(6 މެއިގެ އަދަދާ ގުޅޭ)

ސައްޔިދު އަބުލް އަޢުލާ މައުދޫދީގެ އަރިހުގައި ޙިކުމަތްތެރި ކަމަކީ ޣައިރު މުސްލިމުންގެ ހިތްތަކުގައި އިސްލާމްދީނާ މެދު އޮންނަ ތަޢައްޞުބާ މެދު ފަރުވާތެރިވެ ހުރުމެވެ. ހަމައެއާއެކު މީސްތަކުންގެ ވިސްނުމުގެ ފެންވަރާއި އެބައިމީހުންގެ ޙާލަތާމެދު ހޭލައި ސަމާލުވެ ހުރުމެވެ. އެހެން ޢިބާރާތަކުން ދަންނަވާނަމަ ބަޔަކަށް އިސްލާމްދީނަށްދޭ ދަޢުވަތުގެ ކާމިޔާބީ ބިނާވެފައިވަނީ ދީނަށް ގޮވައިލާ މީހާއަށް އޭނާ ގޮވައިލާމީހުން ދަސްކުރެވުނު މިންވަރެއްގެ މައްޗަށެވެ. އެބައެއްގެ ތަމައްދުނާއި، އެބައެއްގެ ނަޒަރިއްޔާތަކާއި، މައްސަލަތަކާއި އެބައެއްގެ އުންމީދުތަކާއި ބޭނުންތައް ދާޢީއަށް އެނގިހުރި ނިސްބަތެއްގެ މައްޗަށެވެ. ކޮންމެ ދެބައެއްގެ މެދުގައި ތަމައްދުނުގެ ތަފާތުތަކެއް ހުންނާނެކަން ހަނދާންބެހެއްޓުމާއި، އެކިއެކި ތަހްޒީބުތަކާމެދު މީހުން ވިސްނާގޮތް ދާޢީއަށް އެނގިހުރުން ވަރަށް މުހިންމެވެ.

ސައްޔިދު އަބުލް އަޢުލާ މައުދޫދީ ރަނގަޅު ނަސޭހަތުގެ މުރާދެއް ކަމުގައި ބައްލަވަނީ ހަމައެކަނި ޢަޤްލީ ދަލީލުތަކުން މީހުންލައްވައި ކަންތައް ޤަބޫލުކުރުވަން މަސައްކަތް ނުކުރުމެވެ. އިންސާނުންގެ ލަޠީފު ޖަޒުބާތުތަކަށް ވެސް ރިޢާޔަތް ކުރުމެވެ. ހަމައެކަނި މީސްތަކުންގެ ޢަޤީދާގައި ހުންނަ އުނިކަން ބަޔާންކޮށްދިނުމުގެ ބަދަލުގައި އެފަދަ ޢަޤީދާތައް އިޝްތިހާރު ކުރުމާއި އެފަދަ ޢަޤީދާތަކާ އެއްގޮތަށް ޢަމަލުކުރުމުގައި ހުރި ގެއްލުންވެސް ވިސްނައިދިނުމެވެ. ދީނަށް ގޮވައިލާ މީހުންގެ ކަމަކަށް ވާންޖެހޭނީ މީސްތަކުންނަށް އެބައިމީހުންނަށް ހެދޭ ގޯސްތައް ވިސްނައިދިނުމާއެކު އެބައިމީހުންގެ ކުރިމަތީގައި ހުރި މައްސަލަތަކުގެ މުނާސަބު ޙައްލުވެސް ބުނެދިނުމެވެ. މީގެ އިތުރަށް ބޭނުމެއްނެތް ކަހަލަ ދަލީލުތައް ދެއްކުމަކީވެސް ދާޢީން ދުރުހެލިވާން ޖެހޭ ކަމެކެވެ. ދާޢީންގެ ވާހަކަތައް ހުންނަންވާނީ ހަރުދަނާކޮށެވެ. ބަސްމަގު ހުންނާންވާނީ ރީތިކޮށެވެ. ތަހުޒީބުކޮށެވެ. ދާޢީންގެ މިޒާޖުގައި އޯގާވެރިކަމާއި މަޑުމައިތިރިކަން ހުންނާން ޖެހޭނެއެވެ. ސުވާލުތަކަށް ޖަވާބުދޭންވާނީ އޮޅުން ނާރާގޮތަށް އޮމާންކޮށް ސާފުކޮށެވެ. ކަމޭހިތުމާ އެކުގައެވެ. މީހުންގެ ހިތުގައި ނުޖެހޭނީ އޭރުންނެވެ.

އިސްލާމްދީނަށް ގޮވައިލާ މީހެއްގައި ހުންނަން ޖެހޭނެ ވަރަށް މުހިންމު އަނެއް ސިފައަކީ އެމީހަކު ދީނަށް ގޮވައިލާ މުޖުތަމައެއްގެ ބަހާއި، ބަހުރުވައިގެ ތެރެއަށް ފުރިހަމަޔަށް ވަދެހުރުމެވެ. ދާޢީ އެބަޔަކާ މުޚާޠަބުކުރާ މީހުންނަށް އޭނާގެ ވާހަކަ ފުރިހަމަޔަށް ވިސްނައިގަނެވޭނީ އޭރުންނެވެ. ފަހުމުކުރެވޭނީ އޭރުންނެވެ. އޭނާގެ ވާހަކައިން ބޮޑަށް އަސަރުކުރާނީ އޭރުންނެވެ.

ހަމައެފަދައިން ކޮންމެ ދާޢީއަކަށް ވެސް ދީން ރަނގަޅަށް އެނގެން ޖެހޭނެއެވެ. އިންސާނާއަށް އޭނާ ނުދަންނަ އެއްޗެއް އަނެކުންނަށް ވިސްނައެއް ނުދެވޭނެއެވެ. ނޭނގޭކަމެއް ކިޔައެއްނުދެވޭނެއެވެ. ދަޢުވަތެއްގެ ކާމިޔާބީގެ ވަރަށް މުހިންމު އަނެއް ބަޔަކީ ނިޔަތުގެ އިޚުލާޞްތެރިކަމެވެ. ސާބިތުކަމާއެކު މަސައްކަތުގައި ދެމިހުރުމެވެ. ރީތި މިސާލެއް ކަމުގައި އެމީހަކު ވުމެވެ. މަޝްހޫރު ހަރުބަހެއްގައި ވެއެވެ. "ލަފުޒުތަކުގެ އަޑަށްވުރެ ޢަމަލުތަކުގެ އަޑުން މާބޮޑަށް އަސަރުކުރުވައެވެ."

ކުރީން މިދަންނަވައިލި ކަންތައްތަކުގެ އިތުރަށް ދާޢިން އެބައިމީހުންގެ ދަޢުވަތުގެ މަސައްކަތުގައި ހިންމަތްތެރިކަމާއެކު މަސައްކަތްކުރާން ޖެހޭނެއެވެ. ތިމާގެ ވާޖިބު ރަނގަޅަށް ދަންނަ މުސްލިމަކަށް ވާންޖެހޭނެއެވެ. މިޒަމާނުގެ ކްރިސްޓިއަން ތަބްޝީރީ މަސައްކަތްކުރާ މީހުންގެ ކިބައިން އަޅުގަނޑުމެން އެބައިމީހުންގެ މަސައްކަތުގެ ވައްޓަފާޅި ދަސްކޮށް ފިލާވަޅު ހޯދަންވާނެއެވެ. ދަގަނޑުން ދަގަނޑު ކަނޑާ އުސޫލުން އެމީހުންވެސް އެބޭނުންކުރާ ހުނަރުތަކުގެ ޒަރީޢާއިން އެމީހުންގެ މަސައްކަތަށް ރައްދުދޭން ޖެހޭނެއެވެ. ހަމައެފަދައިން މިސްކިތްތައް ޢިމާރާތްކުރުމަށާއި ޒުވާން ޖީލުތަކުގެ މައްސަލަތަކަށް އަހައްމިޔަތު ދޭންޖެހޭނެއެވެ. ޒުވާނުންނަށްޓަކައި ހުރިހާ ފެންވަރެއްގެ އިސްލާމީ ތަޢުލީމުގެ މަރުކަޒުތައް ހަދަން ޖެހޭނެއެވެ. ކުލިނިކުތަކާއި، އަސްފަތާލުތަކާއި، ޔަތީމުން ބަލަހައްޓާ ތަންތަނާއި، މީހުންނަށް އެހީވެދިނުމުގެ އިދާރާތައް އުފައްދައި އިޖްތިމާޢީ ޚިދުމަތްތައް ހަރުދަނާކުރަން ޖެހޭނެއެވެ. މުޖުތަމަޢުގައި އިސްލާމީ ވެށްޓެއް ޤާއިމުވެ އިސްލާމްދީން އެބައޮތް ކަމުގެ އިޙްސާސް ވަރުގަދަވާނީ އޭރުންނެވެ. އިސްލާމްދީނުގެ ނަބިއްޔާ ސައްލަﷲ ޢަލައިހި ވަސައްލަމް ވަނީ އުއްމަތަށް މަގުދައްކަވާ ބޭކަލެއްގެ ޙައިޘިއްޔަތުން ދީނަށް ދަޢުވަތު ދެއްވުމުގެ ވެސް އެންމެ ރީތި އެންމެ ފުރިހަމަ މިސާލުތައް ޤާއިމުކުރައްވައިފައެވެ. ޚާއްސަކޮސް ޔަމަންކަރަޔަށް ދީނަށް ގޮވައިލެއްވުމުގެ ވަފުދުތައް ފޮނުއްވިއިރު ވަނީ ދީނީ ދަޢުވަތުގެ ރަން އުޞޫލުތަކެއް ބަޔާންކޮށްދެއްވައިފައެވެ. އިތުރު ސާހިބާ އަންގަވައިފައިވަނީ އެންމެ ފުރަތަމަ މާތް ﷲ ގެ އެއްކައުވަންތަކަމަށް ގޮވައިލުމަށެވެ. އެއަށްފަހު ދީނުގެ އެހެނިގެން ކަންކަން އުނގަންނައިދިނުމަށެވެ. ކީރިތި ޤުރްއާނުގައި ޞަރީޙު ބަސްފުޅުން ރާ ޙަރާމްކުރެއްވުމުގެ ކުރީން ރާ އާ ދުރުހެލިކުރެއްވުމަށްޓަކައި ވަނީ ފިޔަވަޅަކަށްފަހު ފިޔަވަޅެއް ޙަޤީޤީ އަމާޒާ ގާތްކުރައްވަމުން ގެންދަވާ ގޮތަށް އިޜްޝާދު ދެއްވައިފައެވެ. ޝައްކެއް ނެތެވެ. މާތް ﷲ ފިޔަވައި އަޅުކަން ވެވޭނެ ދެވަނަ ފަރާތެއް ނުވެއެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމް ދެއްކެވި އުސްވަތަށްވުރެ ފުރިހަމައަށް ޢަމަލުކުރެވޭނެ ނަމޫނާއެއް ނުވެއެވެ.

ސުވާލު: އަޙުމަދު ދީދާތު އިސްލާމްދީނަށް ދަޢުވަތު ދެއްވި ގޮތާމެދު ވިދާޅުވާނީ ކީކޭތޯއެވެ؟

ޖަވާބު: ޝައްކެއް ނެތެވެ. އަޙުމަދު ދީދާތުގެ ދަޢުވަތުގައި ގެންގުޅުއްވި ގޮތަކީ ކޮންމެވެސް ވަރަކަށް އަސަރުކުރުވި ގޮތެކެވެ. އޭނާ ވަނީ ކްރިސްޓިއަނުންނަށް އެބައި މީހުން މިހާރު ގެންގުޅޭ ބައިބްލްގައި ހުރި އުނިކަން އަންގަވައިދެއްވައިފައެވެ. އެބައިމީހުންގެ ނަޒަރިއްޔާތަކުގެ ބުއްދި ޤަބޫލުނުކުރާ ކަން ސާބިތުކޮށްދެއްވައިފައެވެ. ނަމަވެސް ދީދާތު ގެންގުޅުއްވި އުސްލޫބުން ވަނީ އިސްލާމްދީނުގެ ދުޝްމިނުންތަކެއްވެސް އުފައްދަވައިފައެވެ. އެމީހުން ވަނީ އިސްލާމްދީނާ އިހުނަށްވުރެ ބޮޑަށް ދުރުހެލިވެފައެވެ. ކުރިޔަށްވުރެ ވަރުގަދަޔަށް އިސްލާމްދީނަށް ގޮންޖަހަން ފަށައިފައެވެ.

ޢާންމު އިންސާނީ ތަޖުރިބާއެކެވެ. ދުޝްމިނުންނާ ދެކޮޅަށް ބަޙުޘްކޮށް ދަލީލު ދައްކައިގެން އެބައިމީހުން ބަލިކުރުމަކީ ވަރަށް މަދުފަހަރަކު މެނުވީ ފައިދާހުރި ކަމަކަށް ނުވެއެވެ. ބަޙުޘްގައި ނާކާމިޔާބުވުމަށްފަހު އެބައިމީހުންގެ ހިތްތަކުގައި ދެކޮޅުވެރިކަމާއި ޢަދާވާތްތެރިކަމުގެ އަލިފާންގަނޑު ކުރިޔަށްވުރެ މާވަރުގަދަޔަށް އަނދައިގަނެއެވެ.

އަޅުގަނޑުގެ ޚިޔާލުގައި ކީރިތި ޤުރްއާނުގެ އިރުޝާދާއި ނަބަވީ ސުންނަތުގެ އަލީގައި ދަޢުވަތުގެ މަސައްކަތް މާފުރިހަޔަމަށް ކުރިޔަށް ގެންދެވިދާނެއެވެ. ދަޢުވަތުގެ ބިންގަލަކަށް ހަދަންވާނީ އެއްކައުވަންތަކަމުގެ ދަޢުވަތެވެ. ތައުޙީދުގެ މެސެޖު ދިނުމެވެ. އިސްލާމީ ތަޢުލީމުގެ މަންބަޢަކީ އެއީއެވެ. އަޅުގަނޑު މިދެންނެވި ދެންނެވުމުގެ މަޠުލަބަކީ ބައިބްލްސްގެ އެހީއެއް ލިބޭން އޮތް ތަނެއްގައި އެއެހީ ނުހޯދާ ވާހަކައެއްނޫނެވެ. ބައިބްލަށް ޙަވާލާދީ ވާހަކަދައްކާއިރު ވަރަށް ބޮޑަށް ފަރުވާތެރިވާންޖެހޭނެއެވެ. ތިމާގެ ވާހަކަ އިތުރަށް ވަރުގަދަކުރުމަށްޓަކައި ބައިބްލްގެ އެހީ ހޯދަންވާނީ އެކަމަށް ކޮންމެހެން ބޭނުންވާ ވަރަށެވެ. ބައިބްލްގެ ވާހަކަތަކަށް މާބޮޑަށް އަހައްމިއްޔަތު ދިނުމުގެ ސަބަބުން ޤަޞްދަކާ ނުލައި މިހާރު އުނިއިތުރު ގެނެސްފައިވާ ބައިބްލްގެވެސް މުޅި މަތުނަކީ މާތް ﷲ ގެ ޙަޟުރަތުން އައިސްފައިވާ އެއްޗެއް ކަމަށް ބަޔަކަށް ދޭހަވިޔަދީގެން ނުވާނެއެވެ. ކުރުކޮށް ދަންނަވާނަމަ ބައިބްލަށް ޙަވާލާ ދޭންވާނީ "ތިޔަ ބޭފުޅުންގެ ބައިބްލްގައިވެސް އޮންނަނީ މިހެންނެވެ." ބުނަންޖެހޭ ދަނޑިވަޅުގައެވެ.

އަޅުގަނޑު ދަންނަވަން މިއުޅެނީ އިސްލާމްދީނަކީ ވަރަށް ފުރިހަމަ ދީނެއް ކަމުގައެވެ. އެދީނަށް އެއްވެސް އުނިއިތުރެއް ގެންނާކަށް ނުޖެހެއެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެކަލޭގެފާނުގެ ޚުޠުބަތުލް ވަދާޢުގައި ޙަވާލާ ދެއްވި އަންނަނިވި އާޔަތުގައިވާ ފަދައިންނެވެ.

"މިއަދު، ތިޔަބައިމީހުންގެ ދީން، ތިޔަބައިމީހުންނަށް ތިމަން ރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަން ރަސްކަލާނގެ ނިޢުމަތް، ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދައިފީމެވެ. އަދި އިސްލާމްދީން ތިޔަބައިމީހުންނަށް ދީނެއްކަމުގައި ތިމަން ރަސްކަލާނގެ ރުހިވޮޑިގެންފީމެވެ."

(ނުނިމޭ)