ޚަބަރު

1000 ކުދިން ބައިވެރިވި "ބީއެމްއެލް ވާއު ކިޑްސް ރަން" ކާމިޔާބުކަމާއެކު ނިންމާލައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ޓޯޓަލް ފިޓްނަސް ގްރޫޕު (ޓީއެފްޖީ) ގުޅިގެން ބާއްވަމުން އަންނަ "ބީއެމްއެލް ވާއު ކިޑްޒް ރަން"ގެ މިއަހަރުގެ ދުވުން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މިއަހަރުގެ "ބީއެމްއެލް ވާއު ކިޑްޒް ރަން" ހަތަރު އުމުރު ފުރާއެއްގެ 1000 ކުދިންނާއި އެކުދިންގެ ބެލެނިވެރިންނާއެކު ކުރިއަށްގެންގޮސްފައިވަނީ މިއަދު ހެނދުނު ހުޅުމާލޭގައެވެ.

އެ ދުވުމާ ގުޅޭގޮތުން ބީއެމްއެލްގެ މެނޭޖަރު ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ، ޓީއެފްޖީއާއެކު މި ދުވުން މިއަހަރަވުސް ވަރަށް ފުރިހަމަ ގޮތެއްގައި ބޭއްވިގެންދިއުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"މިއީ ބައިނަލްއަގުވާމީ ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ މުހިންމުކަން ކުޑަކުދިންނަށް އުނގަންނައިދިނުމުގެ ބޭނުމުގައި އަޅުގަނޑުމެން ބާއްވަމުންދާ ހާއްސަ ހަރަކާތެއް،" ސައީދު ވިދާޅުވިއެވެ.

އެ ދުވުމުގެ ތިން އުމުރުފުރާއެއް ކުރިއަށްގެންދިޔައީ ބެލެނިވެރިޔަކާއެކުއެވެ. އެއީ ހަތަރު އަހަރާއި ހަ އަހަރާ ދެމެދުގެ އުމުރުފުރާގެ 1.3 ކިލޯމީޓަރުގެ ދުވުން، ހަ އަހަރާއި އަށް އަހަރާ ދެމެދުގެ އުމުރުފުރާގެ ދެ ކިލޯމީޓަރުގެ ދުވުން އަދި އަ އަހަރާއި ދިހަ އަހަރާ ދެމެދުގެ އުމުރުފުރާގެ ތިން ކިލޯމީޓަރުގެ ދުވުމެވެ. އޭގެ އިތުރުން ދެން ހިމެނުނީ ބެލެނިވެރިޔަކާ ނުލައި ކުރިއަށްދިޔަ ދިހަ އަހަރާއި 13 އަހަރާ ދެމެދުގެ ހަތަރު ކިލޯމީޓަރުގެ ދުވުމެވެ.

އެ ދުވުމުގައި ބައިވެރިވި ކޮންމެ ކުއްޖަކު ވެސް ދުވުން ނިންމި ވަގުތު ވަނީ މެޑަލް ދީފައެވެ. "ބީއެމްއެލް ވާއު ކިޑްޒް ރަން" އަކީ ގިނަ އަދަދެއްގެ ކުޑަކުދިންގެ ތަރުހީބު ކޮންމެ އަހަރަކުވެސް ލިބޭ ދުވުމެކެވެ. މިއީ ބީއެމްއެލް އާއި ޓީއެފްޖީ ގުޅިގެން އެ ދުވުން ބޭއްވި ފަސްވަނަ އަހަރެވެ.