ލުއި ޚަބަރު

އެވަރެސްޓް ފަރުބަދަޔަށް 26 ފަހަރު އަރައި ނޭޕާލު މީހަކު އޭނާގެ ރިކޯޑް އައުކޮށްފި

ދުނިޔޭގެ އެންމެ އުސް ފަރުބަދަ ކަމަށްވާ އެވަރެސްޓް ފަރުބަދައިގެ އެންމެ އުހަށް 26 ވަނަ ފަހަރަށް އަރައި ނޭޕާލު މީހަކު އޭނާގެ ރިކޯޑު އައުކޮށްފިއެވެ.

އުމުރުން 52 އަހަރުވީ ކަމިރީޓާ ޝޭރްޕާ ވަނީ ހުސްވި އަހަރު އެވަރެސްޓް ފަރުބަދަޔަށް އަރައި ދުނިޔޭގެ ރިކޯޑު ހަދައިފައެވެ. ހުސްވި އަހަރު އޭނާ އެފަރުބަދަޔަށް އެރި އެރުމަކީ އޭނާގެ 25 ވަނަ ފަހަރެވެ. އެއީ ރިކޯޑެކެވެ. މިހަފުތާގެ ހޮނިހިރު ދުވަހު އަލުން މި ފަރުބަދަޔަަށް އަރައިގެން ކަމިރީޓާގެ ރިކޯޑު އޭނާ އައުކުރީއެވެ.

ނޭޕާލާއި ޗައިނާގެ އިމުގައި ހުންނަ އެވަރެސްޓް ފަރުބަދައިގެ އުސްމިނަކީ 8849 މީޓަރެވެ. މިއަހަރު ފަރުބަދަޔަށް އެރުމުގެ މޫސުން ފެށުމުގެ ގޮތުން ކަމިރީޓާ މި ފަރުބަދަޔަށް އެރީ އިތުރު ދިހަ އެހީތެރިންނާއެކު ފަރުބަދައިގެ އެންމެ އުސް ކުންނަށް އެރުމަށް ފަރުބަދައިގެ ދެކުނު ފަރާތުން ބޭނުންކުރާ މަގު ނުވަތަ ރޫޓު ސާފުކުރުމުގެ ގޮތުންނެވެ.

މިފަރުބަދަޔަށް އެންމެ ފުރަތަމަ އެރުމުގައި ކާމިޔާބުހޯދީ 1953 ވަނަ އަހަރު ނިއުޒިލެންޑްގެ އެޑްމަންޑް ހިލަރީޔާއި ނޭޕާލުގެ ޓެންޒިން ނޯގޭ އެވެ. އޭގެ ފަހުން މިހާތަނަށް އެކި މީހުން 10657 ފަހަރު އެވަރެސްޓަށް އަރައިފިއެވެ. މި ފަރުބަދަޔަށް އަރަން އުޅެގެން މިހާތަނަށް 311 މީހަކު މަރުވެފައިވެއެވެ. އެވަރެސްޓަށް އެރުމަށް ބޭނުންކުރަނީ ދެ ރޫޓެކެވެ. އެއްރޫޓަކީ ނޭޕާލުގެ ތެރެއިން ފަރުބަދައިގެ ދެކުނުގެ ރޫޓެވެ. އަނެއް ރޫޓަކީ ފަރުބަދައިގެ އުތުރު ފަރާތުން ޗައިނާގެ ތެރެއިން އޮންނަ ރޫޓެވެ. މިތަނުން ބޮޑަށް މަގްބޫލު ރޫޓަކީ ނޭޕާލުގެ ތެރެއިން އޮންނަ ދެކުނު ރޫޓެވެ.