ށ. މިލަންދޫގައި ކުޑަ ފިރިހެން ކުދިންތަކެއް އެ އުމުރުގެ އެހެން ކުއްޖަކު އެރަށުގެ ވަލުތެރެއަށް ވައްދައި އަނިޔާ ކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.

މިއަދު އާންމުވި އެ ވީޑިއޯއިން ފެންނަނީ ގިނަ އަދަދެއްގެ ކުދިންތަކެއް އެ ފިރިހެން ކުއްޖާ މިލަންދޫ ފުޓުބޯޅަ ދަނޑާ ދިމާލުގައި އޮންނަ ވަލަށް ވައްދައި އަނިޔާކުރާ މަންޒަރެވެ. އަދި އެ ކުއްޖާ ބިންމައްޗަށް ވައްޓާލައި އަނިޔާކުރާ އިރު، އެ ކުއްޖާގެ ރުއިމުގެ އަޑު އިވެއެވެ.

އެ ވީޑިއޯގެ މައްސަލަ، މިހާރު ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ވަނީ ތަހުގީގުކުރަން ފަށައިފައެވެ.

އެކަމާ ގުޅޭގޮތުން ޖެންޑާ އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ އުތުރުގެ ރަށެއްގައި ކުޑަކުއްޖަކަށް ގަނާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ދައުރުވަމުންދާކަމުގެ މައިލޫމާތު ލިބިގެން އެޑިއުކޭޝަން މިނިސްޓްރީ އާއި ރަށުގެ ކައުންސިލް އަދި ރަށުގެ އިޖުތިމާއީ ބަދަހި މަދަދުވެރިން (އިބަމަ) މެމްބަރުންނާއެކު މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

ދައުރުވަމުންދާ އެ ވީޑިއޯއަކީ ކުއްޖާއަށް ފަހުން ވެސް ނަފްސާނީ އަސަރުކުރާނެ ވީޑިއޯ އަކަށްވެފައި އަދި ކުއްޖާގެ ކަރާމާތަށް ގެއްލުންވާ ވީޑިއޯއަކަށް ވުމުން މީސްމީޑިއާ އަދި އެހެނިހެން މަންސަތަކުގައި އެ ވީޑިއޯ އާންމު ނުކުރަމަށް އިލްތިމާސްކުރާ ކަމަށް ޖެންޑާ އިން ބުންޏެވެ.

އެނގިފައިވާ ގޮތުގައި އެ ހާދިސާ ހިނގާފައިވަނީ އެކުދިންގެ މެދުގައި ޖެހުނު މައްސަލައެއްގެ ސަބަބުންނެވެ.