭނާގެ އިޚުތިޔާރީ ގައުމަށް ކުޅޭއިރު އޭނާ އެގައުމަކަށް އުފަންވި ގާނާވެސް މިފަހަރުގެ ވޯލްޑްކަޕުގައި ކުޅޭނެއެވެ.