މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ވިލިމާލެ ދާއިރާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި ވާދަކުރާ އާމިނަތު ޝީޒާގެ ކެމްޕޭން ނިންމާލައިފިއެވެ.
ޝީޒާގެ ކެމްޕޭން ނިންމާލާފައިވަނީ ވިލިމާލޭގައި ހުންނަ ޝީޒާގެ ކެމްޕެއިން ޖަގަހައިގައި މިއަދު ހަވީރު ބޭއްވި "ޝީޒާގެ ހަވީރު ސައި" އާއެކުއެވެ. އެ އިވެންޓުގައި އެމްއެންޕީގެ ލީޑާޝިޕްގެ ބޭފުޅުންނާއި ޝީޒާގެ ކެމްޕޭން ޓީމު އަދި ޝީޒާއަށް ތާއިދުކުރާ ވިލިމާލޭގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ.
އެމްއެންޕީން މިއަދު ބުނީ ޝީޒާގެ ކެމްޕެއިންގެ ތެރެއިން ވިލިމާލޭގެ ހުރިހާ ގެއަކަށް ޒިޔާރަތްކޮށްފައިވާ ކަމަށާއި މާލެ އަދި ހުޅުމާލޭގައި ދިރިއުޅޭ ވިލިމާލެއަށް ނިސްބަތްވާ ހުރިހާ ރައްޔިތުންނާ ކަހަލަ ގޮތަކަށް ޝީޒާގެ ކެމްޕޭން ޓީމުން ބައްދަލުކޮށްފައިވާ ކަމަށެވެ.
ކެމްޕޭނުގައި ކުރެވުނު މަސައްކަތްތަކުން ޝީޒާ، އިންތިހާބު ކާމިޔާބުކުރާނެކަމުގެ ޔަގީންކަން ވަރަށް ބޮޑު ކަމަށް ކެމްޕޭންގައި އިސްކޮށް ހަރަކާތްތެރިވި ފަރާތްތަކުން ފާހަގަކުރި ކަމަށެވެ. އަދި ޝީޒާއާއި ކެމްޕޭން ޓީމުން ކުރީ ނަމޫނާ ކެމްޕޭނެއް ކަމަށް އެމްއެންޕީން ފާހަގަކުރިއެވެ.
އެމްއެންޕީން ބުނީ، އެ ޕާޓީގެ އުންމީދަކީ ރައްޔިތުންގެ މަޖިލީހުގައި ވެސް އެމްއެންޕީން ތަމްސީލުކުރާ ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑިވެސް އެޕާޓީން ކާމިޔާބުކުރުން ކަމަށާއި އަދި ވިލިމާލެ ބާކީ ކުރެވިފައި އޮތްއޮތުން ނިމުމަކަށް ގެނެސް، އެހެން އަވަށްތަކެކޭ އެއް ހަމައެއްގައި ވިލިމާލޭގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ސަރުކާރަށް ބާރުއެޅުން ކަމަށެވެ.
މާދަމާ ހެނދުނު ވޯޓުލާން ފަށާ އެ އިންތިހާބުގައި އެމްއެންޕީގެ ކެންޑިޑޭޓް ޝީޒާގެ އިތުރުން ވާދަކުރަނީ ޕީޕީއެމްގެ ކެންޑިޑޭޓެކެވެ. އެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އެމްޑީޕީއަށް ވަނީ ގެއްލިފައެވެ.
ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުކަމުގެ ގޮނޑި ހުސްވެފައިވަނީި ކުރިން އެމަގާމުގައި ހުންނެވި އާމިނަތު އީމާން ނިޔާވުމުގެ ސަބަބުންނެވެ. އީމާން ނިޔާވެފައިވަނީ މިދިޔަ ފެބްރުއަރީ މަހު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުންދަނިކޮށް އޭޑީކޭ ހޮސްޕިޓަލުގައެވެ.