Close
ޚަބަރު

ޔޫއޭއީގެ ރައީސް އަވަހާރަވުމުގެ ހިތާމައިގައި ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސް ނިންމަވައިފި

މުހައްމަދު އިޝާން

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ރައީސް ޝައިޚް ހަލީފާ ބިން ޒައިދު އަލް ނަހްޔާން އަވަހާރަވުމުން އެކަމުގެ ހިތާމައިގައި ތިން ދުވަސް ވަންދެން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

ރައީސް އޮފީހުން ޝައިޚް ހަލީފާ އަވަހާރަވުމުގެ ހިތާމައިގައި، ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ނިންމަވާފައިވަނީ މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

ޔޫއޭއީގެ ރައީސް އަވަހާރަވީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 73 އަހަރެވެ.

ޔޫއޭއީގެ ގާނޫނު ބުނާގޮތުން ހަތް އެމިރޭޓްސްގެ ވެރިން ހިމެނޭ ފެޑެރަލް ކައުންސިލުން ބައްދަލުކޮށް, ރައީސަކު އިންތިހާބުކުރަންދެން ވަގުތީ ރައީސެއްގެ ގޮތުގައި ހުންނަވާނީ ނައިބު ރައީސް އަދި ދުބާއީގެ ވެރިޔާ ޝެއިހް މުހައްމަދު ބިން ރާޝިދް އަލް މަހްތޫމެވެ. އާ ރައީސަކު އިންތިހާބުކުރުމަށް ފެޑެރަލް ކައުންސިލުގެ ބައްދަލުވުން 30 ދުވަހުގެ ތެރޭގައި ބާއްވަން ޖެހެއެވެ.

ޝައިހް ހަލީފާގެ ކޮއްކޯފުޅު, ޝެއިހް މުހައްމަދު ބިން ރާޝިދް އަލް މަހްތޫމް ވަނީ މީގެ ކުރިން 2014 ގައި ޝެއިހް ހަލީފާއަށް ސްޓްރޯކެއް ޖެހިވަޑައިގެންނެވުމުން ވެސް ވަގުތީގޮތުން ރައީސްގެ މަސްއޫލިއްޔަތުތައް އަދާކުރައްވައިފައެވެ.

ޝައިހް ހަލީފާ ރައީސްކަމަށް ވަޑައިގެންނެވީ ކުރީގެ ރައީސް އަދި ބައްޕާފުޅު އާލާސްކަންފުޅާ އުޅުއްވުމަށްފަހު އަވަހާރަވުމުންނެވެ. ޝައިހް ހަލީފާ ވަނީ 2004 ވަނަ އަހަރުން ފެށިގެން ޔޫއޭއީގެ ރައީސްކަމުގެ މަގާމު އަދާކުރައްވައިފައެވެ.