ގަތަރު ވޯލްޑް ކަޕް 2022

ގަތަރު ވޯލްޑްކަޕް 2022: މިއީ ޑިސްކޮލިފައި ކުރުމާއި ޝަކުވާތަކުގެ ވޯލްޑްކަޕެއް

އިމާދު ލަތީފު

1

ގަތަރުގައި މިއަހަރު ބާއްވާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތަށް ދެކުނު އެމެރިކާ ބައްރުން ކޮލިފައިވެފައިވާ އިކުއެޑޯރ މުބާރާތުން ޑިސްކޮލިފައިކޮށް އެޖާގަ ދޭން ދެކުނު އެމެރިކާގެ އެހެން ގައުމެއް ކަމަށްވާ ޗިލީން ރަސްމީކޮށް ފީފާގައި މިހާރު ވަނީ އެދިފައެވެ. ޗިލީން ބުނާ ގޮތުގައި އިކުއެޑޯރގެ ޓީމަށް ކުޅެގެން ނުވާނޭ، އަދި ކުޅުމުގެ ފުރުސަތުވެސް ދީގެން ނުވާނޭ ބިދޭސީއަކު ލައްވާ އިކުއެޑޯރއިން ވަނީ ކުޅުވައިފައެވެ. ކޮލިފައިން ބުރުގައި އިކުއެޑޯރއިން ކުޅުނު މެޗުތަކުގެ ތެރެއިން 8 މެޗެއްގައި އެ ކުޅުންތެރިޔާ ވަނީ ކުޅެފައެވެ. މިއީ ވަގު ޑޮކިއުމަންޓްތަކެއް ހަދައިގެން ފީފާއަށްވެސް އޮޅުވާލައިގެން އިކުއެޑޯރއިން ކޮށްފައިވާ ވައްކަމެއް ކަމަށްވެސް ޗިލީން ބުނެއެވެ. މި ކުޅުންތެރިޔާ ވަނީ ކޮލިފައިން ބުރުގައި ޗިލީއާ ދެކޮޅަށް އިކުއެޑޯރ ކުޅުނު ދެ މެޗުގައިވެސް ކުޅެފައެވެ.

މައްސަލަ ޖެހިގެން އުޅޭ ކުޅުންތެރިޔަކީ ކާކު؟

މައްސަލަ އުފެދިގެން އުޅޭ ކުޅުންތެރިޔަކީ ކަނާތު ބެކަށް ކުޅޭ އުމުރުން 23 އަހަރުވީ ބައިރޮން ކާސްޓިޔޯއެވެ. މީނާޔަކީ އިކުއެޑޯރުގެ ކުލަބެއް ކަމަށްވާ ބާސެލޯނާ އެސްސީގެ ޑިފެންޑަރެކެވެ. ޗިލީން ބުނާގޮތުގައި މީނާޔަކީ ކޮލަމްބިއާއަށް އުފަން ކޮލަމްބިޔާ މީހެކެވެ. އޭނާ ލައްވާ އިކުއެޑޯރުގެ ގައުމީ ޓީމަށް ކުޅުވައިފައިވަނީ ވަގު ޑޮކިއުމަންޓްތަކެއް ހަދައިގެންނެވެ. އުފަންވިތަނާއި އުފަން ތާރީޚުވެސް އޮޅުވާލައިގެންނެވެ. ކާސްޓިޔޯއަކީ ކާކުކަން އެނގޭނޭ ސައްހަ ޑޮކިއުމަންޓްތައްވެސް ޗިލީން ވަނީ ފީފާއަށް ހުށައަޅައިފައެވެ. މިކަން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ފީފާއިން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. އިކުއެޑޯރގެ ސީނިއަރ ގައުމީ ޓީމަށް ކާސްޓިޔޯ ކުޅެން ފެށީ ހުސްވި 2021 ވަނަ އަހަރުގައެވެ.

އިކުއެޑޯރުގެ ޖާގަ ޗިލީއަށް ދީފާނެތަ؟

މުބާރާތް ފެށެން ހައެއްކަ މަހަށް ވެފައިވަނިކޮށް އަލަށް ފެންމަތިވި ކަންތައްތަކާ ގުޅިގެން ޗިލީއަށް ބޮޑު ހައިރާންކަމެއް ވަނީ ލިބިފައެވެ. އިކުއެޑޯރުން ބޮޑު އޮޅުވާލުންތަކެއް އޮޅުވާލައި ބޮޑު ވައްކަމެއް ކޮށްފައިވާތީ ޗިލީގެ އެދުމަކީ އިކުއެޑޯރ ޑިސްކޮލިފައިކޮށް އެޖާގަ ޗިލީއަށް ދިނުމެވެ. އިކުއެޑޯރ ކޮލިފައިވެފައިވަނީ ދެކުނު އެމެރިކާ ޒޯނުގެ ހަތަރުވަނަ ޓީމުގެ ގޮތުގައެވެ. އެއީ ދެކުނު އެމެރިކާގެ އޮޓޮމެޓިކް އެންމެ ފަހު ޖާގައެވެ. ކޮލިފައިންގެ ފަސްވަނައަށް ދިޔަ ޕެރޫއަށް ޖެހިފައިވަނީ ޕްލޭއޮފް ކުޅެގެން ޖާގައެއް ކަށަވަރުކުރާށެވެ. ޕެރޫއަށް އޮތީ އޮސްޓްރޭލިޔާ ނުވަތަ ޔުނައިޓެޑް އަރަބް އެމިރޭޓްސްއެވެ. ދެކުނު އެމެރިކާގެ ކޮލިފައިން ބުރު ނިމުނުއިރު ޗިލީ ލައްވައިލީ ހަވަނައިގައެވެ. ފީފާއިން އަދި ވަކި އެއްޗެއް ނުބުނެއެވެ. ވަކި އެއްޗެއް ބުނާނީ މައްސަލަ ތަހުގީގު ކުރުމަށްފަހުގައެވެ.

މީގެ ކުރިން އެއްވެސް ބަޔަކު ޑިސްކޮލިފައި ކުރިތަ؟

މިފަހަރު ގަތަރުގައި ބާއްވާ ވޯލްޑްކަޕުން ސިޔާސީ ސަބަބުތަކަށްޓަކައި ރަޝިޔާވެސް ވަނީ ސަސްޕެންޑް ކުރެވި ޑިސްކޮލިފައި ކުރެވިފައެވެ. ރަޝިޔާއަށް ޕްލޭއޮފް ދެ މެޗެއް ކުޅެގެން ގަތަރު ވޯލްޑްކަޕަށް ކޮލިފައި ވެވެން އޮތެވެ. އެކަމަކު ޔުކްރޭނުގެ މައްސަލައިގައި ފީފާޔާއި ޔުއޭފާއިން ރަޝިޔާ ސަސްޕެންޑްކޮށް ވޯލްޑްކަޕުން ބޭރުކޮށްލީމާ ޕޮލެންޑް ވަނީ ޕްލޭއޮފް ފުރަތަމަ މެޗު ނުކުޅެ ޕްލޭއޮފްގެ ފައިނަލަށް ކޮލިފައިވެފައެވެ. ފަހު މެޗުގައި ސްވިޑަން ބަލިކޮށް ޕޮލެންޑް ވަނީ ވޯލްޑްކަޕަށް ކޮލިފައިވެފައެވެ. އެހެންވީމާ ރަޝިޔާ ޑިސްކޮލިފައި ކުރުމުގެ މަންފާ ލިބުނީ ހަގީގަތުގައި ޕޮލެންޑަށެވެ. ޑިސްކޮލިފައި ނުކުރިނަމަ ރަޝިޔާއަށް ފުރުސަތު އޮތެވެ. ފީފާއިން އިކުއެޑޯރ ޑިސްކޮލިފައިކޮށްފިނަމަ މިފަހަރުގެ ވޯލްޑްކަޕުން ބޭރުކޮށްލެވުނު ދެވަނަ ގައުމުކަމަށް އިކުއެޑޯރ ވާނެއެވެ.

އީރާނުގެ ޖާގަ ހޯދަން އިޓަލީން އުޅުނުތަ؟

މިފަހަރުގެ ވޯލްޑްކަޕަށް ކޮލިފައިނުވެ އިޓަލީ ކެޓީމާ އީރާނު ޑިސްކޮލިފައިކޮށް އެޖާގަ އިޓަލީއަށް ހޯދައިދޭން އިޓަލީގެ ނޫސްވެރިން މަސައްކަތްތަކެއް ކުރިއެވެ. އީރާނަކީ އޭޝިއާ ބައްރުން ކޮލިފައިވި ގައުމެކެވެ. އީރާނު ބޭރުކޮށްލެވިއްޖެނަމަ އެޖާގަ އިޓަލީއަށް ލިބިދާނޭ ކަމަށް ބަލައިގެން އީރާނާއި ދެކޮޅަށް ޔޫރަޕުގައި ކެމްޕޭނެއްވެސް ހިންގިއެވެ. އީރާނު ބޭރުކޮށްލަންޖެހޭ ސަބަބެއް ކަމަށް ބުނަމުން ދިޔައީ ލުބުނާނާއި ދެކޮޅަށް އީރާން ކުޅުނު ކޮލިފައިން މެޗު ބަލަން ސްޓޭޑިއަމަށް ވަނުމަށް އީރާނުގެ ދެހާހެއްހައި އަންހެނުން ޓިކެޓް ނަގައިގެން ތިއްބާ އެއިން އެއްވެސް މީހަކު ސްޓޭޑިއަމަށް ނުވެއްދި މައްސަލައެވެ. މިކަމަކީ ކުރިންވެސް ފީފާއިން އީރާނަށް އިންޒާރުކޮށްފައިވާ ކަމަކަށްވާތީ މިއީ އީރާނު ބޭރުކޮށްލަން އެކަށީގެންވާ ސަބަބެެއް ކަމަށްވެސް ބުނެފައިވެއެވެ. އެކަމަކު ފީފާއިން ނިންމީ އީރާނު ޑިސްކޮލިފައި ނުކުރުމަށެވެ.

ޖާގަ ބޭނުންވެގެން އެހެންބަޔަކު ޝަކުވާ ކުރިތަ؟

މިފަހަރުގެ ކޮލިފައިން މަރުހަލާޔަކީ ގައުމުތަކުގެ ޝަކުވާތައް ވަރަށް ބޮޑުވެގެންދިޔަ މަރުހަލާއެކެވެ. ކެމެރޫން ޑިސްކޮލިފައިކޮށް އެޖާގަ ދޭން އަލްޖީރިޔާއިންވެސް އެދުނެވެ. އެކަން ނުކުރާނަމަ ޕްލޭއޮފްގެ ދެވަނަ މެޗު އަލުން ކުޅުވައިދޭން އެދުނެވެ. މިކަމަށް އެދުނީ ރެފްރީކަންކުރި ގެމްބިއާގެ ބާކަރީ ގައްސާމާ ބޭއިންސާފު ނިންމުންތަކެއް ނިންމާފައިވާ ކަމަށް ބުނެފައެވެ. ފީފާއިން ނިންމީ އަލުން ކުޅުވާނޭ ޖާގައެއް ނެތް ކަމުގައެވެ. ހަމައެގޮތަށް ސެނެގޯލާއި މިސްރު ކުޅުނު ޕްލޭއޮފްގެ ދެވަނަ މެޗުގައި ސެނެގޯލްގެ ސަޕޯޓަރުން މިސްރުގެ ފޯވާޑް މުހައްމަދު ސަލާހުގެ މޫނަށް ލޭޒަރ ދޯދި އަޅުވައި އޭނާއަށް އުނދަގޫކޮށްފައިވާތީ ސެނެގޯލް ޑިސްކޮލިފައިކޮށް އެޖާގަ މިސްރަށް ދޭން، ނުވަތަ މެޗު އަލުން ކުޅުވަން މިސްރުންވެސް އެދުނެވެ. ފީފާއިން ނިންމީ މިސްރުގެ އެދުން ގަބޫލު ނުކުރުމަށެވެ.